ސީދާ ޚަބަރަށް
23 ނޮވެމްބަރު 2026DHARAJA.COM
ADVERTISEMENT

ހަބަރުއަދާލަތު ޕާޓީ

ސަރުކާރުގެ ސިޔާސަތުތަކަށް އަދާލަތު ޕާޓީގެ ތައުރީފް!

ވަތަނީ ހިދުމަތާއި ހާފިޒުންނާއި ޒުވާން ހަތީބުން އުފެއްދުމުގެ ޕްރޮގްރާމްތަކަށް ޕާޓީގެ ރައީސް ތައުރީފް ކުރެއްވި

2 މިނެޓް

އަދާލަތު ޕާޓީގެ ރައީސް ޝިފާން. --- ފޮޓޯ: ޕީއެންސީ
އަދާލަތު ޕާޓީގެ ރައީސް ޝިފާން. --- ފޮޓޯ: ޕީއެންސީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރިއަށް ގެންދާ ވަތަނީ ހިދުމަތާއި ހާފިޒުންނާއި ޒުވާން ހަތީބުން އުފެއްދުމުގެ ޕްރޮގްރާމްތަކަށް އަދާލަތު ޕާޓީގެ ރައީސް ޝެއިހް މުހައްމަދު ޝިފާން މިއަދު ތައުރީފް ކުރައްވައިފިަ އެވެ.

ޕީއެންސީ އާއި އަދާލަތު ޕާޓީ ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވުމުގައި ސޮއިކުރަން ބާސެލޯ ނަސަންދުރާގައި އޮތް ރަސްމިއްޔާތުގައި ޝިފާން ވިދާޅުވީ މި ސަރުކާރާ ގުޅިގެން މަސައްކަތްކުރަން ނިންމީ ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގައި ދީނުގެ ކަންކަން ހަރުދަނާކުރުމަށާއި ގައުމުގެ ސިޔާދަތާއި މިނިވަންކަން ދިފާއުކުރުމާއި ގައުމުގެ އިގްތިސާދު ރަނގަޅުކުރުމަށް ކުރައްވާ މަސައްކަތްތަކަށް އިތުރު ވަރުގަދަ ކަމެއް ދިނުމުގެ ގޮތުން ކަމަށެވެ.

އިސްލާމިކް ފައިނޭންސް ފުޅާކުރުމާއި ޒަކާތާއި ވަގްފުގެ ނިޒާމު ހަރުދަނާ ކުރުމަކީ އަދާލަތު ޕާޓީން އަބަދުވެސް ވަކާލާތު ކުރާ ސިޔާސަތުތަކަށް ވީއިރު، އެކަންކަން މި ސަރުކާރުން ތަންފީޒު ކުރަމުން ގެންދާ ކަމަށް ޝިފާން ވިދާޅުވި އެވެ.

ޕީއެންސީ އާއި އަދާލަތު ޕާޓީން ކޯލިޝަން އެއްބަސްވުމުގައި މިއަދު ސޮއިކުރަނީ. --- ފޮޓޯ: ޕީއެންސީ
ޕީއެންސީ އާއި އަދާލަތު ޕާޓީން ކޯލިޝަން އެއްބަސްވުމުގައި މިއަދު ސޮއިކުރަނީ. --- ފޮޓޯ: ޕީއެންސީ

"ޒުވާން ޖީލު ހެޔޮ ގޮތުގައި ބިނާ ކުރުމަށް ތައުލީމީ ނިޒާމަށް ގެންނަމުންދާ ހެޔޮ ބަދަލުތަކާއި ވަތަނީ ހިދުމަތާއި ހާފިޒުންނާއި ޒުވާން ހަތީބުން އުފެއްދުމުގެ ޕްރޮގްރާމްތަކަކީ ރައްޔިތުންނާއި މި ޕާޓީން ވެސް ނުހަނު ބޮޑަށް ބަލައިގެންފައިވާ ސިޔާސަތުތަކެއް،" ޝިފާން ވިދާޅުވި އެވެ.

ޝިފާން ވިދާޅުވި ގޮތުގައި ދިވެހިންނަށް ލިބިފައިވާ އެންމެ ބޮޑު ނިއުމަތަކީ ސައްތައިން ސައްތަ އިސްލާމީ މިނިވަން ދައުލަތެއްގެ ގޮތުގައި ދެމިއޮތުން ކަމަށްވާ އިރު، މިކަމަށް ބުރޫ އަރާފާނެ ފަދަ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށާއި ރާއްޖޭގެ ބިމާއި ކަނޑުގެ ސަރަހައްދުން އިންޗިއެއްގެ މިންވަރު ވެސް ބޭރުގެ ފަރާތަކަށް މިލްކު ނުކުރެވޭނެ ކަން ކަށަވަރު ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުއިއްޒު ވަނީ ދެއްވައިފަ އެވެ.

މި އަސާސީ ސިޔާސަތުގައި ޕީއެންސީ އާއި އަދާލަތު އޮތީ އެއް ވިސްނުމެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ޝިފާން ވިދާޅުވީ ދައުލަތުގެ ދަރަނި ދެއްކުމާއި އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަނެ، ރައްޔިތުންގެ ފުދުންތެރިކަމާއި ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުކޮށް، ބޯހިޔާވަހިކަމާއި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ސަރުކާރުން ކުރަމުން އަންނަ މުހިންމު މަސައްކަތްތަކަށް އަދާލަތު ޕާޓީގެ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެ ކަމަށެވެ.

"އަޅުގަނޑުމެން ސަރުކާރާ އެކީގައި މަސައްކަތް ކުރަން ނިންމީ އަދުލުވެރިކަމާއި އިންސާފުގެ މައްޗަށް ބިނާވެފައިވާ އިގްތިސާދެއް ބިނާކޮށް ރަށްތަކަށް ފުރުސަތުތައް ފަހިކޮށްދީ ދިވެހި ވިޔަފާރިތަކަށް އެހީތެރިވެ، އަޅުގަނޑުމެން ޒުވާނުންނަކީ އަމިއްލަ ފަސްގަނޑުގައި މުސްތަގްބަލް ބިނާކުރާނެ ބަޔަކަށް ހެދުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް ވާގިވެރިވުމަށް،" ޝިފާން ވިދާޅުވި އެވެ.

ADVERTISEMENT

ކޮމެންޓު0COMMENTS

ކޮމެންޓު ޝާއިޢުކުރުމުގެ ކުރިން އެޑިޓަރުން ބަލާނެ.

ADVERTISEMENT