ފުވައްމުލަކުގައި ޑްރަގް ކެފޭއެއް 90 ދުވަހަށް ބަންދުކޮށްފި

ފުވައްމުލައް ސިޓީގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުން ދިޔަ ޑްރަގް ކެފޭއެއް 90 ދުވަހަށް ބަންދުކޮށް ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ މިދިޔަ ބުރާސްފަތި ދުވަހު ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ އެ ރަށު ދޫޑިގަން މާދޫގެ، އަހްމަދު ރަޝީދާއި 32، ދޫޑިގަން ރޫބީ، މުހައްމަދު ޝާޒް 36، ކަމަށެވެ. އެމީހުންގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝާޒް 15 ދުވަހަށް އަދި އަހުމަދު ރަޝީދު 12 ދުވަހަށް ބަންދު ކުރަން ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 17 ގްރާމްގެ ތަކެތި ފެނިފައިވާ ކަމަށެވެ.
އެ ދެމީހުންގެ ތެރެއިން އަހުމަދު ރަޝީދު ދިރިއުޅޭ ބައިގައި މަސްތުވާތަކެތި ކެފޭގެ އުސޫލުން ފޯރުކޮށްދީ މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންގެންދާ މައްސަލައާ ގުޅިގެން، އެ ބައި 90 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ޑްރަގް ކެފޭއެއް ކަމަށް ނިންމައި މާލެ ނޫން ރަށަކުން ތަނެއް ފުރަތަމަ ފަހަރަށް ބަންދުކުރީ ވެސް ފުވައްމުލަކުގަ އެވެ.


