ޝާހިދު ހައްޔަރުކުރި އަމުރު ބާތިލްކޮށްދެވެން ނެތް: ހައި ކޯޓު

އުމުރުން 18 އަހަރު ނުފުރޭ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހައްޔަރުކުރަން ކްރިމިނަލް ކޯޓުން ނެރުނު ބާތިލްކޮށްދެވެން ނެތް ކަމަށް ހައި ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.
ހައި ކޯޓުން އެގޮތަށް ހުކުމް ކުރީ، މައްސަލައިގެ ބާވަތުން ސިއްރުކޮށްގެން ބޭއްވި އަޑު އެހުމުގަ އެވެ.
ހައި ކޯޓުގެ ހުކުމްގައި ވަނީ ކްރިމިނަލް ކޯޓުން އެ އަމުރު ނެރެފައިވަނީ ގާނޫނާ އެއްގޮތަށް ކަމަށްވުމުން ޝާހިދުގެ ފަރާތުން އެދުނު ގޮތަށް އެ އަމުރު ބާތިލްކޮށްދެވެން ނެތް ކަމަށެވެ.
މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ އިސް ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާ، ފަނޑިޔާރު އިސްމާއީލް ޝަފީއު، ފަނޑިޔާރު ފާތިމަތު ފަރުހީޒާ އެވެ.
ޝާހިދުގެ ފަރާތުން އެ މައްސަލަ އިސްތިއުނާފަށް ހުށަހަޅާފައިވަނީ މި މަހުގެ ފަސްވަނަ ދުވަހުގަ އެވެ. އަދި އަޑުއެހުންތައް ނިންމާލާފައި ވަނީ މިދިޔަ އަންގާރަ ދުވަހު އެވެ.
ޝާހިދު ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރީ މި މަހުގެ 2 ވަނަ ދުވަހުގެ ރެ އެވެ.
އޭގެ ފަހުން، ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ޖަހައިފަ އެވެ.
ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާގެ ލަގަބު އަރުވާފައިވާ ޝާހިދު ވަނީ އދ. ގެ އާންމު މަޖިލިހުގެ ރައީސްކަން ވެސް ކުރައްވައިފަ އެވެ.
ޝާހިދު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރިއިރު، 2028 ގައި އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށް ޝާހިދު ގެންދެވީ ކެމްޕެއިން ކުރައްވަމުންނެވެ.


