ޕާކިސްތާނުގެ ސަފީރަކަށް ސިފައިންގެ ކުރީގެ އިސް އޮފިސަރެއް

ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅާ އާ ސަފީރަކަށް އެ ގައުމުގެ ކަނޑުގެ ސިފައިންގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ވައިސް އެޑްމިރަލް (ރިޓަޔަޑް) އުވައިސް އަހްމަދު ބިލްގްރާމީ ކަނޑައަޅައިފި އެވެ.
އާ ސަފީރު ވަނީ ޕާކިސްތާނުގެ ރިޔާސީ ގަނޑުވަރު "އީވާން-އޭ-ސަދްރު" ގައި އެ ގައުމުގެ ރައީސް އާސިފް އަލީ ޒަރްދާރީއާ ބައްދަލުކުރައްވައިފަ އެވެ. އަދި ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރުދާރީގެ އޮފީހުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ވަނީ އެ ބައްދަލުވުމުގެ ފޮޓޯތައް ހިއްސާކޮށްފަ އެވެ.
މިދިޔަ ހުކުރު ދުވަހު އޮތް ބައްދަލުވުމުގައި ޕާކިސްތާނުގެ ރައީސް ޒަރްދާރީ ވަނީ އާ ސަފީރަށް މަރުހަބާ ވިދާޅުވެ، ރާއްޖެއާއެކު އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ބާރު އަޅުއްވައިފަ އެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު، ދާދި ފަހުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި 20 އެމްއޯޔޫ ތަންފީޒުކޮށް ނަތީޖާ ނެރެ ދިނުމަށް އިރުޝާދު ދެއްވި އެވެ. ރާއްޖެ އާއި ޕާކިސްތާން އާ ދެމެދު ސޮއިކުރި އެމްއޯޔޫތަކުގެ ތެރޭގައި ވިޔަފާރި، ސިއްހީ ދާއިރާ، ތައުލީމީ ދާއިރާ އަދި ދިފާއީ ގުޅުން ބަދަހި ކުރުން ހިމެނެ އެވެ.
ދެ ގައުމުގެ ދެމެދުގައި ވިޔަފާރި ފުޅާ ކުރުމުގެ އިތުރުން ދިފާއީ ދާއިރާއިން ސޮއިކުރެވުނު ތިން އެއްބަސްވުމުގެ ދަށުން އުފެއްދުމަށް ނިންމާފައިވާ "ޖޮއިންޓް ވޯކިން ގްރޫޕް އޮން ޑިފެންސް އެންޑް ސެކިއުރިޓީ ކޯޕަރޭޝަން" ވީ އެންމެ އަވަހަކަށް އެކުލަވާލުމަށް ވެސް ރައީސް ބާރު އެޅުއްވި އެވެ. އަދި ޕާކިސްތާނުން ދޭ ސްކޮލަޝިޕްތަކުގެ ފުރުސަތު ދިވެހިންނަށް ފަހިކޮށް ދިނުމުގެ މުހިންމުކަން ޕާކިސްތާނުގެ ރައީސް ފާހަގަ ކުރެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި ސަފީރު ވަނީ ޕާކިސްތާނުގެ ރައީސަށް ޝުކުރު އަދާކުރައްވައި ދެ ގައުމުގެ ގުޅުން ބަދަހި ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަން އެންމެ ފަހުން ކުރެއްވީ ވައިސް އެޑްމިރަލް ރިޓަޔާޑް ފައިސަލް ރަސޫލް ލޯދީ އެވެ. އޭނާގެ ދައުރު ހަމަވުމާ ގުޅިގެން ރައީސް ޑރ. މުއިއްޒުގެ އަރިހަށް ވަނީ ވަދާއީ ޒިޔާރަތް ކުރައްވައިފަ އެވެ.


