އަސްކޮއި ގްރޫޕުން އުމްރާވެރިންނަށް ލަނޑު ދިނީ 2.6 މިލިއަން ރުފިޔާ ނަގާފައި!

އުމްރާއަށް ގެންދާނެ ކަމަށް ބުނެ، ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު ހިޔާނާތްތެރިވި މައްސަލައިގެ ތަހުގީގު ނިންމައި އަސްކޮއި ކުންފުންޏާ ދެކޮޅަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ބުނީ އަސްކޮއި ޓްރެވަލް ސާވިސަސް ޕްރައިވެޓް ލިމިޓެޑުން އުމްރާއަށް ގެންގޮސްދޭނެކަމަށް ބުނެ ގިނަ އަދަދެއްގެ މީހުންގެ އަތުން ފައިސާ ނަގައި އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ފުލުހުންނަށް ހުށަހެޅީ މިދިޔަ އަހަރުގެ ޖުލައި 16 ވަނަ ދުވަހު ކަމަށެވެ.
އެ މައްސަލައިގައި ފުލުހުން ކުރި ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވީ މިދިޔަ ބުދަ ދުވަހު ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ވިދާޅުވި ގޮތުގައި:
- އަސްކޮއި ގްރޫޕްގެ ހަވާލުގައި އުމްރާއަށް ދިއުމަށް 109 މީހުން ފައިސާ ދެއްކި
- އަސްކޮއި ގްރޫޕުން އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަން ތަހުގީގަށް އެނގިފައިވޭ
- އެ ފައިސާގެ އަދަދު 2،660،300ރ (ދެމިލިއަން ހަލައްކަ ފަސްދޮޅަސް ހާސް ތިންސަތޭކަ ރުފިޔާ) އަށް އަރާ
މި މައްސަލައަކީ އިސްލާމިކް މިނިސްޓްރީގެ ފަރާތުން ފުލުހުންނަށް ހުށަހެޅި މައްސަލައަކަށްވާ އިރު، އުމްރާއަށް ގެންދަން ބައެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނެގުމަށްފަހު އުމްރާއަށް ނުގެންދިޔަ މައްސަލާގައި އެ ކުންފުނި މިދިޔަ އަހަރު މެއި މަހު 130,000ރ. އިން ޖޫރިމަނާ ވެސް ކުރި އެވެ.
އަދި ގދ. ތިނަދޫގެ އާއިލާއެއްގެ އަތުން ފައިސާ ނަގައި އޮޅުވާލި މައްސަލައެއްގައި، އެ އާއިލާއަށް ދޮޅު ލައްކައަށްވުރެ ގިނަ ރުފިޔާ އަނބުރާ ދެއްކުމަށް މިއަހަރުގެ ފެބްރުއަރީ މަހު ސިވިލް ކޯޓުން ވަނީ އެ ކުންފުނީގެ މައްޗަށް ހުކުމްކޮށްފަ އެވެ.


