ސީދާ ޚަބަރަށް
23 ނޮވެމްބަރު 2026DHARAJA.COM
ADVERTISEMENT

ހަބަރު

ޕީއެންސީ އާއި އަދާލަތު ޕާޓީން ކޯލިޝަން އެއްބަސްވުމެއްގައި ސޮއިކޮށްފި

އަދާލަތުން ވަނީ 2028 ގެ ރިޔާސީ އިންތިހާބު ރައީސް މުއިއްޒަށް ކާމިޔާބުކޮށް ދިނުމަށް ވެސް ނިންމާފައި

3 މިނެޓް

ޕީއެންސީ އާއި އަދާލަތު ޕާޓީން ކޯލިޝަން އެއްބަސްވުމުގައި މިއަދު ސޮއިކުރަނީ. --- ފޮޓޯ: ޕީއެންސީ
ޕީއެންސީ އާއި އަދާލަތު ޕާޓީން ކޯލިޝަން އެއްބަސްވުމުގައި މިއަދު ސޮއިކުރަނީ. --- ފޮޓޯ: ޕީއެންސީ

ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީ އާއި އަދާލަތު ޕާޓީ ގުޅިގެން މަސައްކަތް ކުރުމަށް ކޯލިޝަން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ޕީއެންސީގެ ފަރާތުން ސޮއިކުރެއްވީ ޕާޓީގެ ޗެއާޕާސަން، ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. އަދާލަތު ޕާޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޕާޓީގެ ރައީސް ޝެއިހް މުހައްމަދު ޝިފާނެވެ.

މި ރަސްމިއްޔާތުގައި ރައީސް އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ސަރުކާރުގެ ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންނާއި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ޕީއެންސީއާ އެކު ކޯލިޝަން ހަދައި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުއިއްޒަށް ކާމިޔާބުކޮށް ދިނުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލިހުން ވަނީ ނިންމައިފަ އެވެ. އަދާލަތު ޕާޓީއަށް ރައީސް ދެއްވި ދައުވަތު ގަބޫލްކޮށް އެ ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކުރި ގަރާރުގައި ބުނީ މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި މަސައްކަތްކުރާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީއެންސީއާ އެކު ކޯލިޝަން ހަދައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުއިއްޒަށް ތާއީދު ހޯދުމަށް މަސައްކަތްކުރާނެ ކަމަށް ވެސް ގަރާރުގައިވެ އެވެ.

ޕީއެންސީ އާއި އަދާލަތު ޕާޓީން ކޯލިޝަން އެއްބަސްވުމުގައި މިއަދު ސޮއިކުރަނީ. --- ފޮޓޯ: ޕީއެންސީ
ޕީއެންސީ އާއި އަދާލަތު ޕާޓީން ކޯލިޝަން އެއްބަސްވުމުގައި މިއަދު ސޮއިކުރަނީ. --- ފޮޓޯ: ޕީއެންސީ

ބާސެލޯގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަދާލަތު ޕާޓީގެ ރައީސް ވިދާޅުވީ މިއަދަކީ ސިޔާސީ ބައިވެރިއެއްގެ ގޮތުގައި އެ ޕާޓީން ރައީސް ޑރ. މުއިއްޒުގެ ސަރުކާރާ ރަސްމީކޮށް ގުޅުނު ދުވަސް ކަމަށެވެ.

މިއީ ޕާޓީގެ އިލްމުވެރިންނާއި މަޝްވަރާ މަޖިލީހުގެ އިތުރުން އަތޮޅުތަކުގައި ތިއްބެވި މެމްބަރުންނާއެކު ކުރެވުނު މަޝްވަރާތަކަށްފަހު ނިންމުނު މުހިންމު ނިންމުމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދާލަތު ޕާޓީ ބިނާވެފައިވާ އެންމެ މުހިންމު އަސާސަކީ މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ގައުމިއްޔަތާއި ދައުލަތުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކަމާއެކު އިސްލާމީ ސައްހަ އަގީދާގެ ހަމަތަކުގެ މަތިން ގައުމު ބިނާކޮށް ކުރިއެރުވުމަށް ކަމަށް ޝިފާން ވިދާޅުވި އެވެ.

މި ސަރުކާރާ ގުޅިގެން މަސައްކަތްކުރަން ނިންމީ ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގައި ދީނުގެ ކަންކަން ހަރުދަނާކުރުމަށާއި ގައުމުގެ ސިޔާދަތާއި މިނިވަންކަން ދިފާއުކުރުމާއި ގައުމުގެ އިގްތިސާދު ރަނގަޅުކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އިތުރަށް ވަރުގަދަކުރުމަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އިސްލާމިކް ފައިނޭންސް ފުޅާކުރުމާއި ޒަކާތާއި ވަގްފުގެ ނިޒާމު ހަރުދަނާ ކުރުމަކީ އަދާލަތު ޕާޓީން އަބަދުވެސް ވަކާލާތު ކުރާ ސިޔާސަތުތަކަށް ވީ ހިނދު، އެކަންކަން މި ސަރުކާރުން ތަންފީޒު ކުރަމުން ގެންދިއުމާއި ޒުވާން ޖީލު ހެޔޮ ގޮތުގައި ބިނާ ކުރުމަށް ތައުލީމީ ނިޒާމަށް ގެންނަމުންދާ ހެޔޮ ބަދަލުތަކާއި ވަތަނީ ހިދުމަތާއި ހާފިޒުންނާއި ޒުވާން ހަތީބުން އުފެއްދުމުގެ ޕްރޮގްރާމްތަކަކީ ރައްޔިތުންނާއި މި ޕާޓީން ވެސް ނުހަނު ބޮޑަށް ބަލައިގެންފައިވާ ސިޔާސަތުތަކެއް،" ޝިފާން ވިދާޅުވި އެވެ.

ދިވެހިންނަށް ލިބިފައިވާ އެންމެ ބޮޑު ނިއުމަތަކީ ސައްތައިން ސައްތަ އިސްލާމީ މިނިވަން ދައުލަތެއްގެ ގޮތުގައި ދެމިއޮތުން ކަމަށްވާއިރު، މިކަމަށް ބުރޫ އަރާފާނެ ފަދަ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށާއި ރާއްޖޭގެ ބިމާއި ކަނޑުގެ ސަރަހައްދުން އިންޗިއެއްގެ މިންވަރު ވެސް ބޭރުގެ ފަރާތަކަށް މިލްކު ނުކުރެވޭނެ ކަން ކަށަވަރު ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުއިއްޒު ދެއްވާފައިވާ ކަން ޝިފާންް ފާހަގަ ކުރެއްވި އެވެ.

އަދި މި އަސާސީ ސިޔާސަތުގައި ޕީއެންސީ އާއި އަދާލަތު އޮތީ އެއް ވިސްނުމެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ގައުމުގެ ހަމަޖެހުމާއި ރައްކާތެރިކަމާއި ތަރައްގީއަށް އޮތް ހަމައެކަނި މަގަކީ ޕީއެންސީގެ ސަރުކާރަށާއި ރައީސް ޑރ. މުއިއްޒަށް ދެވަނަ ދައުރެއް ހޯދައި ދިނުން ކަމަށެވެ. އަދި އެ ނޫން މަގެއް ރައްޔިތުންގެ ކުރިމަތީގައި މިހާރު ނެތް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"އެކަން ކުރަން މިޖެހެނީ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށްޓަކައި އެ ދަންމަވައިލެއްވި ފަލަ ރަތް ރޮނގު ހުރަސް ކުރައްވަން އެއްވެސް ބަޔަކަށް ފުރުސަތު ނުދެއްވައި، ޑިޕްލޮމެސީގެ ރިވެތި އުސޫލުން ހާރިޖީ ގުޅުންތައް ގާއިމް ކުރައްވައި، ދާހިލީ ހަމަޖެހުމަށް ޖާގަ ދެއްވައި، ތަރައްގީއަށް ފުރުސަތު ފަހިކޮށްދެއްވައި، ހަމަޖެހުން ގާއިމް ކޮށްދެއްވަމުން އަދުލުވެރިކަން ކުރިއަށް ނެރުއްވީތީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ފިތުނަ ފަސާދަ އުފެއްދުމަކީ ގައުމަށް އިހްލާސްތެރިވުން ނުވަތަ ގައުމަށް ވަފާތެރިވުމެއް ނޫނެވެ. ރައްޔިތުން ބޭނުންވަނީ ތަރައްގީ އާއި ހަމަޖެހުމާއި ރައްކާތެރިކަން ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

ADVERTISEMENT

ކޮމެންޓު0COMMENTS

ކޮމެންޓު ޝާއިޢުކުރުމުގެ ކުރިން އެޑިޓަރުން ބަލާނެ.

ADVERTISEMENT