ސީދާ ޚަބަރަށް
23 ނޮވެމްބަރު 2026DHARAJA.COM
ADVERTISEMENT

ހަބަރު

ޝާހިދު ވިދާޅުވަނީ ދޮން ދަރިއެއް ނެތް ކަމަށް، އެކަމަކު ކުއްޖާ ކިއަނީ "ބައްޕި"!

ޝާހިދުގެ މައްޗަށް ކުރެވެނީ، އިތުބާރުކުރެވޭ މަގާމެއްގައިހުރެ އޭނާގެ 18 އަހަރުން ދަށުގެ ދޮންދަރިއަކަށް މިއަހަރުގެ ކުރީކޮޅުން ފެށިގެން އެކި ފަހަރުމަތިން ޖިންސީ ގޯނާކުރިކަމުގެ ތުހުމަތު

9 މިނެޓް ކުރިން4 މިނެޓް

އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު. ---
އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު. ---

ދޮން ދަރިއަކަށް ޖިންސީ ގޯނާކުރި ކަމުގައި ތުހުމަތުގައި ހައްޔަރުކުރި ކަމުގައި ވިޔަސް، އޭނާގެ ދޮން ދަރިއެއް ނުހުންނާނެ ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހައި ކޯޓުގައި ވަކާލާތު ކުރައްވައިފި އެވެ.

އުމުރުން 18 އަހަރު ނުފުރޭ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ޝާހިދު ހައްޔަރުކުރީ މި މަހުގެ 2 ވަނަ ދުވަހު އެވެ. އަދި އޭނާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހަށް ބަންދު ކުރަން ވަނީ އަމުރުކޮށްފަ އެވެ.

ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލްކޮށް ދިނުމަށް އެދި ޝާހިދުގެ ފަރާތުން ހައި ކޯޓަށް ހުށަހެޅީ މި މަހުގެ ފަސް ވަނަ ދުވަހު އެވެ. ހައި ކޯޓުން ވަނީ ޝާހިދު ބަންދު ކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލްކޮށް ދެވެން ނެތް ކަމަށް ކަނޑައަޅައި ހުކުމްކޮށްފަ އެވެ.

ޝާހިދުގެ ބަންދަށް 30 ދުވަސް ކްރިމިނަލް ކޯޓުން ޖެހީ، ކުށުގެ ބާވަތަށާއި ކުށުގެ ކުޑަ ބޮޑުމިނަށާއި މައްސަލައިގައި ލިބިފައި ހުރި ހެކިތަކާއި އިސްތިއުނާފްކުރާ ފަރާތް ބަންދުން ދޫކޮށްލައިފި ނަމަ، ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އޮތަތީ އާއި މުޖުތަމައުގައި އުޅޭ ކުޑަކުދިންގެ ސަލާމަތަށް ނުރައްކާވާނެ ކަމަށް ކޯޓަށް ފެނިގެންނެވެ. ނަމަވެސް ޝާހިދު ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވަނީ ގާނޫނާ އެއްގޮތަށް ނޫން ކަމަށް ބުނެ އޭނާގެ ފަރާތުން ތިން ނުކުތާއެއް ހައި ކޯޓަށް ހުށަހެޅި އެވެ.

ފުރަތަމަ ނުކުތާއެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ޝާހިދު 30 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބަހައްޓަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ފޯމަކުން ހުށަހެޅިއިރު، ފޯމުގައި ޝާހިދު ބަންދުކޮށްދިނުމަށް އެދުނީ، އޭނާގެ ދޮންދަރިޔަކާ ބެހެނުކަމުގެ ތުހުމަތުގައި އެކަނި ކަމަށެވެ. އެ ފޯމްގައި ނެތް ތުހުމަތެއްގެ މައްޗަށް ހެކި ލިބިފައިވާ ކަމަށް ކަނޑައަޅައި އިސްތިއުނާފް ކުރާ ފަރާތް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ނިންމީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލު ކުރުމުގެ ގާނޫނގައި ކަނޑައަޅާފައިވާ އިޖުރާއަތާ ހިލާފަށް ކަމަށް ބުނެފައިވެ އެވެ.

ދެވަނަ ނުކުތާއެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ޝާހިދު ބަންދު ކުރުމަށް ފުދޭ ވަރަށް ކޮންމެވެސް ވަރެއްގެ ހެކި ހުށަހަޅާފައިވާ ކަމަށް ކްރިމިނަލް ކޯޓުގެ އަމުރުން ނިންމައި ލިބިފައިވާ ކަމަށް ބުނާ ހެކިތަކަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގައި ބަލައިގަނެވޭނެ ހެކިތަކެއް ނޫން ކަމަށެވެ. އެހެންވެ، ޝާހިދު ހައްޔަރު ކުރަން ނިންމީ ގާނޫނާ ހިލާފަށް ކަމަށް ބުނެފައިވެ އެވެ.

ތިން ވަނަ ނުކުތާގައި ބުނެފައިވަނީ ކުޑަކުދިންގެ ޖިންސީގޯނާގެ މައްސަލަތަކުގައި ހެކި ވަޒަންކުރުމުގެ އަސާސަކަށް ބަލަން އޮންނަނީ ކުއްޖާގެ ބަސް ކަމަށް އެނގެން އޮންނައިރު، ތަހުގީގަށް ދީފައިވާ ކުއްޖާގެ ބަހެއް، އިންޓަވިއުއެއް ނުވަތަ ބަޔާނެއްވެސް މިހާތަނަށް ފެންނަންނެތި ޝާހިދު ބަންދުައި ބަހައްޓައިގެން ތަހުގީގު ހިންގަންޖެހޭ ކަމަށް ބަލާފައިވަނީ އުސޫލުތަކާ ހިލާފަށް ކަމަށެވެ.

ޝާހިދު ހައި ކޯޓުގައި ވިދާޅުވީ ދޮން ދަރިއެއް ނުހުންނާނެ ކަމަށް!

ހައި ކޯޓުގައި އޮތް އިސްތިއުނާފް އަޑުއެހުމުގައި އޭނާ ވިދާޅުވި އެންމެ މުހިންމު ވާހަކައަކީ އޭނާގެ ދޮން ދަރިއެއް ނުހުންނާނެ ވާހަކަ އެވެ.

އެހެންވެ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން، އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލު ހިންގުމުގެ ކުށަށް އެކަށީގެންވާ ހެކި ހުރިކަމަށް ބަލައި ބަންދުކޮށްފައިވަނީ އިޖުރާއަތުތަކާ ހިލާފަށް ކަމަށް ޝާހިދުގެ ފަރާތުން ބުނެފައިވެ އެވެ.

ހެކީގެ ގޮތުގައި ހުށަހަޅާފައިވަނީ ކުއްޖާ ކިޔައިދިން ކަމަށް ބުނެ އެހެން މީހަކު ކިޔާދީފައިވާ ކިޔައިދިނުމެއްގެ މައްޗަށް ކަމަށްވާއިރު، ކުއްޖާ ކިޔައިދިން ކަމަށް ބުނެ ކޮންމެ މީހަކު ކިޔައިދޭ ކިޔައިދިނުމެއް އެއީ ހެކި ކަމުގައި ނުބެލެވޭނެ ކަމަށާއި އެއީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން ބަލައި ގަނެވޭނެ ހެއްކެއް ނޫން ކަމަށް ޝާހިދުގެ ފަރާތުން ކޯޓުގައި ކިޔައި ދީފައިވެ އެވެ.

ނަމަވެސް ރައްދުގައި ދައުލަތުން ބުނެފައިވަނީ ތަހުގީގު ތެރޭގައި ހޯދޭ ހޯދުންތަކުން އެކަން ސާބިތު ކުރުމުގެ މަރުހަލާއަކީ މި މަރުހަލާ ނޫން ކަމަށާއި ތަހުގީގު މަރުހަލާގައި އޭނާގެ މައްޗަށް ދައުވާ ކުރެވޭ ކުށް ހިމަނާފައި ނުވި ނަމަވެސް އޭނާގެ މައްޗަށް ތުހުމަތު ކުރާ މައްސަލަ ސާފުވެފައިވާ ނަމަ، ދައުވާ ކުރުމަށް ހުރަހެއް ނެތް ކަމަށެވެ.

މި މައްސަލައިގައި ހެއްކެއް ނެތް ކަމަށް ބުނި ނަމަވެސް، ހިޔާ ސޭ(އިވުނު ކަމަށް ބުނާ ހެކި) ބަލައިގަތުމުގެ އިސްތިސްނާ ހާލަތު ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގައި ހިމެނިފައިވާ ކަމަށް ދައުލަތުން ބުނެފައިވެ އެވެ.

އެހެންވެ ދައުލަތުން ބުނީ ކްރިމިނަލް ކޯޓުގެ އަމުރަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނާއި އިޖުރާއީ ގޮތުންނާއި މާއްދީ ގޮތުން ކޯޓަށް ލިބިދޭ ބާރުގެ ދަށުން ނެރެފައިވާ ސައްހަ އަމުރަކަށްވާތީ އެ އަމުރަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ކުޑަކުއްޖާ ޝާހިދަށް ގޮވަނީ "ބައްޕި" ކިއާފައި!

ކުއްޖާއަކީ ޝާހިދުގެ ދޮންދަރިއެއް ކަމަށް ފޯމުގައި ބަޔާންކޮށްފައިވަނީ، މައްސަލައާއެކު ހުށަހެޅުނު ބަޔާންތަކުން، ކުއްޖާ އިސްތިއުނާފުކުރާ ފަރާތާ މުހާތަބުކުރަނީ 'ބައްޕި' ގެ ގޮތުގައި ކަމުގައި ވާތީ އާއި އެފަދައިން ކުއްޖާގެ ވާހަކަތަކުން ދޭހަވާތީ ދައުލަތުގެ ވަކީލުން ފާހަގަކޮށްފައިވެ އެވެ.

ތަހުގީގަށް ހޯދިފައިވާ ބަޔާންތަކުން، ޝާހިދަކީ، ކުއްޖާގެ ދޮންބައްޕަކަމަށް ކުއްޖާ ގަބޫލުކުރާކަން އެނގޭކަމަށް ބެލެވޭ ކަންތައްތަކެއް ހުރިކަމަށް ވެސް ދައުލަތުން ހައި ކޯޓުގައި ފާހަގަކުރި އެވެ. ޝާހިދު ހައްޔަރުކޮށް އޭނާގެ މައްޗަށް ތުހުމަތު ކުރާއިރު ކުއްޖާގެ ބަޔާން ނެތް މައްސަލަ ޝާހިދުގެ ފަރާތުން ފާހަގަ ކުރި އެވެ.

ހުކުމްގައި ބުނީ މައްސަލަ އޮތް މަރުހަލާގައި ދަށު ކޯޓުގެ ފަނޑިޔާރު ބަލަންޖެހޭ ކަމަކީ މުއްތަހަމުގެ މައްޗަށް ކުށުގެ ކޮންމެވެސް މިންވަރެއްގެ ހެކި ހުރިކަން ނުވަތަ ނޫންކަން ކަމަށެވެ. މި މައްސަލައަކީ ތަހުގީގު މަރުހަލާގައި ބަންދުގައި ބެހެއްޓުމުގެ ހެކީގެ މިންގަނޑު ވަޒަން ކުރަން ޖެހޭ މަރުހަލާއެއް ކަމަށާއި މި މައްސަލަ މިއޮތް މަރުހަލާގައި ދަށު ކޯޓުގެ ފަނޑިޔާރު ބަލަންޖެހޭ ކަމަކީ މުއްތަހަމުގެ މައްޗަށް ކުށުގެ ކޮންމެވެސް މިންވަރެއްގެ ހެކި ހުރިކަން ނުވަތަ ނޫން ކަން ކަމުގައި ހުކުމްގައިވެ އެވެ.

"އެކަން ކަނޑައެޅުމުގައި ކުއްޖާގެ ބަޔާން އޮތުން ލާޒިމެއް ނޫނެވެ. ކުއްޖާ އެ ވާހަކަތައް ކިޔައިދިން މީހަކު އެ ވާހަކަ ތަހުގީގަށް ކިޔައިދީފައި އޮތްއިރު، އެ ވާހަކަތަކާއި މައްސަލައިގައި ދެން ލިބުނު ހެކިތަކުން މުއްތަހަމުގެ މައްޗަށް ކުށުގެ ކޮންމެވެސް މިންވަރެއްގެ ތުހުމަތެއް ކުރެވޭކަމަށް ގަބޫލުކުރެވޭނަމަ އެކަން ސަބަބާއެކު ބަޔާން ކޮށްދީފައި އޮތުމުން ފުދޭނެ އެވެ،" ހައި ކޯޓުގެ ހުކުމްގައިވެ އެވެ.

އެހެންވެ، ޝާހިދު ބަންދުން ދޫކޮށްލަން ނެރުނު އަމުރު ބާތިލް ކުރަން އެދުނަސް އެ އަމުރު ބާތިލް ކުރާނެ ތަނެއް ނެތް ކަމަށް ކަނޑައަޅާ ކަމަށް ހައި ކޯޓުގެ ހުކުމްގައިވެ އެވެ. އެ ހުކުމް އައީ ހައި ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

އެއީ އިސް ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާ، ރައުޔު ނެރުއްވި ފަނޑިޔާރު އިސްމާއިލް ޝަފީއު އަދި ފަނޑިޔާރު ފާތިމަތު ފަރްހީޒާ އެވެ.

ADVERTISEMENT

ކޮމެންޓު0COMMENTS

ކޮމެންޓު ޝާއިޢުކުރުމުގެ ކުރިން އެޑިޓަރުން ބަލާނެ.

ADVERTISEMENT