ބޭރު ފައިސާގެ ބާޒާރުގެ ބާރު އޮތީ އެހެން ބައެއްގެ އަތުގައި؛ މީރާއިން ރިސޯޓްތައް ފަހަތުން ދާން ޖެހޭ 10،000: ގަވަރުނަރު

ރާއްޖޭގައި ބޭރު ފައިސާގެ ބާޒާރުގެ ކޮންޓްރޯލް ނުވަތަ ބާރު އަދިވެސް އޮތީ މަރުކަޒީ ބޭންކް އެމްއެމްއޭ ނޫން އެހެން ބައެއްގެ އަތުގައި ކަމަށް އެ އިދާރާގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިއަދު ބޭއްވި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރާ ރައްޔިތުން މަޖިލީހުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން ގަވަރުނަރު މުނައްވަރު ވިދާޅުވީ ފަތުރުވެރިކަމުން ރާއްޖެއަށް އަހަރަކު 5.9 ބިލިއަން ޑޮލަރު ލިބޭއިރު، ރަސްމީ ބޭންކިން ނިޒާމުގެ ތެރެއަށް އަދިވެސް ވަންނަނީ އޭގެ %65 ނުވަތަ 3.8 ބިލިއަން ޑޮލަރު ކަމަށެވެ.
"ބާކީ 2.1 ބިލިއަން ޑޮލަރަށް ވާ ގޮތް މެންބަރު ޝަމްހީދަށް ވެސް އެނގިވަޑައިގަންނަވާނެ، އެ ދާއިރާގައި ވެސް އުޅުއްވާ ބޭފުޅެއް ތިއީ. އެންމެންނަށް ވެސް އެބަ އެނގޭ އެވާ ގޮތް،" މުނައްވަރު ވިދާޅުވި އެވެ.
"އެމްއެމްއޭގެ އަމާޒަކީ ރާއްޖެއަށް ވަންނަ ކޮންމެ ޑޮލަރެއް ބޭންކިން ނިޒާމުގެ ތެރެއަށް ވެއްދުން."
އޭނާ ވިދާޅުވީ އެކަން ހާސިލުކުރުމަށް އެމްއެމްއޭން ބޭރު ފައިސާގެ މުއާމަލާތްތަކާ މެދު މިހާރު ވަރަށް ބޮޑަށް ފާރަވެރިވަމުން ގެންދާ ކަމަށެވެ. އެގޮތުން ކޮންމެ ރިސޯޓަކަށް ލިބޭ ބޭރު ފައިސާ ޖަމާކުރުމަށް ހާއްސަ އެކައުންޓެއް ހުޅުވަން މިހާރު ރިސޯޓުތަކަށް އަންގާފައިވާނެކަން ފާހަގަކުރެއްވި އެވެ.
ތަފްސީލް - ގަވަރުނަރު ވިދާޅުވީ ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް ނުވަތަ ބީޕީޓީ އަދި އިންކަމް ޓެކްސް ރަނގަޅަށް ދައްކާތޯ މީރާއިން ބަލާއިރު، އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށެވެ. ބާކީ ހުރި ރިސޯޓުތަކުން މި ޓެކްސް ނުދައްކާކަން ފާހަގަކުރައްވައި އެ ތަންތަނަށް ހަގީގަތުގައި ވެސް ފައިދާ ނުވަނީތޯ ނުވަތަ ހިސާބުތައް ރަނގަޅުތޯ ބެލުމަށް ރިސޯޓުތައް އޮޑިޓްކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކަންމަތީ ފިހާރަތަކަކަށް ނޫން މީރާއިން ދާންވީ. މީރާއިން އޮޑިޓް ކުރަންވީ ރިސޯޓްތައް. އެ މީހުންގެ ހިސާބުތައް ރަނގަޅުތޯ ބަލަންވީ،" މުނައްވަރު ވިދާޅުވި އެވެ.
ރިޒާވްގައި ބިލިއަން ޑޮލަރު ނެތި ރުފިޔާ ފްލޯޓެއް ނުކުރެވޭނެ
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ އެކްސްޗޭންޖް ރޭޓަށް ޕްރެޝަރު އަންނަކަން ފާހަގަކުރައްވައި ގަވަރުނަރު ވިދާޅުވީ، ރާއްޖޭގައި ކޮންމެ 10 އަހަރަކުން އެކްސްޗޭންޖް ރޭޓަށް ބަދަލު ގެނެސްފައި ހުރި ނަމަވެސް، އެމްއެމްއޭން ޑޮލަރުގެ އަގު ވަކި ރޭޓެއްގައި ހިފަހައްޓައި ޕެގްކޮށްފައި ހުރީ ތަކެތީގެ އަގުތައް އުފުލުނަ ނުދީ ހިފެހެއްޓުމަށް ކަމަށެވެ.
ބޭރު ފައިސާގެ ބާޒާރުގެ ބާރު އަދިވެސް އެމްއެމްއޭ ނޫން އެހެން ފަރާތްތަކެއްގެ އަތުގައި އޮތް އިރު ދައުލަތުގެ ރަސްމީ ރިޒާވް އެއް ބިލިއަން ޑޮލަރަށް ނުދަނީސް ޑޮލަރުގެ އަގު ބާޒާރަށް ދޫކޮށްލުމަށް، ފްލޯޓްކުރުމަށް ތާއީދުނުކުރައްވާ ކަމަށް ގަވަރުނަރު ވިދާޅުވި އެވެ. އަދި ރިޒާވް އެއް ބިލިއަން ޑޮލަރަށް ގެންދިއުމަށް ރޯޑްމެޕެއް އެކުލަވާލައިގެން މަސައްކަތްކުރުމަށް މަޝްވަރާތައް ކުރެވެމުންދާ ކަމަށް ވިދާޅުވި އެވެ.
"އެހެން ނޫނީ އަގުތައް މައްޗަށް އަރައިގެން ގޮސް އޭގެއިން ރައްޔިތުންނަށް ލިބޭ އުނދަގޫ މާ ބޮޑުވާނެ،" ގަވަރުނަރު ވިދާޅުވި އެވެ.
އަލަށް މާރުކުރާ ބައިގެ ބޮޑު ބައެއް ބޭންކުތަކަށް ދޭނެ
ވދ
އދދއ
ައދއދއ
ކޮވިޑް-19 ގެ ބަލިމަޑުކަމަށް ފަހު ރާއްޖޭގައި ބޭރު ފައިސާގެ ނުރަސްމީ ބާޒާރުގައި މުއާމަލާތްތައް ކުރުން އިންތިހާއަށް އިތުރުވެ، ރަސްމީ ބޭންކިން ނިޒާމުގައި ޑޮލަރު ދައުރުވާ މިންވަރު މަދުވިކަން ގަވަރުނަރު ފާހަގަކުރެއްވި އެވެ. އެގޮތުން، ބޭންކުތަކަށް ވުރެ ގިނައިން ބޭރު ފައިސާ ދައުރުކޮށްފައި ހުރީ މަނީ އެކްސްޗޭންޖްތަކުން ކަމަށް ވިދާޅުވި އެވެ.
ގަވަރުނަރު ވިދާޅުވީ 2019 ވަނަ އަހަރު އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ވެސް ދީފައިވާ ލަފަޔާއެކު ވުޖޫދަށް ގެނައި ބޭރު ފައިސާގެ ގާނޫނާ އެކު ބޭރު ފައިސާ މާރުކުރަން ރިސޯޓްތަކަށް މަޖުބޫރުކޮށް ގެނައި ބަދަލުގެ ސަބަބުން، ކުރިއަށް ވުރެ ގިނައިން މިހާރު ރަސްމީކޮށް ބޭންކިން ނިޒާމުގެ ތެރެއަށް ޑޮލަރު ވެއްދޭ ކަމަށް ގަވަރުނަރު ވިދާޅުވި އެވެ. އަދި އެ ބަދަލުތަކާއެކު:
- ބޭންކުތަކަށް އެމްއެމްއޭއިން ދޭ ޑޮލަރުގެ އަދަދު މިހާރު ވެސް އެތައް ގުނައެއް ވަނީ ބޮޑުކުރެވިފައި
- ރިސޯޓުތަކަށް ލިބޭ އާމްދަނީގެ ތެރެއިން އަލަށް މާރުކުރަން ފެށި %20ގެ ވެސް ބޮޑުބައެއް ބޭންކުތަކަށް ދޫކުރާނޭ ކަމަށް ވެސް ވިދާޅުވި
"ބޭންކުތަކަށް މި ދޭ އިންޓަވެންޝަން އިތުރުކުރެވިގެންދާނެ އަލަށް މާރުކުރަން ފަށާ ބައި ލިބެން ފަށާ ހިސާބުން،" ގަވަރުނަރު ވިދާޅުވި އެވެ.
3 ބިލިއަން ރުފިޔާ މިހާރު ވެސް މަދުކުރެވިއްޖެ
އިގްތިސާދުގައި ޑޮލަރަށް ވުރެ އިތުރަށް ދައުރުވާ ދިވެހި ރުފިޔާ ނުވަތަ، އެކްސެސް ލިކުއިޑިޓީ މަދުކޮށް ޑޮލަރަށް އޮންނަ ޕްރެޝަރު ކުޑަކުރުމަށް އެމްއެމްއޭން އަޅާފައިވާ މަނިޓަރީ ފިޔަވަޅުތަކަށް އިޝާރާތްކުރައްވަމުން ގަވަރުނަރު ވިދާޅުވީ:
- ބާޒާރުގައި ދައުރުވާ އިތުރު ރުފިޔާ ނެގުމަށް ކުރިއަށްގެންދާ މޮޕް-އަޕް އޮޕަރޭޝަންތަކުގެ ދަށުން، މިއަހަރުގެ ތެރޭގައި އެވްރެޖްކޮށް 3.1 ބިލިއަން ރުފިޔާ ވަނީ ނެގިފައި
- ނަމަވެސް، އަދިވެސް ބާޒާރުގައި އިތުރު 2.3 ބިލިއަން ރުފިޔާ އެބަހުރި ކަމަށް ގަވަރުނަރު ފާހަގަކުރެއްވި
ގަވަރުނަރު އިތުރަށް ވިދާޅުވީ ބޭންކުތަކުން އެމްއެމްއޭގައި ރުފިޔާއިން ބަހައްޓަންޖެހޭ މިނިމަމް ރިޒާވް ރިކުއާމަންޓް (އެމްއާރުއާރު) %11އަށް ވަނީ މިހާރު މަތިކޮށްފަ އެވެ. އަދި ބޭރު ފައިސާއިން ބޭންކުތަކުގައި ބަހައްޓަންޖެހޭ އެމްއާރުއާރުގެ މިންވަރު %5-7އަށް ބަދަލުކޮށްފައިވާކަމަށް ވެސް ވިދާޅުވި އެވެ. އަދި އެ އަދަދު އިތުކުރަން މަޝްވަރާކުރާކަން ވެސް ފާހަގަކުރެއްވި އެވެ.


