އަމާޒަކީ ރާއްޖެ އާއި ބައިނަލްއަގުވާމީ ޝިޕިން ރޫޓާ ގުޅުވާލުން: ސާހް ގްރޫޕް

ރާއްޖޭގެ އެންމެ އުތުރުން އިހަވަންދިއްޕޮޅުގައި ތަރައްގީކުރާ "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އެންޑް އިންޓެގްރޭޓެޑް ޑިވެލޮޕްމަންޓް" މަޝްރޫއުއަކީ ހަމައެކަނި ކުޑަ ޓާމިނަލަކާއި ރިސޯޓެއް އަޅާފައި ފައިސާކޮޅު ހިފައިގެންދާ ވިސްނުމުގައި ހިންގާ މަޝްރޫއުއެއް ނޫން ކަމަށާއި މިއީ ރާއްޖޭގެ ކުރިއެރުމަށް ކުރާ މަސައްކަތެއް ކަމަށް ޔޫއޭއީގެ ސާހް ގްރޫޕް ފޯ ޓެކްނިކަލް ސާވިސް (ސާހް ގްރޫޕު) އިން ބުނެފި އެވެ.
އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ފެންވަރުގެ ބަނދަރެއް އެޅުމަށާއި މެރިޓައިމް އަދި ސިނާއީ މަސައްކަތްތަކަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމަށާއި ފަތުރުވެރިކަމާއި އެހެނިހެން ހިދުމަތްތައް އެކުލެވޭ ގޮތަށް ސަރަހައްދު ތަރައްގީ ކުރުމަށް އަބޫދާބީގެ ކުންފުންޏެއް ކަމަށްވާ ސާހް ގްރޫޕްއާ ރޭ ވަނީ ހަވާލުކޮށްފަ އެވެ.

ސާހް ގްރޫޕަކީ 1976 ވަނަ އަހަރުން ފެށިގެން މެރިޓައިމް، އެނާޖީ އަދި ލޮޖިސްޓިކްސް ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ކުންފުންޏެކެވެ. މި މަޝްރޫއު ކުރިއަށް ގެންދިއުމަށް އެ ކުންފުނިން ޝައުގުވެރިކަން ފާޅުކޮށްފައިވަނީ، ޒަމާނީ ބަނދަރަކާއި ގުޅުން ހުރި އެންމެހައި ވަސީލަތްތައް އެކުލެވޭ ފުރިހަމަ އިންޓެގްރޭޓެޑް ޑިވެލޮޕްމަންޓެއްގެ ގޮތުގަ އެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި ސާހް ގްރޫޕާ ދެމެދު ރޭ ވަނީ ސޮއިކޮށްފަ އެވެ.
އިކޮނޮމިކް މިނިސްޓްރީގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގައި ސާހް ގްރޫޕްގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަހުމަދު އިބްރާހިމް އަލީ މުހައްމަދު އަލްމުތާވާ ވިދާޅުވީ، ރާއްޖޭގައި މިފަދަ ބޮޑު އިންވެސްޓްމަންޓެއް ކުރުމުގެ ފުރުސަތު ލިބުމަކީ އެ ކުންފުންޏަށް ލިބުނު ވަރަށް ބޮޑަށް ފަހުރުވެރިވާ ކަމެއް ކަމަށެވެ. ރާއްޖޭގައި ހިންގާނީ ކުރިއަށް އޮތް ޖީލުތައް ވެސް ފަހުރުވެރިވާނެ ފަދަ މަޝްރޫއުއެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އަބޫދާބީން މިއައީ ހަމަ އެކަނި ކުޑަ ޓާމިނަލަކާއި ރިސޯޓެއް މިތާ ބިނާކޮށްފައި، އަަޅުގަނޑުމެންގެ ފައިސާ [އިންވެސްޓްމެންޓްގެ އަގު] ހޯދައިގެން ދާކަށް ނޫން. އަޅުގަނޑުމެން މި ބަލަނީ އެކުގައި ކުރިއެރުން ހޯދަން، އިތުރު ފުރުސަތުތައް ހޯދަން،" ސާހްގެ ވެރިޔާ ވިދާޅުވި އެވެ.

އަލްމުތާވާ ވިދާޅުވީ، ދުނިޔޭގެ އެންމެ މުހިންމު ބައިނަލްއަގުވާމީ ޝިޕިން ރޫޓުތަކާ ކައިރީގައި އޮތް މި ސަރަހައްދުގައި ޒަމާނީ ބަނދަރަކާއިތެޔޮ ރައްކާކުރާނެ ޓޭންކުތަކާއ ސިނާއީ ސަރަހައްދުތައް ގާއިމުކުރެވިގެންދާނެ ކަމަށެވެ.
"ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަޅުގަނޑުމެން އިންވެސްޓްކުރަމުންދާއިރު މިއީ ވަރަށް ތަފާތު ތަޖުރިބާއެއް." އަލްމުތާވާ ވިދާޅުވި އެވެ.
ޒަމާނީ ފެންވަރުގެ ޓާމިނަލްތަކާއި ލޮޖިސްޓިކްސް އަދި އިންޑަސްޓްރިއަލް އިކޮނޮމިކް ޒޯނެއް ހެދިގެންދާ އިރު، މި ތަން ދުނިޔެއަށް ހުޅުވާލެވޭ އިގްތިސާދީ މައި މަރުކަޒަކަށް ބަދަލުވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަލްމުތާވާ ވިދާޅުވި ގޮތުގައި މި މަޝްރޫއުގެ ދަށުން އުފެދިގެން ދާނީ ދެމެހެއްޓެނިވި ވަޒީފާތަކެކެވެ. އަދި މިއީ ހަމައެކަނި މިހާރުގެ ޖީލަށް އޮތް ފުރުސަތެއް ނޫން ކަމަށާއި، ކުރިއަށް އޮތް ދެވަނަ އަދި ތިންވަނަ ޖީލަށް ވެސް ފަހުރުވެރިވެވޭނެ ފަދަ ވަރުގަދަ ބިންގަލަކަށް ވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އެންޑް އިންޓެގްރޭޓެޑް ޑިވެލޮޕްމަންޓް މަޝްރޫއުއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ މެނިފެސްޓޯގައި އަދި އެ މަނިކުފާނުގެ އެންމެ ފުރަތަމަ ރިޔާސީ ބަޔާނުގައި ވެސް ފާހަގަކުރެއްވި މަޝްރޫއުއެކެވެ. މިއީ "ވިޝަން 2040" ދުރު ރާސްތާގެ އިގުތިސާދީ ތަސައްވުރުގެ ދަށުން ރާއްޖޭގެ އިގުތިސާދު ޑައިވާސިފައި ކުރުމަށް އަޅާ މުހިންމު ބިންގަލެއް ކަމަށް ބަޔާނުގައިވެ އެވެ.
"އިންޓަނޭޝަނަލް މެރިޓައިމްގެ މައި މަގެއް ކަމަށްވާ 8-ޑިގްރީ ޗެނަލް ކައިރީގައި އިހަވަންދިއްޕޮޅު އޮތުމަކީ، މެރިޓައިމް އަދި ލޮޖިސްޓިކްސް ވިޔަފާރިތަކަށް ރާއްޖޭގެ އިސްތިރާޖީ ސަރަހައްދު ކެޕިޓަލައިޒް ކުރުމަށް އެންމެ އެކަށޭނެ އެއް ސަރަހައްދެވެ،" އިކޮނޮމިކް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
ދިވެހި ސަރުކާރުގެ އެންމެ އިސް އަމާޒަކީ ދިވެހި ގައުމާއި ރައްޔިތުންގެ މަސްލަހަތު އެންމެ ފުރިހަމައަށް ހިމާޔަތް ކުރެވި، ދިވެހި އިގްތިސާދަށާއި ރައްޔިތުންނަށް ދިގު މުއްދަތަކަށް ދެމެހެއްޓެނިވި ގޮތެއްގައި މަންފާ ލިބޭނެހެން މި މަޝްރޫއު ކާމިޔާބުކަމާ އެކު ކުރިއަށް ގެންދިއުން ކަމަށް ބަޔާނުގައިވެ އެވެ. އަދި 2040 އަށް ހަމައަށް ދާއިރު ތަރައްގީ ވެފައިވާ ގައުމަކަށް ހެދުމަކީ އަމާޒެއް ކަމަށް ވެސް ބަޔާނުގައިވެ އެވެ.


