އެންމެ ރަނގަޅީ ރަސްމާލެ މަޝްރޫއު ހަގީގަތަކަށްވުން: ނަޝީދު

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އީގަލް ހިލްސް ކުންފުނިން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ "މޯލްޑިވްސް ވޯޓާ ފްރަންޓް އެންޑް މެރީނާ" މަޝްރޫއު ހަގީގަތަކަށް ވާން ބޭނުންވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ނަޝީދު އެގޮތަށް ވިދާޅުވީ އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގަ އެވެ.
ރަސްމާލެ މަޝްރޫއު ދިވެހިންގެ ބަޔަކަށް ނުވަތަ ބޭރުގެ ބަޔަކަށް ދިނުން އެންމެ ރަނގަޅުތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ "އެންމެ ރަނގަޅީ އެކަން ވުން" ކަމަށެވެ. އެކަމަކު، ރަސްމާލެއާ ގުޅޭ ގޮތުން ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރި ކަމަށާއި އެމީހުންގެ ކަންބޮޑުވުމަކީ މަޝްރޫއުގެ "ވާނުވާ" ނޭނގުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ރަސްމާލޭގައި ހިންގަން އުޅޭ މަޝްރޫއުއާ ގުޅޭ ގޮތުން ރައްޔިތުންނަށް ސާފުނުވާ ކަންތައްތަކެއް ހުރި ކަމަށެވެ. އެހެންވެ، މާލެ ސަރަހައްދުގައި މިފަދަ އިގްތިސާދީ ބޮޑު ހަރަކާތެއް ހިންގުމުގެ ކުރިން ރައްޔިތުންގެ މެދުގައި ފެންނަ، ނުފެންނަ ވޯޓެއް ނެގުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި މާލެ ސަރަހައްދުގައި މިބާވަތުގެ ކަމެއް ކުރުމަކީ ބުއްދިވެރި ކަމެއް ނޫނެވެ. އޭގެ ބަދަލުގައި ރާއްޖެ ތެރޭގައި ރަށްރަށުގެ ތެރެއިން ބިން ބޮޑު ރަށްރަށުގައި މިފަދަ މަޝްރޫއުތައް ހިންގިދާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"މިހާރު ވެސް ރާއްޖޭގެ އެކިއެކި ރަށްރަށުން މީހުން މިތަނަށް (މާލެ) އެއްވެސް ރަށްރަށް މި ދަނީ ފަޅުވަމުން. އަނެއްކާ މިހާ ބޮޑު އިގްތިސާދީ ހަރަކާތެއް މާލެ ސަރަހައްދަށް ގެނައީމަ އަނެއްކާ ވެސް ރަށްރަށް ދާނީ ފަޅުވަމުން." ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބަލަންވީ މެގަ ޕްރޮޖެކްޓް ހިންގާކަށް ނޫން. ނަމަވެސް ރާއްޖޭގައި އެބަހުރި ބައިވަރު މީސްކޮޅު މަދު، ބިން ބޮޑެތި ރަށްރަށް. މިއިން ކޮންމެ ތަނެއްގައި ވެސް މި ބާވަތުގެ ދިގު ލޯންގް ސްޓޭ ޓޫރިޒަމް ވިޔަފާރި، ދިގު މުއްދަތުގައި މީހުން ތިބޭ ޓޫރިޒަމްގެ ވިޔަފާރި ހިންގޭނެ،"
ނަޝީދު ވިދާޅުވީ ފެންނަ، ނުފެންނަ ވޯޓެއް ނުނަގައި މި މަޝްރޫއު ހިންގުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށެވެ.
ރަސްމާލޭގައި ހިނގަން ނިންމާފައިވާ މަޝްރޫއުއާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދާދި ފަހުން ވިދާޅުވެފަ އެވެ. ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރިއަލް އެސްޓޭޓް ބިލްގައި ދިވެހި ރައްޔިތުންގެ ހައްގުތަކާއި ދިވެހި ދައުލަތުގެ މިނިވަންކަމާއި އިސްތިގުލާލާއި ސިޔާދަތީ ބާރު ހިމާޔަތް ކުރެވިގެންދާ ގޮތަށް ރިއާޔަތް ކުރެވިފައިވާ ކަމަށެވެ.
ރަސްމާލެ މަޝްރޫއުއާ ގުޅިގެން އާންމުންގެ ހިޔާލު ހޯދަން ވޯޓެއް ނުނަގައިފި ނަމަ ސީދާ ހަރަކާތަށް ނުކުމެ މުޒާހަރާކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން މި ފަހުން ފާސްކޮށްފައިވެ އެވެ. އެހެންވެ، އެ ވޯޓު ނެގުމަށް ގޮވާލައި އަންނަ ބުރާސްފަތި ދުވަހުގެރޭ އެމްޑީޕީގެ މުޒާހަރާއެއް އޮންނާނެ ކަމަށް ނަޝީދު ވަނީ އިއުލާން ކުރައްވައިފަ އެވެ.
އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ 12 ބިލިއަން ޑޮލަރުގެ 'މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ' މަޝްރޫއާ ދެކޮޅަށް އިދިކޮޅު އެމްޑީޕީގެ ތެރެއިން ފާޑުކިޔުންތަކެއް އަމާޒުވެފައިވީ ނަމަވެސް ނަޝީދު އެކިއެކި ސިފަ ސިފައިގައި އެ މަޝްރޫއަށް އަންނަނީ ތާއީދު ކުރައްވަމުންނެވެ. އެމަނިކުފާނު އެންމެ ފަހުން ވިދާޅުވީ "ޓަކާ ޓަކާ" ގޮވައިގެން ދިވެހި އާންމު މީހާއަށް ލިބެން އޮތް ތަނަވަސްކަމާއި ހުއްޓުވުމަކީ ހުތުރުވެގެންވާ ހީލަތްތެރި ރޭވުމެއް ކަމަށެވެ. އަދި މިއީ ރާއްޖެ ނިކަމެތި ކަމުގައި ބާއްވަން ޖަހާ މަޅިއެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު އެގޮތަށް ވިދާޅުވެފައި ވަނީ ރަސްމާލޭގައި ހިންގަން އުޅޭ މަަޝްރޫއާ ދެކޮޅަށް ހިންގާ ހަރަކާތުގައި އެމްޑީޕީން ބައިވެރިވާތީ އެވެ. އީގަލް ހިލްސް ކުންފުންޏާ ދެކޮޅަށް މާލޭގައި ބާއްވަމުން އަންނަ ސިލްސިލާ އެއްވުންތަކުގައި އިސްކޮށް ހުންނެވީ ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.
ނަޝީދު ވިދާޅުވީ ރަސްމާލެ މަޝްރޫއާ ދެކޮޅަށް މަސައްކަތް ކުރާއިރު ރާއްޖޭގެ ތަނަވަސް އާއިލާތަކުގެ ބިމާއި ގެދޮރު މާލޭގެ އިތުރުން ސްރީ ލަންކާގައި ވެސް އެބަހުރި ކަމަށެވެ. އެ ގޮތަށް މަސައްކަތް ކުރަނީ އެ އާއިލާތަކުގެ ދަރިން ބޭރު މީހުންނާ ކައިވެނިކޮށްގެން ތިއްބާ ކަމަށް ވެސް ވިދާޅުވި އެވެ.


