"ޓަކާ ޓަކާ" ގޮވައިގެން ދިވެހިންނަށް ލިބެން އޮތް ތަނަވަސްކަން ހުއްޓުވުން ހުތުރު: ނަޝީދު

"ޓަކާ ޓަކާ" ގޮވައިގެން ދިވެހި އާންމު މީހާއަށް ލިބެން އޮތް ތަނަވަސްކަމާއި ހުއްޓުވުމަކީ ހުތުރުވެގެންވާ ހީލަތްތެރި ރޭވުމެއް ކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އީގަލް ހިލްސް ކުންފުނިން ރަސްމާލޭގައި ހިންގުމަށް ތައްޔާރުވަމުން އަންނަ "މޯލްޑިވްސް ވޯޓާ ފްރޮންޓް އެންޑް މެރީނާ" މަޝްރޫއުއަށް ތާއީދު ކުރައްވާ ނަޝީދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "ޓަކާ ޓަކާ" ގޮވައިގެން ދިވެހި އާންމު މީހާއަށް ލިބެން އޮތް ތަނަވަސްކަމާއި އުފާ ހުއްޓުވުމަކީ ހުތުރުވެގެންވާ ހީލަތްތެރި ރޭވުމެއް ކަމަށެވެ.
އަދި މިއީ ރާއްޖެ ނިކަމެތި ކަމުގައި ބާއްވަން ޖަހާ މަޅިއެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު އެގޮތަށް ވިދާޅުވެފައި ވަނީ ރަސްމާލޭގައި ހިންގަން އުޅޭ މަަޝްރޫއާ ދެކޮޅަށް ހިންގާ ހަރަކާތުގައި އެމްޑީޕީން ބައިވެރިވާތީ އެވެ. އީގަލް ހިލްސް ކުންފުންޏާ ދެކޮޅަށް މާލޭގައި ބާއްވަމުން އަންނަ ސިލްސިލާ އެއްވުންތަކުގައި އިސްކޮށް ހުންނެވީ ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.
ގައުމީ ހަރަކާތުގެ ނަމުގައި މިދިޔަ ހުކުރު ދުވަހު ވަނީ ރަސްމާލެ މަޝްރޫއުއާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި އެއްވުމެއް ބާއްވައިފަ އެވެ. މި އެއްވުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވެސް ހިމެނިވަޑައިގަންނަވަ އެވެ. މި ބޭފުޅުންނަކީ 2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރެއްވި ބޭފުޅުންނެވެ.
ނަޝދު ވިދާޅުވީ އެމްޑީޕީއަކީ ތިމާވެގެ ވިސްނުން ނޭފަތު ކުރިއަށް ވުރެ ދުރަށް އަދި ރަށު ގޮނޑުދޮށުން ދުރަށް، އަތޮޅު ދުނިން ވެސް ބޭރަށް، ރާއްޖޭގެ އަސްދަނޑިން ބޭރަށް ގެންދިއުމަށް އުފެއްދި ޕާޓީއެއް ކަމަށެވެ. އަދި އެއީ ތަފާތު ވިސްނުމަށް ޖާގަދޭ ޕާޓީއެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެމްޑީޕީ ދެކޭ ގޮތުގައި ރައްޔިތުން އެދެނީ ތަނަވަސްކަން. ހާސްކަމެއް ނެތް ތާހިރު ދިރިއުޅުމެއް،" ނަޝީދު ވިދާޅުވި އެވެ.
ޓަކާ ޓަކާ ގޮވައިގެން، އާއްމު މީހާއަށް ލިބެން އޮތް ތަނަވަސްކަމާއި އުފާ ހުއްޓުވުމަކީ ހުތުރުވެގެންވާ ހީލަތްތެރި ރޭވުމެއް. ރާއްޖެ ނިކަމެތިކަމުގައި ބާއްވަން ޖަހާ މަޅިއެއް،
ނަޝީދު ވިދާޅުވީ ރަސްމާލެ މަޝްރޫއާ ދެކޮޅަށް މަސައްކަތް ކުރާއިރު ރާއްޖޭގެ ތަނަވަސް އާއިލާތަކުގެ ބިމާއި ގެދޮރު މާލޭގެ އިތުރުން ސްރީ ލަންކާގައި ވެސް އެބަހުރި ކަމަށެވެ. އެ ގޮތަށް މަސައްކަތް ކުރަނީ އެ އާއިލާތަކުގެ ދަރިން ބޭރު މީހުންނާ ކައިވެނިކޮށްގެން ތިއްބާ ކަމަށް ވެސް ވިދާޅުވި އެވެ.
އީގަލް ހިލްސްގެ މަޝްރޫއަށް އެމްޑީޕީން ދެކޮޅު ހަދަމުންދިޔަ ނަމަވެސް ނަޝީދު ގެންދަވަނީ އެ މަޝްރޫއު ދިފާއު ކުރައްވައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުއާ ދެކޮޅަށް އެމްޑީޕީގެ ގައުމީ މަޖިލިހުން ގަރާރެއް ވެސް ވަނީ ފާސްކޮށް ފައެވެ.
ރަސްމާލޭގައި ހިންގަން މަސައްކަތްކުރާ މަޝްރޫއަކީ ރާއްޖޭގައި ޔަހޫދީން ނުވަތަ އިސްރާއީލުގެ މީހުން ރާއްޖޭގައި ވަަޒަންވެރިކުރުވަން ހިންގަން އުޅޭ މަޝްރޫއެއް ކަމަަށް އިދިކޮޅުން ބުނި ނަމަވެސް ސަރުކާރުން އެކަން ދޮގު ކުރެ އެވެ.


