ޣައްޒާގައި ހުރި މެޑިކަލް ކޮމްޕްލެކްސްއަކަށް ހަމަލާދީ 4 މީހަކު ޝަހީދުކޮށްލައިފި

އިސްރާއީލްގެ ސިފައިން ފަލަސްތީނުގެ ޣައްޒާގައި ހުރި ނާސިރް މެޑިކަލް ކޮމްޕެލްކްސް އަށް ދިން ވައިގެ ވަރުގަދަ ހަމަލާއެއްގައި ފަލަސްތީނުގެ ހަތަރު މީހަކު ޝަހީދުކޮށްލައި، ގިނަ ބަޔަކު ޒަހަމްކޮށްލައިފި އެވެ.
މިއާއެކު، މިއަދު ދިން އެކިއެކި ހަމަލާތަކުގައި ޣައްޒާ އިން ޝަހީދުކޮށްލި މީހުންގެ އަދަދު ވަނީ ނުވައަކަށް އަރައިފަ އެވެ.
ޣައްޒާގެ ސިވިލް ޑިފެންސްގެ ތަރުޖަމާނު މަހްމޫދު ބަސަލް ވިދާޅުވީ ޣައްޒާގެ ދެކުނުން ހާން ޔޫނިސް ސަރަހައްދުގައި ހުންނަ ނާސިރު މެޑިކަލް ކޮމްޕްލެކްސްއަށް ހަމަލާދީ ހަތަރު މީހުން ޝަހީދުކޮށްލީ ބުރާސްފަތި ދުވަސް ފެށުނު ތަނާ ހެން ކަމަށެވެ.
މި ހަމަލާގެ އިތުރުން ޣައްޒާ ސިޓީގައި ހުންނަ އަލް-ސަބްރާ އަވަށަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި އުމުރުން 38 އަހަރުގެ ފިރިހެނަކު ވަނީ ޝަހީދުކޮށްލައިފަ އެވެ.

ޣައްޒާގެ މެދު ތެރޭގައި އޮންނަ އަލް-ބުރުޖް ކޭމްޕްގައި އިސްރާއީލް ސިފައިން ބަޑި ޖަހައި ފަލަސްތީނުގެ ރައްޔިތަކު ވަނީ ޝަހީދުކޮށްލައިފަ އެވެ. އަދި އިސްރާއީލުން ދިން ޑްރޯން ހަމަލާއެއްގައި އިތުރު މީހަކު ވެސް ވަނީ ޝަހީދުކޮށްލައިފަ އެވެ.
ޣައްޒާ ސިޓީގެ އުތުރުން ޝެއިހް ރަދުވާން އަވަށުގައި ހުރި ޓެންޓުތަކަށް އަމާޒުކޮށް ދިން ވައިގެ ހަމަލާއެއްގައި ފަލަސްތީނުގެ ދެ ރައްޔިތަކު ޝަހީދުކޮށްލައި އިތުރު ބަޔަކު ވަނީ ޒަހަމްކޮށްލައިފަ އެވެ.
އަލް-ޖަޒީރާގެ ނޫސްވެރިޔާ ހިންދު ހައުދަރީ ޣައްޒާ ސިޓީގައި ހުރެ ކިޔައި ދިން ގޮތުގައި އިސްރާއީލް ސިފައިން ހަމަލާތައް ދެނީ ކުށެއް ނެތް އާންމު ރައްޔިތުންނަށް އަމާޒުކޮށެވެ.
އޭނާ ބުނި ގޮތުގައި، ޓޭންކަކަށް ފެން އަޅަން ހުރި ފިރިހެނަކަށް އަމާޒުކޮށް ދިން ޑްރޯން ހަމަލާއެއްގައި އެމީހާ ވަނީ ޝަހީދުކޮށްލައިފަ އެވެ.
"އެހެން ހަމަލާއެއްގައި އެއްބަނޑު އެއްބަފާ ދެ މީހުން ޝަހީދުކޮށްލީ ޓެންޓެއްގެ ތެރޭގައި ތިއްބާ،" ނޫސްވެރިޔާ ކިޔައި ދިނެވެ.
އިސްރާއީލްގެ ހަމަލާތައް މީހުން ދިރިއުޅޭ ޓެންޓުތަކަށް އަމާޒު ކުރަމުން އަންނައިރު، މި ފަހުން ޣައްޒާއަށް ކުރި ވިއްސާރައިގައި 70،000 އެއްހާ ޓެންޓަށް ފެން ވަދެ ގެއްލުންތަކެއް ލިބިފައިވެ އެވެ. ބޯކޮށް ވާރޭ ވެހި، ފެން ބޮޑުވުމުގެ ސަބަބުން ޣައްޒާގައި ދިރިއުޅޭ 106،000 އަށް ވުރެ ގިނަ މީހުންނަށް އަސަރުކޮށްފައިވެ އެވެ.
އޮކްޓޯބަރު 7، 2023 ވަނަ އަހަރު ހަމާސް އިން އިސްރާއީލަށް އަމާޒުކޮށް ދިން ކުއްލި ހަމަލާގައި ހާހަކަށް ވުރެ ގިނަ މީހުން މަރާލައި 250 އަށް ވުރެ ގިނަ މީހުން ރަހީނުކޮށްގެން ޣައްޒާއަށް ގެންދިއުމާ ގުޅިގެން އިސްރާއީލުން ޣައްޒާއަށް ދޭން ފެށި ހަމަލާތަކަށް ތިން އަހަރު ވެގެން ދިޔައިރު، ޣައްޒާއިން 74,653 މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ. އަދި އެ ހަމަލާތަކުގައި 176,007 މީހުން ވަނީ ޒަހަމްކޮށްލައިފަ އެވެ.
ހަނގުރާމަ ހުއްޓާލަން އިސްރާއީލާއި ހަމާސްއާ ދެމެދު އެއްބަސްވުމެއް ގާއިމުކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު 11 ގަ އެވެ. އެކަމަކު، އެއްބަސްވުމާ ހިލާފަށް އިސްރާއީލުން މިހާތަނަށް ދިން ހަމަލާތަކުގައި ޣައްޒާއިން 1،622 މީހުން ޝަހީދުކޮށްލައި 5،878 މީހުން ވަނީ ޒަހަމްކޮށްލައިފަ އެވެ.


