ޢައްބާރުގެ އީގަލް ހިލްސް އިން ދުނިޔޭގެ އެންމެ އުސް އިމާރާތް ބެންކޮކުގައި ތަރައްގީ ކުރަނީ
ރާއްޖޭގައި އަލަށް އުފެދިގެންނަ އަންނަ ބިޔަ ރަށް ރަސްމާލޭގެ 500 ހެކްޓަރުގެ ސަރަހައްދެއް ތަރައްގީ ކުރާ އީގަލް ހިލްސް އިން ފަސް ބިލިއަން ޑޮލަރު (160 ބިލިއަން ބާތު) ޚަރަދުކޮށްގެން އިމާރާތް ކުރަނީ މިކްސްޑް-ޔޫޒްޑް އިމާރާތެކެވެ. ރިއަލް އެސްޓޭޓް ބިލިއަނަރުގެ ކުންފުނިން ބެންކޮކުގައި މި ޕްރޮޖެކްޓް ކުރިއަށް ގެންދަނީ ތައިލެންޑުގެ އިންވެސްޓަރުންނާ ގުޅިގެން ޖޮންޓް-ވެންޗާ ޕާޓްނާޝިޕެއްގެ ގޮތަށެވެ.
2 މިނެޓް

ދުނިޔެ އަށް މަޝްހޫރު ޔޫއީއީގެ އިންވެސްޓަރ މުހައްމަދު އަލް ޢައްބާރުގެ އީގަލް ހިލްސް ކުންފުނިން، ދުނިޔޭގެ އެންމެ އުސް އިމާރާތް ތައިލޭންޑުގެ ވެރިރަށް ބެންކޮކުގައި އިމާރާތް ކުރަން ނިންމައިފި އެވެ.
ރާއްޖޭގައި އަލަށް އުފެދިގެންނަ އަންނަ ބިޔަ ރަށް ރަސްމާލޭގެ 500 ހެކްޓަރުގެ ސަރަހައްދެއް ތަރައްގީ ކުރާ އީގަލް ހިލްސް އިން ފަސް ބިލިއަން ޑޮލަރު (160 ބިލިއަން ބާތު) ޚަރަދުކޮށްގެން އިމާރާތް ކުރަނީ މިކްސްޑް-ޔޫޒްޑް އިމާރާތެކެވެ. ރިއަލް އެސްޓޭޓް ބިލިއަނަރުގެ ކުންފުނިން ބެންކޮކުގައި މި ޕްރޮޖެކްޓް ކުރިއަށް ގެންދަނީ ތައިލެންޑުގެ އިންވެސްޓަރުންނާ ގުޅިގެން ޖޮންޓް-ވެންޗާ ޕާޓްނާޝިޕެއްގެ ގޮތަށެވެ.
އީގަލް ހިލްސް އިން ޕްލޭންކޮށްފައިވާ ގޮތަށް ކުރިއަށްދާ ނަމަ އީ ދުނިޔޭގެ އެންމެ އުސް އިމާރާތަށް ވާނެ އެވެ.
ޔޫއޭއީގެ އީމާރް ކުންފުނީގެ ވެރިޔާ ޢައްބާރަކީ ދުނިޔޭގެ އެންމެ އުސް އިމާރާތް ދުބާއީގެ ބުރުޖް ޚަލީފާ އާއި ދުބާއީ މޯލް ވެސް ތަރައްގީކުރި ޑިވެލޮޕަރެވެ. ބުރުޖު ޚަލީފާ އާއި ސައުދީ އަރަބިއާގެ ޖިއްދާ ޓަވަރަށް ވުރެ އުސް އިމާރާތެއް ބެންކޮކުގައި އިމާރާތް ކުރަނީ ގާތްގަނޑަކަށް ތިން ހެކްޓަރުގެ ބޮޑު ސަރަހައްދެއްގަ އެވެ.
ޢައްބާރު ވިދާޅުވެފައި ވަނީ ބެންކޮކުގައި ދުނިޔޭގެ އެންމެ އުސް އިމާރާތް ތަރައްގީ ކުރުމަށްޓަކައި ފްރީހޯލްޑް ލޭންޑް ރައިޓްސް ކޮންމެހެން ބޭނުމެއް ނުވާނެ އެވެ. ސަބަބަކީ ބޭރުގެ ފަރާތްތަކަށް ތައިލެންޑުގެ ބިން މިލްކުކޮށްދޭން ގާނޫނީ ގޮތުން ހުރި ހުރަސްތައް ބޮޑުވުމެވެ.
ބެންކޮކުގައި ހަދާ މިކްސްޑް ޔޫޒް ކޮމްޕްލެކްސްގައި މީހުން ދިރިއުޅުމަށް އެޕާޓްމަންޓްތަކާއި ޝޮޕިން ސެންޓަރުތަކާއި އޮފީސްތަކާ އަދި ހޮސްޕިޓަލިޓީ ފިސިލިޓީތައް ތަރައްގީ ކުރާނެ އެވެ. އީގަލް ހިލްސް އިން މި ޕްރޮޖެކްޓް ތަރައްގީކުރި ނަމަވެސް ރީޓެއިލް އަދި ހޮޓެލް ސެކްޓާ ހިންގާނީ އީމާރް ގްރޫޕުންނެވެ.
މުހައްމަދު އަލް ޢައްބާރު، 70، ދުނިޔޭގެ އެންމެ ނުފޫޒުގަދަ ޕްރޮޕަޓީ ޑިވެލޮޕަރެވެ. އީމާރް ގްރޫޕް އޭނާ އުފެއްދެވީ 1997 ވަނަ އަހަރު އެވެ.ނ އޭނާ އީގަލް ހިލްސް އުފެއްދެވީ 2014 ވަނަ އަހަރު އެވެ. އޭނާ އަކީ މެދުއިރުމަތީގެ އެންމެ ވަރުގަދަ އީކޮމާސް ޕްލެޓްފޯނުގެ ވެރިޔާ ވެސް މެ އެވެ. އަދި ޔޫއީއޭގެ ޑިޖިޓަލް ބޭންކް، ޒޭން ބޭންކުގެ ޗެއާމަނަކީ ވެސް އަލް ޢައްބާރެވެ.
ފޯބްސް އިން މިއަހަރު ނެރުނު ލިސްޓްގައިވާ ގޮތުން އަލް ޢައްބާރަކީ އަރަބިންގެ ތެރޭން 14 ވަނައަށް އެންމެ މުއްސަނދި މީހާ އެވެ. އޭނާގެ މިލްކިއްޔާތުގެ އަގު ތިން ބިލިއަން ޑޮލަރަށް އަރައެވެ.


