ސީދާ ޚަބަރަށް
23 ނޮވެމްބަރު 2026DHARAJA.COM
ADVERTISEMENT

ދުނިޔެ

އިންޑިއާގައި ވިހަ ރަލެއް ބޮއެގެން 11 މީހަކު މަރުވެއްޖެ

އެމީހުން ބުއީ އެއް ބާވަތެއްގެ ރާ، 180 އަށް ވުރެ ގިނަ މީހުން ހޮސްޕިޓަލްގައި ވަނީ އެޑްމިޓްކޮށްފައި

1 މިނެޓް

މަނީޕޫރުގެ ޗީފް މިނިސްޓަރު، ބަނގުރާ ބުއި މީހަކާ ހޮސްޕިޓަލްގައި ބައްދަލު ކުރައްވަނީ. ---
މަނީޕޫރުގެ ޗީފް މިނިސްޓަރު، ބަނގުރާ ބުއި މީހަކާ ހޮސްޕިޓަލްގައި ބައްދަލު ކުރައްވަނީ. ---

އިންޑިއާގެ އިރުއުތުރުގެ ސްޓޭޓެއް ކަމަށްވާ މަނީޕޫރުގައި ވިހަވެފައި ހުރި ކަމަށް ބެލެވޭ ބަނގުރާ ބޮއެގެން 11 މީހަކު މަރުވެ، 180 އަށް ވުރެ ގިނަ މީހުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި އެވެ.

މަނީޕޫރުގެ ޗީފް މިނިސްޓަރު ޔުމްނަމް ކެމްޗަންދު ސިންގް ވިދާޅުވީ އެ މީހުން ހާލު ދެރަވީ އެއް ބާވަތެއްގެ ބަނގުރާ ބުއިމަށް ފަހު ކަމަށެވެ.

"މިހާތަނަށް 180 އަށް ވުރެ ގިނަ މީހުން އެޑްމިޓްކޮށްފައި ވަނީ ދެ ހޮސްޕިޓަލެއްގައި. މިދިޔަ 48 ގަޑިއިރުގެ ތެރޭގައި މަރުވި މީހުންގެ އަދަދު ވަނީ 11 އަށް އަރާފައި." މަނީޕޫރުގެ ޗީފް މިނިސްޓަރު ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ.

ޗީފް މިނިސްޓަރު ވަނީ މި ކަމުގެ ތަހުގީގެއް ހިންގުމަށް އަމުރު ކުރައްވައިފަ އެވެ.

އަދި މިކަމުގައި ޒިންމާވާ މީހުން ހައްޔަރުކޮށް އަދަބު ދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ގަވާއިދާ ހިލާފަށް އުފައްދާ ނުވަތަ އެކި ބާވަތްތައް އެއްކޮށްގެން ވިއްކާ ބަނގުރާ ބޮއެގެން މީހުން މަރުވުމުގެ ހާދިސާތައް އިންޑިއާގައި ވަރަށް ބޮޑަށް އިތުރެވެ. އަގުހެޔޮކޮށް ވިއްކާ މިފަދަ ބަނގުރަލުގައި، ސިނާއީ ބޭނުންތަކަށް ގެންގުޅޭ ނުރައްކާތެރި ވިހަ ކެމިކަލެއް ކަމަށްވާ މެތަނޯލް އެކުލެވެ އެވެ.

މިދިޔަ މެއި 15 ވަނަ ދުވަހު ހުޅަނގުގެ ސްޓޭޓެއް ކަމަށްވާ މަހާރާޝްތުރާގެ ޕޫނޭ އާއި އެތަނާ ކައިރީގައި އޮންނަ ޕިމްޕްރީ-ޗިންޗްވާޑްގައި މެތަނޯލް އެކުލެވޭ ބަނގުރާ ބޮއެގެން 15 މީހުން ވަނީ މަރުވެފަ އެވެ. އަދި މިދިޔަ އޮގަސްޓް 13 ވަނަ ދުވަހު ގުޖުރާތުގެ ބަވްނަގަރު ޑިސްޓްރިކްޓްގައި ބަނގުރާ ބޮއެގެން 13 މީހަކު މަރުވެ، 60 އަށް ވުރެ ގިނަ މީހުންނަށް އަސަރުކޮށްފައިވެ އެވެ.

އިންޑިއާގައި އެއް ޑޮލަރަށް ވުރެ ވެސް އަގުހެޔޮ ކޮށް ބަނގުރާ ލިބެ އެވެ. މެތަނޯލް ބޭނުން ކުރާ ނަމަ، މީހާގެ ލޯ ފެނުން ގެއްލި ފުރަމޭ ހަލާކުވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވެ އެވެ. އަދި މާ ގިނަ އިން ބޮއެފި ނަމަ، މީހާގެ ފުރާނައަށް ވެސް ނުރައްކާވެ އެވެ.

ADVERTISEMENT

ކޮމެންޓު0COMMENTS

ކޮމެންޓު ޝާއިޢުކުރުމުގެ ކުރިން އެޑިޓަރުން ބަލާނެ.

ADVERTISEMENT