ސީދާ ޚަބަރަށް
23 ނޮވެމްބަރު 2026DHARAJA.COM
ADVERTISEMENT

ކުޅިވަރު

ޕޮޗެޓީނޯ ހުރީ މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވާން ބޭނުންވެފައި

1 މިނެޓް

ޕޮޗެޓީނޯ (ކ) އަދި ކެރިކް. --- ފޮޓޯ: ގެޓީ

އެމެރިކާގެ ފުޓްބޯޅަ ކޯޗު މައުރީޝިއޯ ޕޮޗެޓީނޯ، އިނގިރޭސި ވިލާތުގެ މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވާން ތައްޔާރަށް ހުރި ކަމަށް ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި، ޔުނައިޓެޑުން ވަނީ އާޖެންޓީނާ އަށް އުފަން ޕޮޗެޓީނޯއާ އެކީގައި މަޝްވަރާތައް ފަށައިފަ އެވެ. އަދި ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި އޭނާ ޔުނައިޓެޑްގެ ކޯޗަކަށް ވުމުގެ ފުރުސަތު ބޮޑު ކަމަށްވެ އެވެ.

ޕޮޗެޓީނޯއަކީ ޕްރިމިއާ ލީގަށް އާ ކޯޗެއް ނޫނެވެ. އޭނާ ވަނީ މީގެކުރިން ޓޮޓެންހަމް އާއި ޗެލްސީއަށް ވެސް ކޯޗުކޮށްދީފަ އެވެ. ޔުނައިޓެޑުން ޕޮޗެޓީނޯގެ ސޮއި ހޯދަން ބޭނުން ނަމަ، އޭނާގެ ރިލީސް ހޯދުމަށް ޔުނައިޓެޑުން 10 މިލިއަން ޑޮލަރު ދައްކަން ޖެހޭނެ އެވެ. ޕޮޗެޓީނޯ ވަނީ މިދިޔަ އޮގަސްޓް މަހު އެމެރިކާއާ އެކު ކޮންޓްރެކްޓެއްގައި ސޮއިކޮށްފަ އެވެ.

ކޮންކާކަފް ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލްގައި އަންނަ ހަފްތާގައި އެމެރިކާ ނުކުންނާނީ ހެއިޓީއާ ދެކޮޅަށެވެ.

މި ސީޒަންގައި މެންޗެސްޓާ ޔުނައިޓެޑުން ދައްކަމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުން އެ ޓީމުގެ ކޯޗު މައިކަލް ކެރިކަށް ވަނީ ވަރަށް ބޮޑު ޕްރެޝަރަކާ ކުރިމަތިލާން ޖެހިފަ އެވެ.

އެ ޓީމު މިހާރު ވެސް އޮތީ ޕްރިމިއާ ލީގުގެ ރެލިގޭޝަން ޒޯނުގަ އެވެ.

ޔުނައިޓެޑުގެ ކުރީގެ ކުޅުންތެރިޔާ ކެރިކާ ޓީމު ހަވާލުކުރީ ރުބެން އަމޯރިމްއާއެކު ނަތީޖާ ދަށްވުމުން މިދިޔަ ސީޒަނުގެ މެދު ތެރެއިންނެވެ. ކެރިކް ހަވާލުވެ ޔުނައިޓެޑް ލީގުގެ ތިން ވަނައަށް ގެންގޮސްދިނެވެ. އަދި ޗެމްޕިއަންސް ލީގުން ޖާގައެއް ހޯދައި ދިނުމާ ގުޅިގެން ކެރިކަށް ދާއިމީ ކޯޗުގެ މަގާމު ދިނެވެ.

އެކަމަކު، މި ސީޒަންގެ ޕްރިމިއާ ލީގުގައި ޔުނައިޓެޑް ކުޅުނު 10 މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. ބާކީ ފަސް މެޗުން އެއްވަރުވި އިރު، ހަތަރު މެޗުން ވީ ބައްޔެވެ.

ޕޮޗެޓީނޯ ވަނީ ޗެލްސީ އާއި ޓޮޓެންހަމްގެ އިތުރުން ސައުތެމްޓަނާއި ޕީއެސްޖީއަށް ވެސް ކޯޗުކަން ކޮށްދީފަ އެވެ.

ADVERTISEMENT

ކޮމެންޓު0COMMENTS

ކޮމެންޓު ޝާއިޢުކުރުމުގެ ކުރިން އެޑިޓަރުން ބަލާނެ.

ADVERTISEMENT