ބަޔާންގެ އޮލިސޭ ރެއާލަށް ބަދަލުވާން އުޅޭ ވާހަކަ ދޮގުކޮށްފި

ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުން އަންނަ މައިކަލް އޮލިސޭ، ސްޕެއިންގެ ރެއާލް މެޑްރިޑަށް ވިއްކާލަން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް ބަޔާނުން ދޮގުކޮށްފި އެވެ.
މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި އޮލިސޭ ހޯދުމަށް ރެއާލް މެޑްރިޑުން ވަރަށް ބޮޑަށް މަސައްކަތް ކުރި އެވެ. އެގޮތުން، ފްރާންސްގެ ގައުމީ ޓީމަށް ވެސް ކުޅެމުން އަންނަ އޮލިސޭ ގަތުމަށް ރެއާލް މެޑްރިޑުން 200 މިލިއަން ޔޫރޯ ދޭން ތައްޔާރަށް އޮތް ކަމަށް ވެސް ރިޕޯޓުތައް ބުނެފައިވެ އެވެ. އަދި ބަޔާނުން އޮލިސޭ ވިއްކާލާނީ 300 މިލިއަން ޔޫރޯއާ ގާތް ކުރާ އަދަދެއް ހުށަހެޅުމުން ކަމަށް ވެސް އަޑު ފެތުރިފައިވެ އެވެ.
ނަމަވެސް އުމުރުން 24 އަހަރުގެ އޮލިސޭއާ ގުޅޭ ގޮތުން ބަޔާންގެ ރައީސް ހާބާޓް ހެއިނާ ވިދާޅުވީ އޮލިސޭއާ ގުޅޭ ގޮތުން ރެއާލް މެޑްރިޑްގެ ރައީސް ފިއޮރެންޓީނާ ޕެރޭޒްއާ ވާހަކަ ދެއްކެވި ކަމަށެވެ.
"އޭނާ (ރެއާލްގެ ރައީސް) ސާފުކޮށްދިން ކަމަކީ ރެއާލް މެޑްރިޑުން އެއްވެސް މަޝްވަރާއެއް (އޮލިސޭ) އާ ނުކުރާ ކަން، އަދި އެޖެންޓާ ވެސް ނުކުރާކަން. 2029 ވަނަ އަހަރުގެ ނިޔަލަށް ހަދާފައި އޮތް ކޮންޓްރެކްޓެއް އެބައޮތް،" ބަޔާންގެ ރައީސް ވިދާޅުވި އެވެ.
އެއާއެކު، ބަޔާންގެ ރައީސް ވަނީ އޮލިސޭ، ރެއާލް މެޑްރިޑަށް ވިއްކާލަން އުޅޭ ވާހަކަ ދޮގުކޮށްފަ އެވެ. އަދި އޮލިސޭ ގިނަ އަހަރުތަކެއް ވަންދެން ބަޔާން އަށް ކުޅޭނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ދީފަ އެވެ.
ފްރާންސްގެ ގައުމީ ޓީމަށް ވެސް ކުޅެމުން އަންނަ އޮލިސޭއަކީ ޔޫރަޕްގައި ކުޅެމުން އަންނަ ފުޓްބޯޅަ ކުޅުންތެރިންގެ ތެރެއިން މިވަގުތު އެންމެ މޮޅު ހުނަރެއް ދައްކަމުން އަންނަ ކުޅުންތެރިޔާ އެވެ.
"މިއީ ވިއްކާ ކްލަބެއް ނޫން. މިއީ (ކުޅުންތެރިން) ގަންނަ ކްލަބެއް. އެކަމުގައި އެއްވެސް ކަމެއް ބަދަލެއް ނުވޭ." ބަޔާންގެ ރައީސް ވިދާޅުވި އެވެ.
މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އޮލިސޭ ކުޅުނު ނުވަ މެޗުގައި ހަ ލަނޑު ޖަހައި ހަތަރު އެސިސްޓް ވަނީ ހަދައިފަ އެވެ. ފްރާންސްގެ ގައުމީ ޓީމަށް 31 މެޗު ކުޅެދިން އޮލިސޭ ވަނީ މިހާތަނަށް 12 ގޯލް ޖަހައިފަ އެވެ. އަދި ބަޔާނަށް 122 މެޗު ކުޅެދީ 54 ލަނޑާއި 61 އެސިސްޓް ވަނީ ހަދައިފަ އެވެ.


