އިންޑިއާއިން 10 ވަނަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި

އިންޑިއާ އިން 10 ވަނަ ފަހަރަށް ސާފް ޗެމްޕިއަަންޝިޕްގެ ތަށި އުފުލާލައިފި އެވެ.
ސަރަހައްދީ ވަރުގަދަ ބާރު އިންޑިއާ އިން މި ތަށި އުފުލާލީ ފައިނަލްގައި ޕާކިސްތާނު 2-1 އިން ބަލިކޮށްފަ އެވެ. މިއީ ވިދިވިގެން ތިންވަނަ ފަހަރަށް ސާފްގެ ތަށި އިންޑިއާއިން ކާމިޔާބު ކުރި ފަހަރެވެ.
ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލީޑް ނަގައި ކުރި ހޯދީ ޕާކިސްތާނުންނެވެ. ފުރަތަމަ ހާފް ނިމެން އުޅެނިކޮށް ފޮނުވާލި ބާރު ހަމަލާއަކުން މި ގޯލް ކާމިޔާބުކޮށް ދިނީ މިޑްފީލްޑަރު އާލަމްގީރު ގާޒީ އެވެ.
ޕާކިސްތާނު ޕްރެޝަރަށް ދިޔައީ ޕާކިސްތާނުގެ ޑިފެންޑަރު ޖުނައިދު ޝާހަށް ރަތް ކާޑު ދެއްކުމުންނެވެ. އެއީ އިންޑިއާގެ މިޑްފީލްޑަރު ބްރައިސަން ފެނާންޑޭސްއަށް އަމާޒުކޮށް ކުރި ނުރައްކާތެރި ފައުލްއަކާ ގުޅިގެންނެވެ. އެއީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރު) ބަލާފައި ރެފްރީ ނިންމި ނިންމުމެކެވެ.
ދެވަނަ ހާފްގައި އިންޑިއާ ވަނީ ކުޅުން ރަނގަޅުކޮށް، ޕާކިސްތާނުގެ ގޯލަށް ނުރައްކާ ކުރި އެވެ. އަދި ފަހު ހާފްގެ ވަރަށް ކުރީކޮޅު އިންޑިއާ އިން ނަތީޖާ ހަމަހަމަކުރި އެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ އިންޑިއާގެ ސުހައިލް އަހުމަދު ބަޓް އެވެ.
އިންޑިއާ މޮޅުވި ލަނޑު ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށް ވެފައި ވަނިކޮށް އިންޑިއާގެ ޑިފެންޑަރު ސަންދީޕް މަންދީ އެވެ.
އިންޑިއާ އާއި ޕާކިސްތާނު ގްރޫޕް ސްޓޭޖްގައި ވެސް ބައްދަލު ކުރި އެވެ. އެ މެޗު 3-2 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ ވެސް އިންޑިއާ އެވެ.


