ސަކާ، އިތުރު 1 މަސް ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ

އާސެނަލް އަދި އިނގިރޭސި ވިލާތުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ބަކާޔޯ ސަކާ، އިތުރު އެއް މަސް ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ އެވެ.
ސަކާ 25، އަށް އަނިޔާވީ ޗެމްޕިއަންސް ލީގުގައި މިދިޔަ މަހުގެ 20 ވަނަ ދުވަހުގެރޭ ބަޔާން މިއުނިކް އަތުން 2-2 އިން އެއްވަރުވި މެޗުގަ އެވެ. އެ މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ސަކާ ކުޅެން އެރި ނަމަވެސް، ފުރަތަމަ ހާފްގެ ވަރަށް ކުރީކޮޅު ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ބަދަލު ކުރަން ޖެހުނެވެ.
އެހެންވެ، ސަކާ ކުޅުމާ ދުރުގައި ހުންނަތާ މިހާރު ވެސް އެއް މަސް ދުވަސް ވެއްޖެ އެވެ.
އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ބުނީ ސަކާއަށް ލިބުނު އަނިޔާއާ ގުޅިގެން އިތުރު އެއް މަސް ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށެވެ. ސަކާ އާ އެކު، އެ ޓީމުގެ މެދުތެރެއަށް ކުޅެމުން އަންނަ މާޓިން ޒުބިމެންޑީ ވެސް މަދު ހަފްތާތަކެއް ވަންދެން ކުޅުމާ ދުރުގައި ހުންނަން ޖެހޭ ކަމަށް އޭނާ ބުންޏެވެ.
"އަހަރުމެން އިތުރު ޓެސްޓެއް ހެދިއިރު، މި އެނގުނީ ޖުމްލަ އަށް ހަފްތާވަންދެން (ސަކާ) ކުޅުމާ ދުރުގައި ހުންނަން ޖެހޭކަން. މިހާރު ހަތަރު ހަފްތާ ހަމަވެއްޖެ. އަދި ކުޑަ ދުވަސްކޮޅެއް ނަގާނެ އެނބުރި އައިސް ޓީމާ ގުޅެން،" މިދިޔަ ސީޒަންގައި އާސެނަލް އަށް ޗެމްޕިއަންސް ލީގު ހޯދައި ދިން ކޯޗު ބުންޏެވެ.
އަންނަ މަހުގެ 20 ވަނަ ދުވަހު، ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި އާސެނަލް ބައްދަލުކުރާ މެޗަށް ސަކާ ފިޓްވާނެތޯ ސުވާލު ކުރުމުން އާޓެޓާ ބުނީ އެކަމާ މެދުގައި އެއްޗެއް ބުނަން ނޭނގޭ ކަމަށެވެ. ކުރިއަށް އޮތް ހަތަރު ހަފްތާގެ ތެރޭގައި ގިނަ ކަންތައްތަކެއް ހިނގާފާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
އާޓެޓާ އަދި ސަޕޯޓަރުންނަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެ ޓީމުގެ ފަހަތަށް ކުޅޭ ވިލިއަމް ސަލީބާ އަނިޔާއިން ރަނގަޅުވުމެވެ. މި ސީޒަންގައި ސަލީބާ އަދި މެޗެއް ނުކުޅެ އެވެ. އެއީ އޭނާގެ އުނަގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ.
މިދިޔަ ސީޒަންގައި ވެސް ސަކާއަށް އަނިޔާގެ މައްސަލަތަކަކާ ކުރިމަތިލާން ޖެހި، ވަރަށް ގިނަ ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހުނެވެ.


