މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުގެ މަގާމުން ކެރިކް ވަކިކޮށްފި

އިނގިރޭސި ކްލަބް، މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުގެ މަގާމުން މައިކަލް ކެރިކް މިއަދު ވަކިކޮށްފި އެވެ.
މި ސީޒަންގައި މެންޗެސްޓާ ޔުނައިޓެޑުން ދައްކަމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުން އެ ޓީމުގެ ކޯޗު މައިކަލް ކެރިކަށް ވަރަށް ބޮޑެތި ޕްރެޝަރާ ކުރިމަތިލާން ޖެހިފައިވެ އެވެ.
ދުނިޔޭގެ މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ ފެބްރިޒިއޯ ރޮމާނޯ ވަނީ އުމުރުން 45 އަހަރުގެ ކެރިކް މަގާމުން ވަކިކޮށްފައިވާ ކަން ކަށަވަރުކޮށް ދީފަ އެވެ. އަދި ޔުނައިޓެޑުން ވެސް މިހާރު ވަނީ މިކަން ރަސްމީކޮށް އިއުލާންކޮށްފަ އެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ މަހު ކެރިކް، ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވެ، އެ ޓީމުން ވަނީ ޕްރިމިއާ ލީގުގައި ހައިރާން ކުރުވަނިވި ނަތީޖާއެއް ހޯދައިފަ އެވެ. އެގޮތުން، ލީގުގެ 17 މެޗުގެ ތެރެއިން 12 މެޗުން މޮޅުވެ، ތިން ވަނަ މަގާމު ހޯދި އެވެ. އަދި ޗެމްޕިއަންސް ލީގުން ޖާގައެއް ހޯދައި ދިނުމާ ގުޅިގެން ކެރިކަށް ދާއިމީ ކޯޗުގެ މަގާމު ދިނެވެ.
އެކަމަކު، މި ސީޒަންގެ ޕްރިމިއާ ލީގުގައި ޔުނައިޓެޑް ކުޅުނު 10 މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. ބާކީ ފަސް މެޗުން އެއްވަރުވި އިރު، ހަތަރު މެޗުން ވީ ބައްޔެވެ.
އެ ޓީމު މިހާރު ވެސް އޮތީ ޕްރިމިއާ ލީގުގެ ރެލިގޭޝަން ޒޯނުގަ އެވެ.
ޔުނައިޓެޑުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސީޒަންގެ ކުރީކޮޅު ނުކުތް ދަށް ނަތީޖާތަކުގެ ސަބަބުން އެ ކުލަބުގެ އަމާޒުތަކަށް ވާސިލްވުމަށް ބަދަލެއް ގެނައުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.
ކެރިކް އަބަދުވެސް ހުންނާނީ މެންޗެސްޓާ ޔުނައިޓެޑްގެ ލެޖެންޑެއްގެ ގޮތުގައި ކަމަށް ބަޔާނުގައިވެ އެވެ. ކެރިކް މިދިޔަ ސީޒަންގައި ދެއްކި ލީޑަޝިޕާއި ހޯދި ކާމިޔާބީ އަބަދުވެސް ހަނދާނުގައި ހުންނާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ވަނީ ޔުނައިޓެޑަށް އާ ކޯޗެއް ހޯދުމަށް ވަރަށް އަވަހަށް މަސައްކަތް ކުރާނެ ކަމަށެވެ.
މެންޗެސްޓާ ޔުނައިޓެޑާ ދެން ހަވާލުވާނީ އެމެރިކާގެ ފުޓްބޯޅަ ކޯޗު މައުރީޝިއޯ ޕޮޗެޓީނޯ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި، ޔުނައިޓެޑުން ވަނީ އާޖެންޓީނާ އަށް އުފަން ޕޮޗެޓީނޯއާ އެކީގައި މަޝްވަރާތައް ފަށައިފަ އެވެ. އަދި ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި އޭނާ ޔުނައިޓެޑްގެ ކޯޗަކަށް ވުމުގެ ފުރުސަތު ބޮޑު ކަމަށްވެ އެވެ.
ޕޮޗެޓީނޯއަކީ ޕްރިމިއާ ލީގަށް އާ ކޯޗެއް ނޫނެވެ. އޭނާ ވަނީ މީގެކުރިން ޓޮޓެންހަމް އާއި ޗެލްސީއަށް ވެސް ކޯޗުކޮށްދީފަ އެވެ. ޔުނައިޓެޑުން ޕޮޗެޓީނޯގެ ސޮއި ހޯދަން ބޭނުން ނަމަ، އޭނާގެ ރިލީސް ހޯދުމަށް ޔުނައިޓެޑުން 10 މިލިއަން ޑޮލަރު ދައްކަން ޖެހޭނެ އެވެ.


