ސީދާ ޚަބަރަށް
23 ނޮވެމްބަރު 2026DHARAJA.COM
ADVERTISEMENT

ކުޅިވަރު

ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައި ރާއްޖެއަށް ހިތްދަތި ނަތީޖާއެއް

1 މިނެޓް

ރާއްޖެ އާއި އިންޑިއާއާ ބައްދަލުކުރި މެޗު. --- ފޮޓޯ: އިމޭޖަސް އެމްވީ
ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައި ރާއްޖެއަށް އެންމެ ހިތްދަތި ނަތީޖާއެއް

ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އަތުން ބަލިވެ ރާއްޖެއަށް މުބާރާތް ނިމިއްޖެ އެވެ.

ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުން ރާއްޖެ ކެޓީ ކުޅުނު އެއްވެސް މެޗަކުން މޮޅެއް ނުލިބި އެވެ. އެންމެ ކުޑަ މިނުން ރާއްޖެއަށް ލަނޑެއް ވެސް ނުޖެހުނެވެ.

ފުރަތަމަ މެޗުގައި ރާއްޖެ ނުކުތީ ޕާކިސްތާންއާ ދެކޮޅަށެވެ. އެ މެޗުން ރާއްޖެ ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. އެންމެ ފަހުން، އިންޑިއާ އާ ދެކޮޅަށް މިއަދު ކުޅުނު މެޗުން ރާއްޖެ ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ.

މިއީ ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައި ވެސް ރާއްޖެއަށް ލިބުނު އެންމެ ލަދުވެތި ނަތީޖާ އެވެ.

ޑާކާގެ ގައުމީ ފުޓްބޯޅަ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އިންޑިއާގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުންނެވެ. އެ ޕެނަލްޓީއަކީ ރާއްޖޭގެ ޑިފެންޑަރު ހުސައިން ސިފާއު ޔޫސުފް (ކުރޯ) އޭރިއާ ތެރެއަށް ވަދެ، އިންޑިއާގެ ވިންގާ އަބްދުލް ރަބީހަށް ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީއެކެވެ.

މި ޕެނަލްޓީ ކާމިޔާބުކުރީ ޒުވާން ފޯވާޑް ސުހޭލް އަހުމަދު ބަޓްއެވެ. މިއީ މުބާރާތުގައި އޭނާ ޖެހި ތިން ވަނަ ލަނޑެވެ.

ދެ ވަނަ ހާފްގައި ރާއްޖޭގެ ކުޅުން ވަރަށް ބޮޑަށް ރަނގަޅުކޮށް، މެޗުގެ ކޮންޓްރޯލް ވެސް ހޯދި އެވެ. ހާއްސަކޮށް، ފަހު ހާފްގެ، ފަހު ވިއްސަކަށް މިނެޓުގައި އިންޑިއާގެ ގޯލަށް ނުރައްކާތެރި ދެ ތިން ހަމަލާއެއް ވެސް ފޮނުވާލި އެވެ.

ނަތީޖާ ހަމަހަމަ ކުރަން ރާއްޖެ އަށް ރަނުގެ ފުރުސަތެއް ލިބުނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ފޯވާޑް އީތަން އިބްރާހިމް ޒަކީ އެވެ. އޭނާ ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ މުޅިން ހުސްކޮށް ފޮނުވާލި ބޯޅަ އިންޑިއާގެ ގޯލްކީޕަރު ޕްރިޔާންޝް ދުބޭ ވަނީ ދިފާއުކޮށްފަ އެވެ.

ރާއްޖެ ހިމެނޭ ގްރޫޕުން އެއްވަނައިގައި ހަ ޕޮއިންޓާއެކު، ސެމީ އަށް ދަތުރުކުރީ އިންޑިއާ އެވެ. ދެވަނައިގައި ތިން ޕޮއިންޓް ހޯދައިގެން ސެމީއަށް ދިޔައީ ޕާކިސްތާނެވެ.

ADVERTISEMENT

ކޮމެންޓު0COMMENTS

ކޮމެންޓު ޝާއިޢުކުރުމުގެ ކުރިން އެޑިޓަރުން ބަލާނެ.

ADVERTISEMENT