ރިޕޯޓްރައީސް ޑރ. މުހައްމަދު މުއިއްޒު
ދިވެހިން ބަނގުރޫޓުވިޔަ ނުދީ މިންޖުކޮށްދިން ތާރީޚީ އަހަރު!

ނޮވެމްބަރު 17، 2023 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، ވެރިކަމަށް ވަޑައިގެންނެވި އިރު، ރާއްޖެ އޮތީ ބަނގުރޫޓުވުމުގެ ތުންފަތް މަތީގަ އެވެ. ރާއްޖޭގެ ދަރަނި ހުރީ 124 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އަށް ބިލިއަން ރުފިޔާގެ ފައިސާ ޗާޕު ކުރުމާއި "ވާރުތަވި" ދަރަންޏާ ގުޅިގެން ރާއްޖޭގެ އިގްތިސާދު އޮތީ "ނޭވާ" ހޮޅީގަ އެވެ. ކުއްލިއަކަށް ގައުމު "އިނދަޖެހިދާނެ" ކަމުގެ ބިރު އިންތިހާއަށް އޮތެވެ.
އޭރުގައި ބައެއް ރައްޔިތުންނަށް ވިސްނައި ދިން އެއް ކަމަކީ، ހަ މަސް ދުވަހުގެ ތެރޭގައި ރާއްޖެ ބަނގުރޫޓުވެ، ރައްޔިތުން ބޮޑު ނިކަމެތި ކަމެއްގެ ތެރެއަށް ވެއްޓިދާނެ ކަމެވެ. ބޮލަށް ވައްދައި ދިނީ ހަނޑޫ، ފުށް، ހަކުރު ފަދަ ރައްޔިތުންނަށް އެންމެ ބޭނުން ޖެހިފައިވާ އަސާސީ ބާވަތްތައް ނުލިބޭނެ ކަމުގެ ބިރެވެ. ހަނގުރާމައިގެ ދުވަސްވަރު، އަހަރުމެންގެ ކާބަފައިން މަގޫ ފަތް ކައިގެން ބަނޑުފުރާނަ މުއްތިކުރި ގޮތަށް އުޅެން ޖެހިދާނެ ކަމުގެ ބިރު ވެސް ދެއްކި އެވެ. ފިހާރަތަކުން ޒަރޫރީ، ކާބޯތަކެތި ހުސްވެދާނެ ކަމަށް ހީކޮށް، ކުރީ ބައިގައި ކާބޯތަކެތި ގަނެ ގޭގޭގައި ސްޓޮކް ކުރަން ވެސް ފެށި އެވެ.
އެކަމަކު، ރާއްޖެ އެ ހާލަތަކާ ގާތަށް ވެސް ނުދެ އެވެ.
ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ބޭރުގެ ދަރަނީގެ ގޮތުގައި 1.412 ބިލިއަން ޑޮލަރު ދައްކައި، އިންވެސްޓަރުންގެ އިތުބާރު ހޯދި އެވެ. ރާއްޖޭގެ ކްރެޑިޓް ރޭޓިން "ސީއޭއޭ2" އިން "ސީއޭއޭ1" އަށް މަތިކޮށް، އައުޓްލުކް "ސްޓޭބަލް" އަށް ބަދަލު ކުރުމަކީ ވަރަށް ބޮޑު ކުރިއެރުމެކެވެ. ރޭޓިންއަށް މި ގެނައި ކުރިއެރުމަކީ ކުރު މުއްދަތެއްގައި ރާއްޖެ ދަރަނީގެ ހިރާސްތައް ބޮޑު ތަނުން ކުޑަވެފައިވާ ކަމަށް މޫޑީސްއަށް ގަބޫލު ކުރެވޭތީ ގެނައި ބަދަލެކެވެ.

ރައީސް ޑރ. މުއިއްޒު، ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަ ދައްކަވަން ޖެހިވަޑައިގަތް ދަރަންޏަކީ ސޯލިހްގެ ވެރިކަމުގައި ބަޖެޓު ސަޕޯޓުގެ ގޮތުގައި އިންޑިއާގެ ސްޓޭޓް އޮފް ބޭންކް (އެސްބީއައި) މެދުވެރިކޮށް ނެގި 150 މިލިއަން ޑޮލަރެވެ. އެ 150 މިލިއަން ޑޮލަރަކީ އެސްބީއައި އަށް ޓްރެޝަރީ ބިލް ވިއްކައިގެން ރާއްޖެއިން ހޯދި ލޯނެކެވެ.
ސޯލިހްގެ ވެރިކަން ނިމިގެން އައިއިރު، މި ލޯންގެ އެއްވެސް މިންވަރެއް ނުދައްކައި ކުރި ހާ ވެސް ކަމަކީ އިންޑިއާގެ ސަރުކާރުގެ ހުއްދަ ވެސް ލިބިގެން އަހަރުން އަހަރަށް ލޯން ދެއްކުން ފަސް ކުރުމެވެ. އެ ލޯން ޕެކޭޖްގައި 200 މިލިއަން ޑޮލަރު ހިމެނޭ އިރު، 50 މިލިއަން ޑޮލަރަކީ ހިލޭ އެހީ އެވެ. އެއީ ސަރުކާރު ބަދަލުވި އިރު، އޮތް ބޭނުން ކުރަން ލިބުނު އެއްޗެއް ނޫނެވެ. އެހެންވެ ލޯންގެ ބުރަ އުފުލަން ޖެހުނީ މި ސަރުކާރަށެވެ. މިއީ އިދިކޮޅުގައި ތިބި މީހުންނާއި ސަރުކާރާ އެއްކޮޅުގައި ތިބި މީހުން ވެސް އެއްބަސްވާ ކަމެކެވެ.
ކޮންމެއަކަސް، ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން 150 މިލިއަން ޑޮލަރުގެ ލޯން ބައި ބަޔަށް ބަހާލައިގެން ދައްކައިފި އެވެ.

އެ ނިމުނީކީ ނޫނެވެ؛
ސޯލިހްގެ ސަރުކާރުން 2021 ވަނަ އަހަރު ދޫކުރި ސުކޫކަށް ދައްކަން ޖެހޭ ޖުމްލަ 524.68 މިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް އަށް ބިލިއަން ދިވެހި ރުފިޔާ) ނުދެއްކިދާނެ ކަމަށް އިދިކޮޅުން ގަބޫލު ކުރި އެވެ. އެ ލޯން ދެއްކުމަކީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ. އެ ބޮޑު ލޯނުން ވެސް ގައުމު ސަލާމަތްކޮށް ދިނީ ސަރުކާރުން އެޅި ފިޔަވަޅުތަކުންނެވެ. ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އާއި ދައުލަތުގެ ރިޒާވް ބޭނުންކޮށްގެން ދަރަނި ދައްކައި މިދިޔަ އޭޕްރީލް 2 ގައި ހަލާސް ކުރި އެވެ.
މި ހުރިހާ ކަމެއް ވެގެން ދިޔައިރު، ދަރުމަވަންތަ ހޮސްޕިޓަލާއި އިސްކަންދަރު ސްކޫލާއި ފިނޭންސް މިނިސްޓްރީ ބިލްޑިން ފަދަ މުހިންމު އިމާރާތްތައް ހުރީ ރަހުނުކޮށްފަ އެވެ. އެ ތަންތަން ދިވެހިންގެ އަތުން ބީވެގެން ދިޔަ ނުދީ ހުއްޓުވީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުންނެވެ.
އަދިވެސް ނިމުނީކީ ނޫނެވެ؛

ރައީސް ޑރ. މުއިއްޒުގެ ސަރުކާރަށް ދެން ކުރިމަތިވަޑައިގަތް އެންމެ ބޮޑު ބުރައަކީ އިންޑިއާއިން ރާއްޖެއަށް ދޫކުރި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ ވެސް މި އަހަރުގެ އޭޕްރީލް މަސް ނިމުމުގެ ކުރިން ދައްކަން ޖެހުމެވެ. އެ ފައިސާ ވެސް މި ސަރުކާރުން ދައްކާ ހަލާސް ކުރި އެވެ.
10.4 ބިލިއަން ރުފިޔާ މި އަހަރު އެކަނިވެސް ދެއްކި!
ކުރު ގޮތަކަށް ދަންނަވާ ނަމަ، ރާއްޖެއަށް ލިބުނު ޑޮލަރުގެ ބޮޑު ބައެއް ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން މިވީ ތިން އަހަރު ދުވަހުގެ ތެރޭގައި ބޭރުގެ ދަރަނީގެ ގޮތުގައި ދެއްކީ ރާއްޖެއިން ބޭރުން އިމްޕޯޓް ކުރާ ތެލާއި ކާބޯތަކެއްޗާއި އެ ނޫން ވެސް ތަކެއްޗަށް ޑޮލަރުން ފައިސާ ދައްކަމުންނެވެ.
މި ހިނގާ އަހަރަކީ ރާއްޖޭގެ މާލީ ތާރީހުގައި ވެސް، ދިވެހި ރައްޔިތުން އުފުލަން ޖެހިފައި އޮތް ބޮޑު ދަރަނީގެ ބުރައިން ރައްޔިތުން މިންޖުކުރުމަށް ދައުލަތުގެ ބަޖެޓުން ރެކޯޑް އަދަދަކަށް ހޭދަކުރި ތާރީހީ އަހަރެކެވެ. ކުރީ ސަރުކާރުތަކުން ނަގާފައިވާ ބޮޑެތި ދަރަނިތައް ދައްކަންޖެހޭ ވަގުތު އައިސް ޖެހުނުއިރު، މި ސަރުކާރު އޮތީ އެކަމަށް ހުށިޔާރުވެގެންނެވެ. މިއަހަރުގެ މިހާތަނަށް 10.4 ބިލިއަން ރުފިޔާ މި ސަރުކާރުން ދަރަނީގެ ގޮތުގައި އަނބުރާ ވަނީ ދައްކައިފަ އެވެ.

މި ދަރަނިތައް ދައްކައި ޚަލާސްކުރުމުން، މި އަންނަ އަހަރު ސަރުކާރުން ދަރަނި ދެއްކުމަށް ހޭދަކުރަންޖެހޭ މިންވަރުވަނީ ދަށްކުރެވިފަ އެވެ. މިގޮތުން، އަންނަ އަހަރު ދަރަނި އަނބުރާ ދެއްކުމަށް 4.5 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާ ކުރެވެ އެވެ.
އަންނަ އަހަރަށް ލަފާކޮށް59.7 ބިލިއަން ރުފިޔާގެ ބަޖެޓު، ރައްޔިތުންގެ މަޖިލިހަށް ހުށަހަޅުއްވައި ދެއްވަމުން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓަކީ ދިވެހި ކޮންމެ ރައްޔިތެއްގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، މި ދިވެހި ފަސްގަނޑުގައި އަދުލުވެރި، އިންސާފުވެރި އަދި ފުދުންތެރި މުޖުތަމައެއް ބިނާކުރުމަށްޓަކައި ސަރުކާރުން އެކަށައަޅާފައިވާ މަގު ޗާޓެއް ކަމަށެވެ.

އަދި 2027 ވަނަ އަހަރުގެ ބަޖެޓުގެ އެންމެހައި އަސާސްތައް ބިނާކޮށްފައި ވަނީ 2040 ވަނަ އަހަރާ ހަމައަށް ދާއިރު، ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ރައީސް ޑރ. މުއިއްޒު އެކަށައަޅުއްވާފައިވާ ތަސައްވަރު ހާސިލްކުރެވޭނެ ގޮތަށް ކަމަށް ޒަރީރު ވިދާޅުވި އެވެ. ޒަރީރު ވިދާޅުވި ގޮތުގައި، މިއަހަރުގެ ނިޔަލަށް ޖުމުލަ 11.7 ބިލިއަން ރުފިޔާ ދަރަނި އަނބުރާ ދެއްކުމަށް ޚަރަދުވާނެ ކަމަށް ބެލެވެ އެވެ.
ޒަރީރު ވިދާޅުވީ އަންނަ އަހަރު ދައްކަން ޖެހޭ ދަރަނި ކުޑަވުމަކީ މުސްތަގުބަލުގެ ޖީލުތަކަށް ދަރަނީގެ ބުރަ ކުޑަކުރުމަށް ސަރުކާރުން އެޅި ފިޔަވަޅެއް ކަމަށެވެ.
"ދަރަނި ދެއްކުމުގައި ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ފޮނި މީރު ނަތީޖާއަކަށް ވެގެންދިޔައީ، ބައިނަލްއަގްވާމީ މާލީ އިދާރާތަކުގެ އިތުބާރު ގާއިމުކޮށް އަދި ރޭޓިން އެޖެންސީތަކުން ރާއްޖެއަށް ދީފައިވާ ރޭޓިން މަތިކުރުން. މިއީ މާލީ ގޮތުން މި ގައުމު ހޯދި މުހިއްމު ކާމިޔާބެއް." ޒަރީރު ވިދާޅުވި އެވެ.
ދަރަނީގެ ގޮތުގައި އެއް ބިލިއަން ޑޮލަރު ނުވަތަ އެތައް ބިލިއަން ރުފިޔާއެއް ދެއްކުމަކީ ރާއްޖެ ކަހަލަ ކުޑަ ގައުމެއްގައި އާދައިގެ ކަމެއް ނޫނެވެ. މިއީ އެތައް ރަށެއްގެ ބަނދަރު ތަރައްގީ ކުރެވޭނެ ފައިސާ އެވެ. އެތައް ރަށެއްގައި ފްލެޓު އެޅޭނެ ފައިސާ އެވެ. އެކިކަންކޮޅުތަކުގައި މަގު ހެދޭނެ ފައިސާ އެވެ. ފެނާއި ނަރުދަމާ އެޅޭނެހާ ފައިސާ އެވެ. ފުޓްސަލް ދަނޑާއި ފުޓްބޯޅަ ދަނޑާއި ވޮލީ ކޯޓާއި އެ ނޫން ވެސް ކުޅިވަރުގެ ވަސީލަތްތައް ގާއިމު ކުރެވޭނެހާ ފައިސާ އެވެ.

ބޭހާއި އެނޫން ވެސް ޒަރޫރީ ބާވަތްތައް ފަސޭހަކަމާއެކު، ދަތިކަމެއް ނެތި ގެނެވޭނެ ފައިސާ އެވެ.
ރާއްޖެ "ހަމަ އިސްކޮޅަށް" ތެދުވަން ލިބުނު ފުރުސަތަކީ އެ ލޯންތައް ދެއްކުމެވެ. ލޯންތަކުގެ ބުރައިން ރާއްޖެ މިހާރު އޮތީ ސަލާމަތްވެފަ އެވެ. އެއީ މި ސަރުކާރަށް ހައްގު ކްރެޑިޓެކެވެ. ދިވެހިން މިހާރު، ބޭނުން ވަނީ މި ވެރިކަމުގެ ބާކީ އޮތް މުއްދަތުގައި ހެޔޮ ބަދަލެކެވެ. އެ ބަދަލަށް ރައްޔިތުން މިހާރު ތިބީ ކެތް މަދުވެފަ އެވެ. ސަރުކާރު އޮތީ އެ ބަދަލު ގެނެސްދޭން ތައްޔާރަށެވެ. އެކަމަކު، ރައްޔިތުންގެ އެއްބާރުލުމާ ނުލައި މިކަން ވެސް ހާސިލް ނުވާނެ އެވެ.


