2027 ގެ ބަޖެޓު : އިގްތިސާދީ ހަމަޖެހުމާއި ދަރަނި ކުޑަކުރުމުގެ އާ މިސްރާބެއް
އަންނަ އަހަރުގެ ބަޖެޓަކީ 2040 ވަނަ އަހަރާ ހަމައަށް ދާއިރު ދިވެހިރާއްޖެ އަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމުގެ ދުރުރާސްތާ ތަސައްވުރާ ގުޅުވައިގެން އެކުލަވާލާފައިވާ ބަޖެޓެއް. މި ބަޖެޓުގެ އެންމެ މައިގަނޑު އަމާޒަކީ މެކްރޯއިކޮނޮމިކް ސްޓެބިލިޓީ ދަމަހައްޓައި، ދައުލަތުގެ އާމްދަނީ އިތުރުކޮށް، ޑެފިސިޓް ކޮންޓްރޯލް ކުރުމާއެކު ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުން.
3 މިނެޓް

އަންނަ އަހަރަށް ދައުލަތުން ހުށަހަޅާ ބަޖެޓަކީ 2040 ވަނަ އަހަރު ދިވެހިރާއްޖެ އަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމުގެ ދުރުރާސްތާ ތަސައްވުރާ ގުޅުވައިގެން އެކުލަވާލާފައިވާ ބަޖެޓެކެވެ. މި ބަޖެޓުގެ އެންމެ މައިގަނޑު އަމާޒަކީ މެކްރޯއިކޮނޮމިކް ސްޓެބިލިޓީ ދަމަހައްޓައި، ދައުލަތުގެ އާމްދަނީ އިތުރުކޮށް، ޑެފިސިޓް ކޮންޓްރޯލް ކުރުމާއެކު ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމެވެ. މި ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި 2028 ވަނަ އަހަރުގެ ނިޔަލަށް ހާސިލުކުރަންޖެހޭ މައިގަނޑު ފަސް ފިސްކަލް އަމާޒަކާއި، އެ އަމާޒުތަކަށް ވާސިލުވުމަށް 2027 ވަނަ އަހަރު ތަންފީޒުކުރާނެ އޮޕަރޭޝަނަލް އަމާޒުތަކެއް ބަޖެޓުގައި ވަނީ ކަނޑައަޅާފަ އެވެ.
2028 ފިސްކަލް އަމާޒުތައް - މެދުރާސްތާގައި މާލީ ހަމަޖެހުމަށް
އޯވަރޯލް ޑެފިސިޓް ދަށްކުރުން - ޖީޑީޕީގެ ނިސްބަތުން 5 އިންސައްތައަށް ދަށްކުރުން (2028 އަށް އަންދާޒާކުރެވެނީ -4.5އިންސައްތަ އެވެ). ދައުލަތުގެ ސީދާ ދަރަނި ކުޑަކުރުން - ޖީޑީޕީގެ ނިސްބަތުން 117 އިންސައްތައަށް ކުޑަކުރުން (އަންދާޒާ 116.3އިންސައްތަ ).ޕީއެސްއައިޕީ ޚަރަދު ހިފެހެއްޓުން - ޖީޑީޕީގެ ނިސްބަތުން 7 އިންސައްތައަށްވުރެ މަތިނުވާނެހެން ކަނޑައެޅުން (އަންދާޒާ 6.0އިންސައްތަ). އިންޓަރެސްޓް ޚަރަދު ކޮންޓްރޯލްކުރުން - ހިލޭ އެހީ ނުހިމަނައި ލިބޭ އާމްދަނީގެ ނިސްބަތުން 12 އިންސައްތައަށްވުރެ މަތިނުވާނެހެން ހިފެހެއްޓުން (އަންދާޒާ 10.7އިންސައްތަ ).ގެރެންޓީ ދީފައިވާ ދަރަނި ކުޑަކުރުން - ޖީޑީޕީގެ ނިސްބަތުން 15 އިންސައްތައަށް ކުޑަކުރުން (އަންދާޒާ 6.2އިންސައްތަ).އަންނަ އަހަރުގެ އޮޕަރޭޝަނަލް އަމާޒުތަކާއި މުހިންމު ސިޔާސަތުތައް
1. އާމްދަނީ އިތުރުކުރުމާއި ރިކަރަންޓް ޚަރަދު ހަމަޖެއްސުން
ބަޖެޓުގައިވާ ގޮތުން އަންނަ އަހަރު ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ އާމްދަނީ 32 އިންސައްތައަށްވުރެ ދަށްނުވާނެ މިންވަރެއްގައި (33.3 އިންސައްތައިގައި) ހިފެހެއްޓުމަށް ވަނީ އަމާޒު ހިފައިފައެވެ. މިގޮތުން، ލިބޭ އާމްދަނީން ރިކަރަންޓް ޚަރަދުތައް ހަމަޖެއްސުމަށް ރާވާފައިވާއިރު، އަންނަ އަހަރު އާމްދަނީގެ ގޮތުގައި 43.2 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކޮށްފައިވެ އެވެ. އަދި ރިކަރަންޓް ޚަރަދު 42.7 ބިލިއަން ރުފިޔާގައި ހިފެހެއްޓުމަށް ވެސް އިންތިޒާމުތައްކޮށްފައިވެ އެވެ. އަންނަ އަހަރު މުވައްޒަފުންގެ އާ ޕޭ ފްރޭމްވޯކްގެ ސަބަބުން މުސާރައިގެ ޚަރަދު ބޮޑުވެފައިވީ ނަމަވެސް، އަންނަ އަހަރު މުވައްޒަފުން ނެގުމުގައި ގެންގުޅޭ ހަރުދަނާ ސިޔާސަތުތަކާއެކު މި ޚަރަދު އިތުރުވިޔަނުދީ ހިފަހައްޓާނެ ކަމަށްވެސް ބުނެފައިވެ އެވެ. މީގެ އިތުރުން، ސޯލާ ހަކަތަ އިތުރުކޮށް ތެލާއި ކަރަންޓު ސަބްސިޑީއަށް ކުރާ ޚަރަދު ކުޑަކުރުމާއި، އާސަންދައިގެ ޚަރަދު ކުޑަކުރުމަށް ސެންޓްރަލައިޒްޑް ބަލްކް ޕްރޮކިއުމަންޓް ނިޒާމެއްގެ ދަށުން ބޭހާއި މެޑިކަލް ކޮންސިއުމަބަލްސް ހޯދުމަށް ވަނީ ވެސް ރާވާފަ އެވެ.
2. ދަރަނި ދަށްވާނެ މިސްރާބަކަށް ގެނައުން
އަހަރުން އަހަރަށް ޑެފިސިޓް ކުޑަކޮށް، އަންނަ އަހަރު ގްރޮސް ފައިނޭންސިން ނީޑް ޖީޑީޕީގެ 14.6 އިންސައްތައަށް ދަށްކުރުމަށް ވެސް ވަނީ ރާވާފައެވެ. އިތުރު ދަރަނި ނެގުމުގެ ބަދަލުގައި ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަށް ލިބޭ ފައިސާއާއި ދައުލަތުން ދޫކޮށްފައިވާ ލޯނު އަނބުރާ ދެއްކުމުން ލިބޭ ފައިސާ އިން ބަޖެޓު ފައިނޭންސް ކުރުމަށް އިސްކަންދޭނެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ދައުލަތުގެ ސީދާ ދަރަނި 2027 ގައި 117.0 އިންސައްތަ އަށް އަދި 2028 ގައި 116.3އިންސައްތަ ކުޑަކޮށް، 2029 ގައި 107.9އިންސައްތަ އަށް ދަށްވަމުންދާނެ ކަމަށް ވެސް އަންދާޒާކޮށްފައިވެ އެވެ.
3. ޕީއެސްއައިޕީ ޚަރަދާއި ޕްރައިވެޓް ސެކްޓާ ބައިވެރިކުރުން
ބަޖެޓުގައިވާ ގޮތުން ފައިނޭންސިން ސެކިއޯ ނުކޮށް ޑޮމެސްޓިކް ބަޖެޓުން ޚަރަދުކޮށްގެން މަޝްރޫއުތައް ހިންގުމުގެ ބަދަލުގައި، ޕީއެސްއައިޕީ ޚަރަދުގެ ޖުމްލައިގެ ތެރެއިން ޑޮމެސްޓިކް ބަޖެޓުން ފަންޑުކުރާ މިންވަރު 70 އިންސައްތައަށްވުރެ ބޮޑުނުވާނެހެން (69.3 އިންސައްތައިގައި) ހިފަހައްޓާނެ އެވެ. އަދި އަމިއްލަ ފަރާތްތަކުގެ ފައިނޭންސިން މޮޑެލްތައް މެދުވެރިކޮށް އިންވެސްޓްމަންޓްތައް ކުރިއަށް ގެންދިއުމުން ބޭރުގެ ދަރަންޏަށް ބަރޯސާވާ މިންވަރު ކުޑަވެގެންދާނެ ކަމަށްވެސް ބުނެފައިވެ އެވެ.
4. ބޭރުގެ ދަރަނީގެ އިންޓަރެސްޓް ހިފެހެއްޓުން
ބަޖެޓުގައިވާ ގޮތުން އިގްތިސާދަށް ފައިދާކުރާ އަދި އެ އިންވެސްޓްމަންޓަކުން ލިބޭ އާމްދަނީން ދަރަނި ދެއްކޭނެ ފަދަ މަޝްރޫއުތަކަށް ނޫނީ ބޭރުން ދަރަނި ނުނެގުމަށް ވެސް އަންނަ އަހަރުގެ ބަޖެޓުގެ އަމާޒަކަށް ވަނީ ހަދާފަ އެވެ. އެގޮތުން ބޭރުގެ ފަރާތްތަކަށް ދައްކާ އިންޓަރެސްޓް ޚަރަދު، އާމްދަނީގެ 5 އިންސައްތައަށްވުރެ ދަށުގައި (2027 ގައި 2.5 އިންސައްތަ، އަދި 2028 ގައި 2.6 އިންސައްތައިގައި ބަހައްޓައި 2029 ގައި 2.8އިންސައްތައިގައި ) ހިފަހައްޓާނެ ކަމަށްވެސް ބުނެފައިވެ އެވެ.
5. ދައުލަތުން ގެރެންޓީ ދިނުން ހަރުދަނާކުރުން
ދަރަނީގެ އަމާޒު އަންނަ އަހަރުގެ ބަޖެޓަށް ވަނީ މުރާޖައާކޮށްފަ އެވެ. އަދި ދައުލަތުގެ ދަރަންޏާބެހޭ ގާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް ގެޒެޓުކޮށް، އެ އުސޫލުތަކާ އެއްގޮތަށް މެނުވީ ގެރެންޓީ ދޫނުކުރުމަށް ވަނީ ކަނޑައަޅާފަ އެވެ. ޖުމްލަގޮތެއްގައި ބަލާއިރު، އަންނަ އަހަރުގެ ބަޖެޓަކީ އިދާރީ ޚަރަދުތައް ކުޑަކޮށް، އާމްދަނީ އިތުރުކުރުމުގެ ސިޔާސަތުތައް ހަރުދަނާކޮށް، ދައުލަތުގެ މާލީ ހާލަތު ދެމެހެއްޓެނިވި މިސްރާބަކަށް އަނބުރާލުމަށް އެކުލަވާލާފައިވާ ޒިންމާދާރު ބަޖެޓެކެވެ.


