ދިވެހީންގެ ނޮވެމްބަރު 11: ޅަފަތުގެ ޖުމްހޫރިއްޔާއިން ދެވަނަ ޖުމްހޫރިއްޔާއަށް
ގައުމުގެ ވެރިކަމާމެދު އުފެދުނު ނުތަނަވަސްކަން ފެށުނީ 1943 އޭޕްރީލް މަހު، ސުލްތާން ޙަސަން ނޫރައްދީން (ދެވަނަ) އާއި ބޮޑުވަޒީރު މުޙައްމަދު ފަރީދު ދީދީ އިސްތިއުފާ ދެއްވުމާއެކުއެވެ. އޭގެފަހުން ތަޚުތަށް ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު ހޮވިވަޑައިގަތް ނަމަވެސް، އެމަނިކުފާނު އޭރު ހުންނެވީ ރާއްޖޭން ބޭރުގައި ކަމުން ރަސްމީކޮށް ތަޚުތު ހަވާލުވެވަޑައެއް ނުގަތެވެ. ރަސްކަލަކު ނެތް އެ އިންތިގާލީ ދުވަސްވަރު ވެރިކަން ހިންގަމުން ދިޔައީ "ވަލީ ކޮމިޓީ" އަކުންނެވެ.
5 މިނެޓް

ދިވެހީންނަށް ޖުމްހޫރީ ދުވަހަކީ ނޮވެމްބަރު 11 އެވެ. އެއީ 1968 ވަނަ އަހަރު ރާއްޖޭގައި ދެވަނަ ފަހަރަށް ޖުމްހޫރީ ވެރިކަމެއް ގާއިމުކުރެވުނު ތާރީޚީ ދުވަހެވެ. ނަމަވެސް، އޭގެ 15 އަހަރު ކުރިންވެސް ދިވެހީންނަށް ޖުމްހޫރިއްޔަތުގެ ކުލަތައް ފެނުނެވެ. އެކަމަކު އެއީ ކުޑަ ދުވަސްކޮޅެއްގެ ތަޖުރިބާއެކެވެ. އެ ފުރަތަމަ ޖުމްހޫރިއްޔާ ޅަފަތުގައި ނިމިގެންދިޔައެވެ.
އެ ޖުމްހޫރިއްޔާގެ ފެށުން އައީ ގައުމުގެ ކުރިމަގު ބައްޓަންކުރާނެ ގޮތާމެދު 1952 ޖޫން މަހު ފެށުނު ބަހުސްތަކުންނެވެ. އެ ބަހުސްތައް އިސްވެ ލީޑުކުރެއްވީ އޭރު ސަރުކާރު ހިންގެވުމުގައި އެންމެ އިސްކޮށް ހުންނެވި މުޙައްމަދު އަމީން ދީދީއެވެ.
ގައުމުގެ ވެރިކަމާމެދު އުފެދުނު ނުތަނަވަސްކަން ފެށުނީ 1943 އޭޕްރީލް މަހު، ސުލްތާން ޙަސަން ނޫރައްދީން (ދެވަނަ) އާއި ބޮޑުވަޒީރު މުޙައްމަދު ފަރީދު ދީދީ އިސްތިއުފާ ދެއްވުމާއެކުއެވެ. އޭގެފަހުން ތަޚުތަށް ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު ހޮވިވަޑައިގަތް ނަމަވެސް، އެމަނިކުފާނު އޭރު ހުންނެވީ ރާއްޖޭން ބޭރުގައި ކަމުން ރަސްމީކޮށް ތަޚުތު ހަވާލުވެވަޑައެއް ނުގަތެވެ. ރަސްކަލަކު ނެތް އެ އިންތިގާލީ ދުވަސްވަރު ވެރިކަން ހިންގަމުން ދިޔައީ "ވަލީ ކޮމިޓީ" އަކުންނެވެ.
އެ ހިސާބުން ގައުމުގައި ސީދާ ވެރިޔަކު އިސްކުރުމުގެ މުހިންމުކަމާމެދު ވާހަކަ ދެކެވުނެވެ. އެ މަގާމަށް މުޙައްމަދު އަމީން ހަވާލުވެވަޑައިގަތުމަށް އެންމެން އެއްބަސްވިއެވެ. އެކަމާއެކު އުފެދުނު ސުވާލަކީ، އެމަނިކުފާނު އަދާކުރައްވާނީ ރަސްގެފާނުގެ ދައުރެއް ހެއްޔެވެ، ނުވަތަ ރައީސެއްގެ ދައުރެއް ހެއްޔެވެ، ކަމަށެވެ.
އަމީން ބޭނުންފުޅުވީ އެކަން ރައްޔިތުންގެ މަޖިލީހުންނާއި އާންމު ރައްޔިތުން ނިންމުމަށެވެ. ހުށަހެޅިފައިވި ތިން އިޚުތިޔާރަކީ: އާއިލީ ގޮތުން ވާރުތަވާ ވިރާސީ ރަސްކަމެއް، ވެރިޔަކު ހޮވާ އިންތިޚާބީ ރަސްކަމެއް، ނުވަތަ ޖުމްހޫރިއްޔަތެކެވެ. މީގެއިތުރުން، ރައީސަކަށް އަމީންއާއި ނައިބު ރައީސަކަށް އިބްރާހީމް މުޙައްމަދު ދީދީ ހުންނެވުމަށް ރައްޔިތުން ތާއީދުކުރޭތޯވެސް ސުވާލުކުރެވުނެވެ.
ހެންވޭރު ބޯޅަދަނޑަށް އެއްވި އެއްވުމުގައި ވާހަކަދެއްކެވި ބޭފުޅުން ޖުމްހޫރިއްޔަތަށް ތާއީދުކުރައްވާ ސަބަބުތައް ބަޔާންކުރެއްވިއެވެ. އެބޭފުޅުންގެ ވާހަކަފުޅުތަކުން އެނގުނު ގޮތުގައި، ރަސްކަން ބަދަލުކުރުމަށް ވަކާލާތުކުރެއްވި ނަމަވެސް، ބައެއް ބޭފުޅުންގެ ހިތްޕުޅުގައި އޭރުވެސް ރަސްކަމަށް އޮތް ގަދަރާއި އިއްޒަތް ބޮޑެވެ.
އެ އެއްވުމާ ގުޅޭ ލިޔުންތަކުން ފެންނަން ހުރި ގޮތުގައި، އަމީން ވިދާޅުވީ ކުރިން ރަސްކަމަކަށް އެދިވަޑައިގެންނެވި ނަމަވެސް، ކަންކަން ދިމާވި ގޮތުންނާއި ރައްޔިތުންގެ އެދުމުގެ މަތިން ޖުމްހޫރިއްޔަތެއް ގާއިމުކުރުން މަޖުބޫރުވެއްޖެ ކަމަށެވެ.
ދެން ވާހަކަދެއްކެވި އިބްރާހީމް ފާމުލަދޭރި ކިލެގެފާނުވެސް ނެންގެވީ އެފަދަ ރާގެކެވެ. އެކިލެގެފާނު ރަސްކަމަށް އިޙުތިރާމްކުރެއްވި ނަމަވެސް، އޭރު ގައުމުގެ މަސްލަހަތަށް އެންމެ ރަނގަޅީ ޖުމްހޫރިއްޔަތެއް ކަމަށް ދެކެވަޑައިގަތެވެ.
އެއްވުން ކުރިއަށް ދަނިކޮށް ވާރޭ ވެހެން ފެށިއެވެ. ތާރީޚީ ލިޔުންތަކުގައި އެއީ "ރަޙުމަތުގެ ވާރޭ" ކަމަށް ސިފަކޮށްފައިވެއެވެ. އުއްތަމަ ފަނޑިޔާރު މަނިކުފާނު ވާހަކަދައްކަވަމުން، ޖުމްހޫރީ ވެރިކަމަކަށް ބަދަލުވުން ލާޒިމްވެއްޖެ ކަމަށް ވިދާޅުވިއެވެ.
އިބްރާހީމް މުޙައްމަދު ދީދީ މި ނިންމުން ސީދާ ގުޅުވައިލެއްވީ ރަސްކަމުގެ ތަޚުތު ގަބޫލުފުޅުކުރުމަށް އަމީން އިންކާރުކުރެއްވި ކަމާއެވެ. އެމަނިކުފާނު ވިދާޅުވީ އަމީން ރަސްކަން ގަބޫލުފުޅު ނުކުރައްވާނެ ކަމަށާއި، ރައްޔިތުން އެނޫން ވެރިޔަކު ގަބޫލުކުރާކަށް ނެތް ކަމަށެވެ. އޭގެފަހުން އިބްރާހީމް ޝިހާބު ތެދުވެވަޑައިގެން އެ ވާހަކަތަކަށް ތާއީދުކުރެއްވިއެވެ.
އެހެންކަމުން، ވެރިކަމުގެ ނިޒާމާމެދު ކުރެވުނު ބަހުސް އޮތީ ސީދާ އަމީންގެ ޝަޚުޞިއްޔަތާ ގުޅިފައެވެ. ވެރިކަމުގެ ނިޒާމެއް އިޚުތިޔާރުކުރުމަކީ، އެމަނިކުފާނަށް ގައުމުގެ ވެރިކަން ކުރެއްވޭނެ މަގެއް ހޯދުމެވެ.
ޖެހިގެން އައި ދުވަހު، މާލޭގެ ހަތަރު އަވަށުގެ އަންހެނުން އެ ބޯޅަދަނޑަށް އެއްވިއެވެ. އަމީންއާއި އައްނަބީލާ އައިމިނަތު ޙުސައިން އެބޭފުޅުންނާ މުޚާތަބުކުރައްވައި ވާހަކަދެއްކެވިއެވެ. އެއާ އެކު ވޯޓުގެ ކެމްޕޭންގެ އަޑު މުޅި މާލޭގެ މަގުތަކުގައި ގުގުމައިގެން ދިޔައެވެ. އޭރު އޮތް އެކަނި ސިޔާސީ ޕާޓީ، މުތަގައްދިމް ޕާޓީގެ ލަވަތަކާއެކު ހިނގާލުންތަކާއި ބައިސްކަލު ބުރުތައް ބޭއްވުނެވެ. މާލޭގެ ރައްޔިތުންނާއި އަތޮޅުތަކުން މާލެ އައިސް ތިބި މީހުން ކުލަކުލައިގެ ދިދަތައް ހިފައިގެން ބައިވެރިވިއެވެ.
ލިޔުންތަކުގައިވާ ގޮތުން، ޖުމްހޫރިއްޔަތަށް އޮތް ތާއީދާއި ޖޯޝު އެންމެ ބޮޑަށް ފެނުނީ އަތޮޅުތަކުން އައިސް ތިބި މީހުންގެ ތެރޭގައެވެ.
ވޯޓުލުމަށް ވޯޓުފޮށި ބެހެއްޓީ "ނާދީ ތަމައްދުން" ގައެވެ. އެތަނުގައި މާލޭގެ ރައްޔިތުންނާއި އަތޮޅުތަކުން އައިސް ތިބި މީހުން ވޯޓުލިއެވެ.
ނަތީޖާ ތައްޔާރުވުމުން، ހުކުރު ދުވަހުގެ ހަވީރު ހަތަރެއް ޖެހިއިރު އާންމުން އަނެއްކާވެސް ހެންވޭރު ބޯޅަދަނޑަށް އެއްވިއެވެ. އަންހެނުންނާއި ފިރިހެނުން ތިބީ ވަކި ބައިބަޔަށް ޖަހާފައިވާ ގޮނޑިތަކުގައެވެ. އެއްވުމުގެ އިންތިޒާމުތަކުގައި ގާލް ގައިޑުން ހަރަކާތްތެރިވިއެވެ.
އަމީން ވަޑައިގަތުމާއެކު ސިފައިންގެ ބޭންޑުގެ އަޑު ކެނޑުނެވެ. އެމަނިކުފާނު ސްޓޭޖުގައި ހާއްސަކުރެވިފައިވާ ގޮނޑިކޮޅުގައި އިށީނދެވަޑައިގަތުމާއެކު، އާންމުންގެ އަތްތިލަބަޑީގެ އަޑާއެކު މުތަގައްދިމް ޕާޓީގެ ލަވަ ފެށުނެވެ.
ސްޓޭޖުގެ ކުރީގައި އެމަނިކުފާނުގެ އަރިހުގައި އިސް ބޭފުޅުން ތިއްބެވިއެވެ. އޭގެ ތެރޭގައި އިބްރާހީމް ފާމުލަދޭރި ކިލެގެފާނު، ޢަބްދުﷲ ޖަލާލުއްދީން އަދި އިބްރާހީމް މުޙައްމަދު ދީދީ ހިމެނެއެވެ.
އުއްތަމަ ފަނޑިޔާރުގެ ތައާރަފަކަށްފަހު، އިބްރާހީމް ޝިހާބު ވަނީ އަޑުގަދަކުރާއިން ވޯޓުގެ ނަތީޖާ އިއުލާނުކުރައްވާފައެވެ. ނުވަދިހަ ނުވަ އިންސައްތަ ރައްޔިތުން ތާއީދުކުރީ ޖުމްހޫރިއްޔަތަށް ބަދަލުވުމަށެވެ. އެއާ އެކު ކުލަގަދަ ރަސްމިއްޔާތަކުން ޖުމްހޫރިއްޔާ އިއުލާންކުރެވުނެވެ. އަދި 1953 ޖަނަވަރީ 1 ގައި، އަމީން ދިވެހިރާއްޖޭގެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާގެ މަގާމު ހަވާލުވެވަޑައިގަތެވެ.
އެމަނިކުފާނުގެ ރިޔާސަތަށް އަށެއްކަ މަސްވެސް ނުވަނީސް، އެއަހަރުގެ އޮގަސްޓް މަހު ވެރިކަން ވައްޓާލެވުނެވެ. އަދި 1954 މާޗް 7 ގައި މުޙައްމަދު ފަރީދު އަލްއައްވަލް ރަސްކަމަށް އިސްކުރެވި، ރަސްކަން ރަސްމީކޮށް އިއާދަކުރެވުނެވެ.
އޭގެ ފަނަރަ އަހަރު ފަހުން، ދިވެހިންނަށް އަނެއްކާވެސް ކުރިމަތިވީ އެ ސުވާލެވެ.
މާޗް 15، 1968 ގައި ވޯޓު ކަރުދާސްކޮޅު ރައްޔިތުންނާ ހަމައަށް ދިޔައިރު، ބޮޑުވަޒީރު އިބްރާހީމް ނާސިރު ވަނީ ދިހަވަރަކަށް އަހަރު ވަންދެން ބޮޑުވަޒީރުކަން ކުރައްވާފައެވެ. މުޙައްމަދު ފަރީދު ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ގޮތުގައި ހުންނެވި ނަމަވެސް، ސަރުކާރުގެ އެންމެ ބާރުގަދަ ބޭފުޅަކީ ނާސިރެވެ.
އެހެންވީއިރު، ނާސިރު ޖުމްހޫރިއްޔަތަށް އެދިވަޑައިގަތީ ކީއްވެގެން ހެއްޔެވެ؟
އެ ދުވަސްވަރުގެ ތާރީޚު އެނގިވަޑައިގަންނަވާ، ބޭފުޅުން ވިދާޅުވި ގޮތުގައި މައިގަނޑު ދެ މަގުސަދެއް އޮތެވެ: އެއީ އޭރު ރަސްގެފާނަށް ލިބިވަޑައިގެން އޮތް ބާރުތައް ހޯދުމާއި ވެރިކަން ޒަމާނީކުރުމެވެ.
ރަސްކަމެއްގައި، ސަރުކާރު ހިންގަވަނީ ބޮޑުވަޒީރު ކަމަށް ވިޔަސް، ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ރަސްގެފާނަށް ވަކި ދައުރެއް އޮވެއެވެ. ބައެއް މުހިންމު ނިންމުންތަކަށް ރަސްގެފާނުގެ ރުހުން ބޭނުންވެއެވެ. ނަމަވެސް ޖުމްހޫރިއްޔަތެއްގައި، ސަރުކާރުގެ ވެރިޔާއާއި ދައުލަތުގެ ވެރިޔާގެ ދައުރު އެކުވެ، އެ ހުރިހާ ބާރެއް އަންނަނީ ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅަށެވެ. އެ ބޭފުޅާ ދެކެވަޑައިގަންނަވާ ގޮތުގައި، ނާސިރުގެ ނިންމުމުގެ އެންމެ މުހިންމު އަސާސަކީ މިއީއެވެ. މައުލޫމާތު ދެއްވި ބޭފުޅުން އިތުރަށް ބަޔާންކުރެއްވި ގޮތުގައި، ނާސިރު ބޭނުންފުޅުވީ ޒަމާނީ ވެރިކަމެއް ރާއްޖެއަށް ގެންނެވުމަށެވެ. އެގޮތުން ރަސްކަމާއި ގަނޑުވަރުތައް ބެލެހެއްޓުމަށް ދައުލަތުން ކުރަންޖެހޭ ޚަރަދުތަކަށް ބޭފުޅަކު އަލިއަޅުވާލެއްވިއެވެ.
އެހެން މައުލޫމާތުތަކުން އެނގޭ ގޮތުގައި، ބަދަލެއް އަންނާނެކަން ފަރީދަށް އޭރުވެސް އެނގިވަޑައިގެން ހުއްޓެވެ. ތާރީޚު އެނގިވަޑައިގަންނަވާ ބޭފުޅުން ވިދާޅުވި ގޮތުގައި، ނާސިރު ބޭނުންފުޅު ނަމަ ތަޚުތު ދޫކޮށްލެއްވުމަށް ފަރީދު ހުންނެވީ ތައްޔާރަށެވެ. އަދި އެކަން ބޮޑުވަޒީރަށް ދަންނަވާފައިވެސް ވެއެވެ. މިއީ އަމިއްލަ ގޮތުން ދެކެވުނު ވާހަކަތަކެކެވެ. ފަރީދުގެ ރަސްކަން ރަސްމީކޮށް ނިމުމަކަށް އައީ 1968 ނޮވެމްބަރު 11 ގައި އާ ޖުމްހޫރީ ގާނޫނުއަސާސީ ތަސްދީގުކުރެވުމާއެކުގައެވެ.
މި ހަނދާންތަކުން އެނގެނީ، މި ބަދަލަކީ ސިޔާސީ މަގުސަދަކާއި، ވެރިކަން ހިންގުމަށް ނާސިރު ގެންގުޅުއްވި ތަސައްވުރަށް މުހިއްމު ބަދަލެއް ކަމެވެ. އެއީ ރަސްކަމުގެ ބާރުތައް އުވާލައި، ރަސްކަން ބެލެހެއްޓުމަށް ހިނގާ ހަރަދުތައް ނިމުމަކަށް ގެނައުމެވެ.
ނޮވެމްބަރު 11، 1968 ގައި، ނާސިރު ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި ހުވާކުރެއްވިއެވެ. އެއީ މިހާރު ދިވެހިރާއްޖޭގައި ޖުމްހޫރީ ދުވަހުގެ ގޮތުގައި ފާހަގަކުރާ ތާރީޚެވެ.
ޖުމްހޫރިއްޔަތަށް ދިޔަ މި ދެ ފަހަރުވެސް ހިނގީ ތަފާތު ލީޑަރުންގެ ދަށުން، ތަފާތު ހާލަތްތަކެއްގައެވެ. ނަވާރަ ސަތޭކަ ފަންސާސް ދޭއްގައި ބަހުސް އެނބުރުނީ ތަޚުތު ގަބޫލުނުކުރައްވައި އަމީން ވެރިކަން ކުރައްވާނެ ގޮތަކާމެދުގައެވެ. އަދި 1968 ގައި ބަހުސް ހިނގީ ބާރުގަދަ ބޮޑުވަޒީރެއްގެ އަރިހުގައި ހުންނެވި ރަސްކަލެއްގެ ބާރުތަކާމެދުގައެވެ.
މި ދެ ބަދަލުން އެކުވެގެން ނޮވެމްބަރު 11 ގެ ފަހަތުގައިވާ ތާރީޚު ބުނެދެއެވެ: ދިވެހިރާއްޖޭގައި ރަސްކަމުގެ ކުރިމަގާމެދު ދެފަހަރެއްގެ މަތިން ރައްޔިތުންގެ ވޯޓަކަށް ދިޔަ ގޮތާއި، އަދި ދެވަނަ ނިންމުމުން މިއަދު ވެސް މިދެކޭ ޖުމްހޫރިއްޔާ ގާއިމުވެގެން އައި ގޮތެވެ.


