ސީދާ ޚަބަރަށް
23 ނޮވެމްބަރު 2026DHARAJA.COM
ADVERTISEMENT

ރިޕޯޓް

ރައީސްގެ ތަފާތު މަންޒަރެއް؛ ބޮޑުކޮށް އޮތީ އިސްލާމް ދީން!

ރައީސް ވަނީ އެއް ގަޑިއިރަށް ވުރެ ދިގު ޕްރްޒެންޓޭޝަނެއް ދެއްވާފައި. އަދި ބޯޑެއް މެދުވެރިކޮށް އެމަނިކުފާނުގެ ތަސައްވުރު ކުރައްސަވާލަ ދެއްވި

4 މިނެޓް

ރައީސް ޑރ. މުއިއްޒު، ރޭގައި ބޯޑުގައި ތަފްސީލްކޮށް ލިޔުއްވަނީ. --- ފޮޓޯ: ދަރަޖަ
ރައީސް ޑރ. މުއިއްޒު، ރޭގައި ބޯޑުގައި ތަފްސީލްކޮށް ލިޔުއްވަނީ. --- ފޮޓޯ: ދަރަޖަ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރޭގެ ޕްރެޒެންޓޭޝަނަށް ގަޑިއިރަކަށް ވުރެ ގިނައިރު ވުމާއެކު، އެމަނިކުފާނު ކުއްލިއަކަށް އެދިވަޑައިގަތީ ބޯޑަކަށެވެ. އޭރުގައި އެ ހޯލްގައި ތިބި ކެބިނެޓުގެ ވަޒީރުންނާއި ސަރުކާރު ކުންފުނިތަކުގެ ވެރިންނާއި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނާއި ދައުވަތު އެރުވިގެން ވަޑައިގެން ތިއްބެވި އިއްޒަތްތެރިންނަށް ލިބުނީ ކުއްލި ސިހުމެކެވެ. ހޯލަށް ވަދެ، ތިބި އެތައް ހާސް ރައްޔިތުންގެ ހަރަކާތް މުޅިން ހެން ހުއްޓުނެވެ.

އެންމެންގެ ލޯތައް ހުއްޓުނީ ރައީސް ޑރ. މުއިއްޒު ދެން އަޅުއްވަން ތައްޔާރުވެވަޑައިގަންނަވާ ފިޔަވަޅަށެވެ.

އެފަދަ ބޯޑަކަށް ރައީސް ޑރ. މުއިއްޒު އެދިވަޑައިގަތީ، ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި މި ސަރުކާރުން ހޯދި ކާމިޔާބީތަކާއި ބާކީ އޮތް ދެ އަހަރުގެ އަމާޒުތައް ސްލައިޑް ޝޯ ޕްރެޒެންޓޭޝަނެއްގެ އެހީގައި ތަފްސީލްކޮށް ދެއްވުމަށް ފަހުގަ އެވެ.

ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަ ކުރަން ބޭއްވި ޖަލްސާ. --- ފޮޓޯ: ދަރަޖަ
ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަ ކުރަން ބޭއްވި ޖަލްސާ. --- ފޮޓޯ: ދަރަޖަ

ރަތް ކުލައިގެ މާކަރަކުން ބޯޑުގައި ކުރައްސަވާލަ ދެއްވީ ރައީސް ޑރ. މުއިއްޒު، ރާއްޖެއާ މެދުގައި ދެކެވަޑައިގަންނަވާ ތަސައްވުރެވެ. ގައުމު ބިނާކުރެއްވުމުގެ ތަނބުތައް ކަމަށް ވިދާޅުވެ، އަށް ތަނބެއް ކުރައްސަވާލަ ދެއްވި އެވެ. ތަނބުތަކުގެ ތިރިން ދަމައިލެއްވީ އެ ތަނބުތައް ކޮޅަށްހުރުމުގެ ސަބަބު ކަމުގައިވާ ބިންގަލެވެ. ބިންގާ ކުރެއްސެވުމަށް ފަހު، އެނބުރި ވަޑައިގަތީ ބިންގަލާއި ތަނބުތަކުގެ ހިޔާވެއްސަށެވެ.

މުޅި ކުރެހުން ނިންމަވާލެއްވިއިރު، ހުށަހަޅުއްވައި ދެއްވީ އެމަނިކުފާނުގެ ތަސައްވުރެވެ. ރާއްޖެ، 2040 ވަނަ އަހަރާ ހަމައަށް ދާއިރު، އޮންނަން ބޭނުންފުޅުވާ ގޮތެވެ.

ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަ ކުރަން ބޭއްވި ޖަލްސާ. --- ފޮޓޯ: ދަރަޖަ
ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަ ކުރަން ބޭއްވި ޖަލްސާ. --- ފޮޓޯ: ދަރަޖަ

އިންޖިނިއަރެއްގެ ލަގަބު ލިބިވަޑައިގެންފައިވާ ރައީސް ޑރ. މުއިއްޒު ކުރައްސަވާލި 8 ތަނބު:

  • "ޕްރޮސްޕަރަސް" ނުވަތަ ތަނަވަސް ގައުމަކަށްވުން
  • ސިޔާދަތާއި އިސްތިގުލާލް ކަށަވަރުވެފައިވާ ގައުމަކަށްވުން
  • ރެޒިލިއެންޓް ނުވަތަ ވިލުންތެރި ގައުމަކަށްވުން
  • އިންކްލޫސިވިޓީ ނުވަތަ އެންމެން ހަމަހަމަ ގައުމަކަށްވުން
  • އީޖާދީ ވިސްނުންތަކަށް ފުރުސަތު ލިބިފައި އޮންނަ ކްރިއޭޓިވް ގައުމަކަށްވުން
  • ކެނެކްޓިވިޓީ ނުވަތަ ގުޅިލާމެހިފައިވާ ގައުމަކަށްވުން
  • ދުޅަހެޔޮ އަދި ހުނަރުވެރި ރާއްޖެއަކަށް ހެދުން
  • ވެރިކަމުގެ ނިޒާމަށާއި، ދައުލަތުގެ މުއައްސަސާތަކަށް އިތުބާރު ކުރުން

މިކަންކަމުގެ ތަފްސީލް ދެއްވަމުން، ރައީސް ޑރ. މުއިއްޒު އެންމެ ފުރަތަމަ ކަމަކަށް ވިދާޅުވީ ތަނަވަސް ގައުމަކަށް ރާއްޖެ ހެދުމުގެ މުހިންމު ކަމުގެ ވާހަކަ އެވެ. ދެވަނަ ކަމެއްގެ ގޮތުގައި ރާއްޖެ އިސްކުރާ ހާރިޖީ ސިޔާސަތާއި ސަރަހައްދު ހިމާޔަތްކޮށް ދެމެހެއްޓުމާއި ގައުމިއްޔަތުގެ ބަހާތައް ރައްކާތެރިކުރުން ފަދަ އެންމެހައި ސިޔާސަތެއް ގުޅިފައިވަނީ ރާއްޖޭގެ ސިޔާދަތާއި އިސްތިގުލާލާ ކަމުގައި ރައީސް ވިދާޅުވި އެވެ.

ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަ ކުރަން ބޭއްވި ޖަލްސާގައި ރައީސް ޑރ. މުއިއްޒު ވާހަކަ ފުޅު ދައްކަވަނީ. --- ފޮޓޯ: ދަރަޖަ
ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަ ކުރަން ބޭއްވި ޖަލްސާގައި ރައީސް ޑރ. މުއިއްޒު ވާހަކަ ފުޅު ދައްކަވަނީ. --- ފޮޓޯ: ދަރަޖަ

"ހުރިހާ ގޮތަކުންވެސް އަޅުގަނޑުމެންގެ ގައުމަކީ ސޮވެރިންޓީ ކަށަވަރުވެފައިވާ ސޮވެރިން ގައުމަކަށް ހަދަން ބޭނުން، ސޮވެރިން މޯލްޑިވްސްއަކަށްވާން ބޭނުން،" ރައީސް ވިދާޅުވި އެވެ.

ރާއްޖެއަކީ ނާޒުކު ތިމާވެއްޓެއް އޮތް ގައުމަކަށްވާއިރު، ދެމެހެއްޓެނެވި ތަރައްގީގެ ނަޒަރަކުން ބަލާއިރު ރާއްޖެއަކީ ރެޒިލިއެންޓް ނުވަތަ ވިލުންތެރި ގައުމަކަށް ވާންޖެހޭނެ ކަމުގައި ރައީސް ވިދާޅުވި އެވެ. ތިމާވެއްޓެކޭ އެއްގޮތަށް އިގްތިސާދީ ގޮތުން ވެސް ވިލުންތެރި ރާއްޖެއަކަށް ވުމުގެ މުހިންމުކަން ރައީސް ފާހަގަ ކުރެއްވި އެވެ.

އިންކްލޫސިވިޓީ ނުވަތަ އެންމެން ހަމަހަމަ ގައުމަކަށްވުމުގެ މުހިންމުކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އަންހެނުންނާއި ޒުވާނުން އަދި އެކި ރަށްރަށުގައި ދިރިއުޅޭ މީހުންގެ މެދުގައި ހަމަހަމަކަން ގާއިމުކުރެއްވުމަކީ އެމަނިކުފާނުގެ ތަސައްވުރު ކަމަށެވެ. ރާއްޖެ، ތަރައްގީވެފައިވާ ގައުމަކަށް ވާނަމަ، ގާއިމުކުރަން ބޭނުންވާ އެންމެ މުހިންމު ކަމަކީ ހަމަހަމަކަން ކަމުގައި ރައީސް ވިދާޅުވި އެވެ.

އޭގެ ފަހުން، ރައީސް ފާހަގަކުރެއްވީ އާއްމު ރައްޔިތުންގެ އަދި ހާއްސަކޮށް ޒުވާނުންގެ އުފެއްދުންތެރި އީޖާދީ ވިސްނުންތަކަށް ފުރުސަތު ލިބިފައި އޮންނަ ކްރިއޭޓިވް ގައުމަކަށް ރާއްޖެވުމެވެ.

ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ހުޅުމާލޭގައި މިރޭ ބޭއްވި ޖަލްސާ. --- ފޮޓޯ: ދަރަޖަ
ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ހުޅުމާލޭގައި މިރޭ ބޭއްވި ޖަލްސާ. --- ފޮޓޯ: ދަރަޖަ

"އަޅުގަނޑު މި މަސައްކަތްކުރަނީ 2030 އަށް ދާންވާއިރަށް ރާއްޖޭގެ ޖީޑީޕީއަށް މަދުވެގެން %15 ކޮންޓްރިބިއުޓްކުރާނީ ކްރިއޭޓިވް އިކޮނޮމީންކަމަށް ހަދަން. އެހެންކަމުން ކްރިއޭޓިވް މޯލްޑިވްސްއަކީ އެއް ޕިލާ ކަމުގައިވާން ޖެހޭ،" ރައީސް ވިދާޅުވި އެވެ.

ހަ ވަނަ ކަމެއްގެ ގޮތުގައި ރައީސް ފާހަގަ ކުރެއްވީ، ގުޅިލާމެހުން ނުވަތަ ކެނެކްޓިވިޓީއެވެ. ރައީސް ވިދާޅުވީ ރާއްޖެއަކީ ޖަޒީރާތަަކަކަށް ބެހިފައިވާ ގައުމަކަށްވާތީ ހަމަހަމަ ދެމެހެއްޓެނެވި ތަރައްގީ ހާސިލުކުރާނަމަ ގުޅިފައި އޮތުމަކީ ބޭނުންތެރި ކަމެއް ކަމަށެވެ.

ހަތްވަނަ ތަނބުގެ ގޮތުގައި ރައީސް ވިދާޅުވީ ރާއްޖެއަކީ ދުޅަހެޔޮ އަދި ހުނަރުވެރި ރާއްޖެއަކަށް ހައްދަވަން ބޭނުންފުޅުވާ ކަމަށެވެ. ވަށާޖެހޭ ގޮތެއްގައި ސިއްހީ ކަންކަން ކުރުމަކީ ބަލީގެ ކުރިން ކުރަންޖެހޭ ކަންކަން ކުރުންކަމަށާއި ތައުލީމީ ގޮތުން ވަށާޖެހުމަކީ ހުނަރާއި މަތީ ތައުލީމު ލިބުންކަމަށް ވެސް ވިދާޅުވި އެވެ.

އެންމެ ފަހު ތަނބެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ އިތުބާރެވެ. ވެރިކަމުގެ ނިޒާމަށާއި ދައުލަތުގެ މުއައްސަސާތަކަށް ދިވެހި ރައްޔިތުންނާއި ރާއްޖެއިން ބޭރުގެ މީހުންވެސް އިތުބާރުކުރާ ނިޒާމަކަށް އަދި މުއައްސަސާތަކަކަށް ވާން ޖެހޭނެ ކަމުގައި ރައީސް ވިދާޅުވި އެވެ.

ރައީސް އެޅުއްވި ބިންގަލަކީ އިސްލާމް ދީން

އަށް ތަނބުގެ މަތީގައި ގައުމު ބިނާކުރެވޭނީ ވަރުގަދަ ބިންގަލެއް އޮވެގެންކަން ފާހަގަކުރައްވައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެމަނިކުފާނު ގައުމު ބިނާކުރެއްވުމުގެ ތަސައްވުރުގެ ބިންގަލަކީ އިސްލާމްދީން ކަމަށެވެ.

ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަ ކުރުމަށް ރޭ ބޭއްވި ޖަލްސާ. --- ފޮޓޯ: ދަރަޖަ
ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަ ކުރުމަށް ރޭ ބޭއްވި ޖަލްސާ. --- ފޮޓޯ: ދަރަޖަ

"އަޅުގަނޑު ހުރެގެންނެއް މި ސަރުކާރުންނެއް ތަންފީޒެއް ނުކުރާނެ އެނޫން ސިޔާސަތެއް، އެއްވެސް ކަމެއްގައި. މިހާތަނަށްވެސް ކޮށްފައި ނޯނާނެ ކުރިއަށް އޮތް ތަނުގައިވެސް ނުކުރާނެ،" ރައީސް ވިދާޅުވިއެވެ.

ތަނބުތައް ވަރުގަދަވެފައި ބިންގާތައް ހަރުދަނާ ނަމަވެސް ގައުމެއް ފުރިހަމަވާނީ ފޭރާމެއް ނުވަތަ ހިޔާވަހިކަމެއް އޮވެގެން ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ އެމަނިކުފާނު ބިނާކުރައްވަން މަސައްކަތްކުރައްވާ ގައުމުގެ ފޭރާމަކީ ނުވަތަ ހިޔަލަކީ އެއްބަޔަކު އަނެއް ބަޔަކަށް އިހުތިރާމުކުރުން ކަމަށެވެ.

"ހިޔާވައްސަކީ ރެސްޕެކްޓް (އިހްތިރާމް ކުރުން) . އެ ހިޔާވަހި ނެތިއްޔާ މިގައުމު ގައުމަކަށްނުވާނެ. އަންނަން އޮތް ޖީލުތަކަށް އަޅުގަނޑުމެން ދޭނީ ވިއްސިވިހާލިވެފައި އޮތް މާނައެއް ނެތް ދެކޮޅުނުޖެހޭ ގައުމެއް." ރައީސް ޑރ. މުއއިްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އަށް ތަނބުގެ ކަންކަން ފުރިހަމަވެ، އިސްލާމްދީނުގެ ބިންގަލުގައި އަދި އިހުތިރާމުގެ ހިޔަލުގައި ބިނާވެގެން ދާނީ "ދިވެހީންގެރާއްޖެ" އެއް ކަމަށާއި އެ ރާއްޖެ ވާނީ ހަމަޖެހުމާއި ރައްކާތެރިކަމާއި ތަރައްގީ ގާއިމުވެފައިވާ ރާއްޖެއަކަށް ކަމަށް ރައީސް ވިދާޅުވި އެވެ.

ADVERTISEMENT

ކޮމެންޓު0COMMENTS

ކޮމެންޓު ޝާއިޢުކުރުމުގެ ކުރިން އެޑިޓަރުން ބަލާނެ.

ADVERTISEMENT