ސީދާ ޚަބަރަށް
23 ނޮވެމްބަރު 2026DHARAJA.COM
ADVERTISEMENT

ހަބަރު

އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފްތިތާހުކޮށްފި

މި މަޝްރޫއު އިފްތިތާހުކޮށް ދެއްވީ ރައީސް ޑރ. މުއިއްޒު

2 މިނެޓް

އިހްތިރާމް އަދާކުރުމުގެ މަޝްރޫއު ރައީސް ޑރ. މުއިއްޒު، އިފްތިތާހުކޮށް ދެއްވަނީ. --- ފޮޓޯ: ރައީސް އޮފީސް

ދިވެހިންގެ މެދުގައި އޮތް އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ރީތި އާދަކާދަ އަލުން ދިރުވައި އަށަގެންނެވުމަށް ސަރުކާރުން ކުރިއަށް ގެންދާ "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" ރަސްމީކޮށް މިރޭ އިފްތިތާހުކޮށްފި އެވެ.

މާފަންނު ޓްރެކް ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މަޝްރޫއު އިފްތިތާހުކޮށް ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. މި މަޝްރޫއު ފައްޓަވައި ދެއްވުމުގެ ގޮތުން، ރައީސް ވަނީ މޮނިއުމެންޓް މަތީގައި ލައިޓް ބޯޅައެއް ބަހައްޓަވައިފަ އެވެ.

އިހްތިރާމް އަދާކުރުމުގެ މަޝްރޫއު ރައީސް ޑރ. މުއިއްޒު، އިފްތިތާހުކޮށް ދެއްވަނީ. --- ފޮޓޯ: ރައީސް އޮފީސް

މި ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒުގެ އަނބިކަނބަލުން، ފަސްޓްލޭޑީ ސާޖިދާ މުހައްމަދާއި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި ސަރުކާރުގެ އިސް ބޭފުޅުންނާއި މުއައްސަސާތަކުގެ ވެރިންނާއި މުވައްޒަފުންނާއި ޖަމިއްޔާތަކާއި އާންމުންގެ ގިނަ ބަޔަކު ބައިވެރިވި އެވެ.

މި މަޝްރޫއުއާ ގުޅޭ ހާއްސަ ޕްރެޒެންޓޭޝަނެއް ދެއްވީ ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދެވެ.

ހީނާ ވިދާޅުވި ގޮތުގައި މިއީ ރައީސް ޑރ. މުއިއްޒުގެ އިސްނެންގެވުމަށް ދިވެހި ވަތަނާއި އަންނަން އޮތް ޖީލުތަކުގެ ދެމިއޮތުމަށް އިފްތިތާހުކޮށްދެއްވި މަޝްރޫއެކެވެ.

އިހްތިރާމް އަދާކުރުމުގެ މަޝްރޫއު އިފްތިތާހު ކުރުމަށް ބޭއްވި  ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒު މިރޭ ވާހަކަފުޅު ދައްކަވަނީ. --- ފޮޓޯ: ރައީސް އޮފީސް

އިހްތިރާމަކީ އަނެކާގެ އިންސާނިއްޔަތުކަމަށް ދެވޭ އެންމެ ފުރިހަމަ ގަދަރާއި ލޯބިިކަން ފާހަގަކުރައްވަމުން ހީނާ ވިދާޅުވީ އެ ގަދަރާއި ލޯތްބަކީ ގުޅުން އުފެދުމާއި އިތުބާރު ގާއިމުވުމާއި ހިތްފަސޭހަ ކަމަށް މަގުދައްކާ ބާރުއަޅާ ވަސީލަތެއް ކަމަށެވެ.

މި މަޝްރޫއު ފައްޓަވައި ދެއްވުމަށް ފަހު، ރައީސް ޑރ. މުއިއްޒު ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ އަމާޒަކީ ހަމައެކަނި އަތްލެވޭ ލޮލަށް ފެންނަ އުމްރާނީ ބިނާތަކާ މާނަވީ ފިކުރީ އިންސާނީ ބިނާ ގެނައުން ނޫން ކަމަށާއި އޭގެ ބަދަލުގައި އެއީ ރާއްޖެ ބިނާކުރުމާއި ގައުމު ބިނާކުރުން ކަމަށެވެ.

އަދި މިކަމުގެ ސަބަބުން، ދިވެހި މުޖުތަމައަކީ އިންސާނީ ކަރާމާތާއި ގައުމީ ތަރިކަތަކާއި ދިވެހި ގައުމިއްޔަތާއި ދިވެހި ވަންތަކަމަށް ފަޚްރުވެރިވާ މުޖުތަމައެއްގެ ގޮތުގައި ދިވެހި މުސްލިމު އިންސާނާ ބިނާވެގެންދާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.

އިހްތިރާމް އަދާކުރުމުގެ މަޝްރޫއު އިފްތިތާހު ކުރުމަށް ބޭއްވި  ރަސްމިއްޔާތު. --- ފޮޓޯ: ރައީސް އޮފީސް

މި މަޝްރޫއުގެ މައިގަނޑު އެއް އަމާޒަކީ މުޖުތަމައުގައި އަށަގަނެފައިވާ ނޭދެވޭ އާދަތައް ނައްތާލައި، އަހްލާގީ ގޮތުން ރައްޔިތުން ތާހިރުކުރުންކަން ފާހަގަކުރައްވާ، މިކަމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އެކަކު އަނެކަކަށް ފުރައްސާރަކުރުމާއި ޣީބަ ބުނުމާ ދޮގު ހެދުމުގެ ނުބައި ސިފަތަކުން މުޖުތަމައު ތާހިރުކޮށްފިނަމަ އަޅުގަނޑުމެންނަކީ އެކަކު އަނެކަކަށް އިހްތިރާމް އަދާކުރުމުގެ ލާމަސީލު މިސާލަކަށް ވާނެ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، ކޮންމެ ފަރުދަކުވެސް އެމީހެއްގެ މަސްއޫލިއްޔަތަށް ފުރިހަމައަށް އަމާނާތްތެރިވުމަށް ރައީސް ގޮވާލެއްވި އެވެ.

ދިވެހީންގެ ތެރޭގައި އިހުއޮތް އެކަކު އަނެކަކަށް އިހްތިރާމްކުރުމުގެ އާދަކާދަ ދިރުވުމަށް އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއެއް ފައްޓަވަން ނިންމެވިކަން ރައީސް އިއުލާން ކުރެއްވީ މިދިޔަ އަހަރު އދ. މަހިބަދޫގައި ބޭއްވެވި ޖަލްސާގަ އެވެ. މި މަޝްރޫއު މުޅި ރާއްޖޭގައި ފަސް އަހަރުގެ މުއްދަތަށް ހިންގަން ރާވާފައިވާއިރު، އިޙުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއުގެ ޝިއާރަކީ "އިހުތިރާމުގެ އުފާ – މުޖުތަމައުގެ ނަފާ" ކަމުގައި ވަނީ ކަނޑައަޅައިފަ އެވެ.

މި މަޝްރޫއުގައި އިސްކޮށް ހަރަކާތްތެރިވާނީ، ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާ އެވެ.

ADVERTISEMENT

ކޮމެންޓު0COMMENTS

ކޮމެންޓު ޝާއިޢުކުރުމުގެ ކުރިން އެޑިޓަރުން ބަލާނެ.

ADVERTISEMENT