ރައީސް މުއިއްޒަށް 2028 ދޭން ޖެހެނީ އަދުލުވެރިކަން ކުރިއަށް ނެރުނީމަ: އަބްދުއްރަހީމް

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކާމިޔާބުކޮށް ދެއްވަން ޖެހެނީ އަދުލުވެރިކަން ކުރިއަށް ނެރުއްވީމަ ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ޕީއެންސީ އާއި އަދާލަތު ޕާޓީން ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރަން ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައި އަބްދުއްރަހީމް ވިދާޅުވީ ގައުމުގެ ހަމަޖެހުމާއި ރައްކާތެރިކަމާއި ތަރައްގީއަށް އޮތް ހަމައެކަނި މަގަކީ ޕީއެންސީގެ ސަރުކާރަށާއި ރައީސް ޑރ. މުއިއްޒަށް ދެވަނަ ދައުރެއް ހޯދައި ދިނުން ކަމަށެވެ.
ސަރުކާރަށާއި ރައީސް ޑރ. މުއިއްޒަށް އެއްބާރުލުން ދީގެން ގާނޫނުއަސާސީގެ ދަށުން ފުރަތަމަ ފަހަރަށް ރިޔާސީ ދެވަނަ ދައުރު ކަށަވަރު ކުރައްވާ ބޭފުޅަކީ ރައީސް މުއިއްޒު ހެދުމަކީ އެ މަގަށް ދިއުމުގައި މުހިންމު ކަމެއް ކަމަށާއި އެ ނޫން މަގެއް ރައްޔިތުންނަށް ނެތް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ރައީސް ޑރ. މުއިއްޒަށް ދެވަނަ ދައުރެއް ހައްގީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށްޓަކައި އެ ދަންމަވައިލެއްވި ފަލަ ރަތް ރޮނގު ހުރަސް ކުރައްވަން އެއްވެސް ބަޔަކަށް ފުރުސަތު ނުދެއްވައި، ޑިޕްލޮމެސީގެ ރިވެތި އުސޫލުން ހާރިޖީ ގުޅުންތައް ގާއިމް ކުރެއްވީމަ އެވެ.

"ދާހިލީ ހަމަޖެހުމަށް ޖާގަ ދެއްވައި، ތަރައްގީއަށް ފުރުސަތު ފަހިކޮށްދެއްވައި، ހަމަޖެހުން ގާއިމް ކޮށްދެއްވަމުން އަދުލުވެރިކަން ކުރިއަށް ނެރުއްވީތީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވަނީ އަމިއްލަ މަސްލަހަތު ފަހަތަށް ޖައްސާލައި ގައުމަށް އިހްލާސްތެރިވުމަށް ވެސް ނަސޭހަތްތެރިވެވަޑައިގެންފަ އެވެ.
"އަޅުގަނޑުމެން އެބަޖެހޭ އަޅުގަނޑުމެންނާ ހަވާލުވެފައި އޮތް ޒިންމާ އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރަން. އަޅުގަނޑުމެންނާ މަތިވެފައި އޮތް މަސްއޫލިއްޔަތަށް ރައްކާތެރިވާން. އަމާނާތަށް ތެދުވެރިވާން. މިކަން ކުރެވޭނީ އިހްލާސްތެރި ނިޔަތަކާ އެކީގައި މަސައްކަތްކޮށްގެން. އެއީ މާދަމާއަށްޓަކައި އަމިއްލަ އެދުން ނެރެގެން ކުރެވޭނެ ކަމެއް ނޫން. އަމިއްލަ އެދުން އެބަޖެހޭ ފަސްކޮށްލަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ ފިތުނަ ފަސާދަ އުފެއްދުމަކީ ގައުމަށް އިހްލާސްތެރިވުން ނުވަތަ ގައުމަށް ވަފާތެރިވުމެއް ނޫން ކަމަށެވެ.
"ގައުމަށް ތެދުވެރި ކަމަށް ވަންޏާ ހައްގު ބަސް ބުނަން އެބަޖެހޭ. ހަމައެކަނި ދުލުން ހަމައެކަނި ގައުމާއި ދީނަށްޓަކައޭ ބުނުމަކުން ނުފުދޭ. ގައުމީ މަސްލަހަތު ކުރިއަށް ނެރެންޏާ ގައުމަށް އެންމެ ފައިދާހުރި ގޮތަށް އިސްކަންދޭން އެބަޖެހޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.


