ސީދާ ޚަބަރަށް
23 ނޮވެމްބަރު 2026DHARAJA.COM
ADVERTISEMENT

ހަބަރުބަޖެޓު 2028

59.7 ބިލިއަން ރުފިޔާގެ ބަޖެޓު ކޮމިޓީން ފާސްކޮށްފި

ކޮމިޓީން ބަޖެޓު ފާސްކުރިޔަސް، މަޖިލިހުގެ ތަޅުމުގައި ބަޖެޓާ މެދު އަދި ގޮތެއް ނިންމާނެ

2 މިނެޓް

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު. --- ފޮޓޯ: މަޖިލިސް

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ބަޖެޓް، ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

ދެހާސް ހަތާވީސް ވަނަ އަހަރަށް ލަފާކޮށް ދައުލަތުން ފޮނުވި ބަޖެޓަށް ބަދަލެއް ނުގެނެސް ފާސް ކުރަން ކޮމިޓީއަށް ހުށަހެޅުއްވީ މަޖިލިހުގެ ކެލާ ދާއިރާގެ މެމްބަރު އަބްދުﷲ ޝަރީފެވެ. އަދި އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު އަހްމަދު ޒަމީރެވެ.

އެއްވެސް ބަދަލެއް ނުގެނެސް ކޮމެޓީން ބަޖެޓް ފާސްކުރީ އެ ކޮމެޓީގައި ތިއްބެވި 10 މެމްބަރުންގެ ވޯޓުންނެވެ.

އަންނަ އަަހަރަށް ލަފާކޮށް ސަރުކާރުން 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހެޅި އިރު، މިއީ މި އަހަރުގެ ބަޖެޓާ ބަލާއިރު، 4.5 ބިލިއަން ރުފިޔާ ކުޑަ ބަޖެޓެކެވެ. މި އަހަރަށް ލަފާކޮށް މަޖިލިހުން ފާސްކުރީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން ދައުލަތުގެ ޖުމްލަ ހަރަދުގެ ގޮތުގައި ހިނގާނެ ކަމަށް ލަފާ ކުރެވޭނީ 52.6 ބިލިއަން ރުފިޔާ އެވެ. އަދި ތަރައްގީގެ މަޝްރޫއުތަކާއި އިންވެސްޓްމަންޓުތައް ހިމެނޭ ކެޕިޓަލް ހަރަދުގެ ގޮތުގައި 9.9 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އަންނަ އަހަރު ރިކަރަންޓް ހަރަދަށް 42.7 ބިލިއަން ރުފިޔާ އަރާނެ ކަމަށް ބަޖެޓުގައި ވަނީ ލަފާކޮށްފަ އެވެ.

  • ބަޖެޓުގައި ހިމެނޭ މުހިންމު ބައިތައް:
  1. ހިންގުމުގެ ހަރަދު ނުވަތަ ރިކަރަންޓު ހަރަދުގެ ގޮތުގައި 42.7 ބިލިއަން ރުފިޔާ
  2. ތަރައްގީގެ މަޝްރޫއުތަކާއި އިންވެސްޓްމަންޓުތައް ހިމެނޭ ކެޕިޓަލް ހަރަދުގެ ގޮތުގައި 9.9 ބިލިއަން ރުފިޔާ
  3. ޕަބްލިކް ސެކްޓަ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް ކަނޑައަޅާފައިވާ 8.2 ބިލިއަން ރުފިޔާ
  4. އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 43.2 ބިލިއަން ރުފިޔާ

ބަޖެޓުގައިވާ ގޮތުން މެދުރާސްތާގައި ދައުލަތުގެ އާމްދަނީ އިތުރުވަމުން ދާނެ ކަމަށް އަންދާޒާ ކުރެވޭއިރު، 2028 ވަނަ އަހަރު 46.6 ބިލިއަން ރުފިޔާ އަދި 2029 ވަނަ އަހަރު 49.7 ބިލިއަން ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާ ކުރެވެ އެވެ.

އަންނަ އަހަރުގެ ބަޖެޓުން ދަރަނި އަނބުރާ ދެއްކުމަށް 4.5 ބިލިއަން ރުފިޔާ ހޭދަވާނެކަމަށް ވަނީ ލަފާކޮށްފަ އެވެ. މިއީ މި އަހަރު ދެއްކި ބޭރުގެ ދަރަންޏާ އަޅާ ބަލާއިރު، ބޮޑު ތަނުން ކުޑަ އަދަދެކެވެ. މި އަހަރު ބޭރުގެ ދަރަނީގެ ގޮތުގައި 10 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ދައްކައިފަ އެވެ.

ބަޖެޓުގައި ހިމެނޭ މުހިންމު ކަންކަން:

  • ސިއްހީ ދާއިރާއަށް 10.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވޭ
  • ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށް ތިން ބިލިއަން ރުފިޔާ ހިމަނާފައިވޭ
  • ގެދޮރު އަޅަންދޭ ލޯންގެ އިކުއިޓީއަށްވާ ފައިސާގެ ގޮތުގައި ދޫކުރަން 750 މިލިއަން ރުފިޔާ ކަނޑައަޅާފައިވޭ

މި އަހަރު ނިމޭއިރު، ބަޖެޓުގެ އޯވަރޯލް ޑެފިސިޓް ހުންނާނެ ކަމަށް ލަފާ ކުރެވެނީ 7.6 ބިލިއަން ރުފިޔާގަ އެވެ. މިއީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާއިރު، %6.2 އަދަދެކެވެ. އަދި އަންނަ އަހަރު ބަޖެޓު ޑެފިސިޓް 9.4 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާ ކުރެވޭ އިރު، މިއީ ޖީޑީޕީގެ ނިސްބަތުން 7.3 އިންސައްތައިގެ އަދަދެކެވެ. ޑެފިސިޓުގެ މި އަދަދުތަކާއެކު، މި އަހަރު ޖީޑީޕީގެ ނިސްބަތުން ޕްރައިމަރީ ބެލެންސް %2.5 އަދި އަންނަ އަހަރު %3.4 ގައި ހުންނާނެ ކަމަށް ލަފާ ކުރެވެ އެވެ.

ADVERTISEMENT

ކޮމެންޓު0COMMENTS

ކޮމެންޓު ޝާއިޢުކުރުމުގެ ކުރިން އެޑިޓަރުން ބަލާނެ.

ADVERTISEMENT