ސީދާ ޚަބަރަށް
23 ނޮވެމްބަރު 2026DHARAJA.COM
ADVERTISEMENT

ހަބަރު

"ޒީރޯ ވޭސްޓް" ހަރަކާތް ކުރިއެރުވުމަށް މަޝްވަރާކޮށްފި

1 މިނެޓް

ރައީސްގެ އަނބިކަނބަލުން، ތުރުކީވިލާތުގެ ރައީސްގެ އަނބިކަނބަލުންނާ ބައްދަލުކުރައްވަނީ. --- ފޮޓޯ: ރައީސް އޮފީސް
"ޒީރޯ ވޭސްޓް" ހަރަކާތް ކުރިއެރުވުމަށް މަޝްވަރާކޮށްފިރައީސްގެ އަނބިކަނބަލުން، ތުރުކީވިލާތުގެ ރައީސްގެ އަނބިކަނބަލުންނާ ބައްދަލުކުރައްވަނީ. --- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ތުރުކީވިލާތުގެ ރައީސްގެ އަނބިކަނބަލުން އެމިނޭ އުރުދުޣާންއާ ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުން އޮތީ ކޮޕް31 ސަމިޓުގެ ހަވާސާގަ އެވެ.

މި ބައްދަލުކުރެއްވުމުގައި، އެމިނޭ އުރުދުޣާންގެ އިސްނެންގެވުމުގެ މަތިން، 2017 ވަނަ އަހަރު އުފެއްދެވި "ޒީރޯ ވޭސްޓް ފައުންޑޭޝަން" އާ ބެހޭ މައުލޫމާތު، އެކަމަނާ ،ސާޖިދާ އާ ހިއްސާކުރެއްވި އެވެ. އަދި "ޒީރޯ ވޭސްޓް" ހަރަކާތް ކުރިއެރުވުމަށް އެކުގައި މަސައްކަތްކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން، ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ.

މީގެ އިތުރުން، ރާއްޖޭގައި ގައުމީ ފެންވަރުގައި "ޒީރޯ ވޭސްޓް" ހަރަކާތް ކުރިއެރުވުމަށް އިސްނެންގެވުމަށް އެމިނޭ އުރުދުޣާން، ސާޖިދާއަށް ހިތްވަރުދެއްވި އެވެ.

އަދި މިކަން ތަންފީޒުކުރުމުގައި ކަމާބެހޭ ވުޒާރާތަކުގެ ދައުރު ބޮޑުކަމުން، ސަރުކާރުގެ އިދާރާތަކާ ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން، އެކަމަނާ ފާހަގަކުރެއްވި އެވެ. މީގެއިތުރުން، ތިމާވެށި ހިމާޔަތްކުރުމަށާއި ކުނި މަދުކުރުމަށް ކުރެވޭ މަސައްކަތްތަކުގައި އަންހެނުންނާއި ކުޑަކުދިންގެ ބައިވެރިވުން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް އެކަމަނާ އަލިއަޅުއްވާލެއްވި އެވެ.

ހަމަ މިއާއެކު، ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް، ބޭނުންކުރުން މިހާރު މަނާކޮށްފައިވާކަން، މި ބައްދަލުކުރެއްވުމުގައި ރައީސްގެ އަނބިކަނބަލުން ފާހަގަކުރެއްވި އެވެ.

މި ބައްދަލުވުން ނިންމަވާލެއްވީ، ތިމާވެށި ރައްކާތެރިކުރުމަށާއި، ދެމެހެއްޓެނިވި ގޮތުގައި ކުނި ނައްތާލުމަށް، ދެ ގައުމުން ގުޅިގެން މަސައްކަތްކުރުމުގެ އަޒުމު އާ ކުރައްވަމުންނެވެ.

ADVERTISEMENT

ކޮމެންޓު0COMMENTS

ކޮމެންޓު ޝާއިޢުކުރުމުގެ ކުރިން އެޑިޓަރުން ބަލާނެ.

ADVERTISEMENT