އައިލެންޑް އޭވިއޭޝަންގެ މުވައްޒަފުންނަށް ފްލެޓް އަޅަން ކޮންސަލްޓަންސީ ހޯދަނީ

ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) ގެ މުވައްޒަފުންނަށް ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގަން ކޮންސަލްޓެންސީ ދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.
އައިއޭއެސް އިން ކުރި އިއުލާނެއްގައި ބުނީ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ޑިޒައިން ކުރިއަށް ގެންދަން، ކޮންސަލްޓެންސީ ތަޖުރިބާ ހުރި އަދި ފެންވަރު ރަނގަޅު ކުންފުނިތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެކަމަށް ޝައުގުވެރިވާ ކުންފުނިތަކުން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ފޯމް ފުރުމަށް ފަހު ހުށަހެޅުމަށް އެދިފައިވެ އެވެ.
މެއިލް މެދުވެރިކޮށް، އީއޯއައި ފޮނުވަން ޖެހޭ އިރު، ފޯމް ފޮނުވުމުގެ ސުންގަޑިއަކީ މިމަހުގެ 17 އެވެ.
މި މަޝްރޫއު ހިނގުމަށް ކަނޑައަޅާފައި ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 20،819 އަކަފޫޓުގެ ބިމެއްގަ އެވެ.


