ރާއްޖެއަށް އިއާދަކުރުވަނިވި ހަކަތައާ ގުޅޭ އިންވެސްޓްމަންޓުތައް ބޭނުންވޭ: ރައީސް

އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ރާއްޖެއިން ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށް އެ ދާއިރާއާ ގުޅުން ހުރި އިންވެސްޓްމަންޓުތައް ބޭނުންވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ތުރުކީ ވިލާތުގައި މިހާރު ކުރިއަށްދާ ތިމާވެށީގެ އެންމެ ބޮޑު ބައްދަލުުވުން، ކޮޕް 31 ގެ ސާފު ހަކަތައާ ގުޅޭ ގޮތުން ކުރިއަށްގެންދިޔަ މަތީ ފަންތީގެ މަޝްވަރާ ބައްދަލުވުމުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރާއްޖެއަކީ ވަރަށް ބޮޑަށް އެހެން ގައުމުތަކުން އެތެރެކުރާ ތެލަށް ބަރޯސާވާ ގައުމެއް ކަމަށެވެ.
އެކަމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާއި ތެލުގެ ސަޕްލައި ޗެއިނަށް އަންނަ ލޮޅުންތަކުން ރާއްޖޭގެ އިގުތިސާދަށް ނޭދެވޭ އަސަރު ކުރާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ %33 އަކީ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ އަމާޒެއް 2023 ވަނަ އަހަރު ކަނޑައަޅާފައިވާ ކަމަށެވެ.
އެކަމަކު، މި އަމާޒަށް ވާސިލްވުމަށް އިންވެސްޓްމަންޓުތައް ބޭނުންވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"މި އަމާޒަށް ވާސިލްވުމަށް އިއާދަކުރަނަވި ހަކަތަ އުފައްދާނެ އަދި އެ ހަކަތަ ރައްކާކުރާނެ ނިޒާމުތައް ގާއިމުކުރުމަށް އެކިއެކި ރަށްތަކުގައި އިންވެސްޓު ކުރަންޖެހޭ." ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
ނަމަވެސް ރައީސް ވިދާޅުވި ގޮތުގައި އެއީ ގޮންޖެހުން ބޮޑު ކަމެކެވެ.
ރާއްޖެ އެކުލެވިގެން ވަނީ ކުދި ޖަޒީރާ ރަށްތަކެއް ގޮތުގައި ކަމަށްވާތީ އިއާދަކުރުވަނިވި ހަކަތައިގެ އުމްރާނީ ވަސީލަތްތައް ގާއިމުކުރުމާއި ބެލެހެއްޓުމަށް ހިނގާ ހަރަދަކީ ބޮޑެތި ގައުމުތަކުގައި ހިނގާ ހަރަދަށްވުރެ ބޮޑު ހަރަދެއް ކަމަށް ރައީސް ވިދާޅުވި އެވެ.
ރާއްޖެއިން ކަނޑައަޅާފައިވާ އިއާދަކުރަނިވި ހަކަތައިގެ އަމާޒަށް ވާސިލުވުމަށް 2024 އިން 2033 ގެ ނިޔަލަށް މަގު ޗާޓެއް އެކުލަވާލާފައިވާ ކަމަށާއި އެ މަގު ޗާޓުގައި ދެމެހެއްޓެނެވި ވިލުންތެރި އަދި ދެކޮޅުޖެހޭ ގޮތަކަށް ތެލާ ދުރަށް ގޮސް އިއާދަކުރަނަވި ހަކަތައަށް ބަދަލު ކުރެވޭނެ ސިޔާސަތުތަކެއް ހިމަނާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެކަންކަން ތަންފީޒުކުރަން މާލީގޮތުންނާއި ޓެކްނޮލޮޖީގެ ގޮތުންނާއި އަދި އިންވެސްޓްމަންޓުގެ ދާއިރާއިން ބައިނަލްއަގްވާމީ އެހީތެރިކަން މުހިއްމު ކަމަށެވެ.
ރައީސް ވިދާޅުވީ މި އަމާޒުތަކަށް ވާސިލްވުމަށް ބައިނަލްއަގުވާމީ ފަރާތްތަކާ އެކުގައި މަސައްކަތް ކުރަން ރާއްޖެ ތައްޔާރަށް އޮތް ކަމަށެވެ.


