ސީދާ ޚަބަރަށް
23 ނޮވެމްބަރު 2026DHARAJA.COM
ADVERTISEMENT

ހަބަރު

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިއަށް ފުދުންތެރިކަމުގެ ފާގަތި ފަތިހަކަށް މަރުހަބާ ކިޔަން ޖެހޭ: ރައީސް

ރައީސް އެގޮތަށް ވިދާޅުވީ ހުރަވީ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޕޯސްޓެއްގައި

1 މިނެޓް

ރައީސް ޑރ. މުއިއްޒު، ކުޑަކުދިންތަކަކާ އެކު. --- ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުއިއްޒު، ކުޑަކުދިންތަކަކާ އެކު. --- ފޮޓޯ: ރައީސް އޮފީސް

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިއަށް ފުދުންތެރިކަމާއި ދިވެހި ކޮންމެ ފަރުދެއްގެ އުފާވެރިކަމަށް ތަންދޭން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ހުރަވީ ދުވަހުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވައި "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ހުރަވީ ދުވަހުގެ ހާދިސާއަށް ގާތްގަނޑަކަށް ތިން ގަރުނު ފުރެން ކައިރިވަމުން އަންނަ އިރު، މިއަދު ދުނިޔޭގެ ކަންކަން ހިނގާ ގޮތާއި މިއަދު މިނިވަންކަން ދިފާއުކުރަން ޖެހޭ ގޮތާ މި ކަންކަމަށް ފުންކޮށް ވިސްނުން ވަރަށް މުހިންމު ކަމަށެވެ.

ތާރީހުގެ ލޯގަނޑުން ދައްކާ މަންޒަރުން ފިލާވަޅު ލިބިގަނެ، މުސްތަގްބަލުގެ މޫނު އުޖާލާކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ ސިޔާސީ ޖަޒުބާތުތަކުގެ ކުރިއަށް ގައުމީ އިހްލާސްތެރިކަން ނެރެން ޖެހޭ ކަމަށެވެ. އަދި ޒާތީ އަރާރުންތަކުގެ ކުރިއަށް ޖަމާއަތުގެ ބާއްޖަވެރިކަން އިސް ކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

" ވެރިކަމުގެ ދަހިވެތިކަމާއި ހަސަދަވެރިކަމުގެ ކުރިޔަށް ގައުމީ ސަލާމަތާއި ފުދުންތެރިކަމާއި ދިވެހި ކޮންމެ ފަރުދެއްގެ އުފާވެރިކަމަށް ތަންދޭން އެބަ ޖެހޭ. ދަރަނީގެ އަޅުވެތިކަމުގައި ފަނާވާން ނުތިބެ ފުދުންތެރިކަމުގެ ފާގަތި ފަތިހަކަށް މަރުހަބާ ކިޔާން އެބަ ޖެހޭ." ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒުގެ ޕޯސްޓުގައި ވަނީ މިނިވަންކަމާއި ސިޔާދަތު އަދި މާތްވެގެންވާ އިސްލާމްދީނުގެ ހައްގުގައި ހިތްވަރުގަދަ ޖިހާދެއް ކުރައްވާ، މަލާބާރީންގެ ވަކިތަކުން މި ގައުމު ސަލާމަތްކުރެއްވި ގައުމީ ބަތަލު ދޮންބަންޑާރައިން ސުލްތާން ޣާޒީ ހަސަން އިއްޒުއްދީންގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިއްމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވައިފަ އެވެ.

"އޯގާވަންތަ ﷲ މި ގޮތުގައި އަޅުގަނޑުމެންނަށް ހެޔޮ ވިސްނުމާއި ތައުފީގު ދެއްވާށި! ދިވެހި ގައުމަށް ކުރިއެރުމާއި ކާމިޔާބީ ދެއްވާށި! އާރޯކަމާއި ތާޒާކަން ދެއްވާށި! މި ލޮބުވެތި ވަތަން މިނިވަންކަންމަތީ އަބަދުގެ އަބަދަށް ލަހައްޓަވާށި! އާމީން." ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ADVERTISEMENT

ކޮމެންޓު0COMMENTS

ކޮމެންޓު ޝާއިޢުކުރުމުގެ ކުރިން އެޑިޓަރުން ބަލާނެ.

ADVERTISEMENT