ޓީއެމްއޭގެ ސީޕްލޭން ކްރޫ އޮތީ ވެންޓިލޭޓަރުގައި

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ ސީޕްލޭނެއްގެ ކަނދެއް ބިނދި ހިނގި ނުރައްކާތެރި ހާދިސާއެއްގައި އަނިޔާވި ކްރޫއަށް ޓްރީ ޓޮޕް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.
އެނގިފައިވާ ގޮތުގައި، އެމީހާ އަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައި ބާއްވައިގެންނެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ސީޕްލޭން ޓާމިނަލަށް އިއްޔެ މެންދުރު ފަހު 2:25 ހާއިރު ކައިރި ކުރަން އުޅެނިކޮށް ހިނގި މި ހާދިސާގައި އަނިޔާވީ ކަނދުމަތީގައި އެ ވަގުތު ހަރަކާތްތެރިވި ކްރޫއަކަށެވެ.
އަނިޔާވީ އުމުރުން 20 އަހަރުގެ ފިރިހެނަކަށެވެ.
އެމީހާއަށް އަނިޔާވީ ސީޕްލޭނާއި ޕްލެޓްފޯމް ދޭތެރޭގައި ތާށިވެގެން ކަމަށްވެ އެވެ.
މި ހާދިސާއާ ގުޅިގެން ޓީއެމްއޭ އިން ބުނީ ސީޕްލޭންގައި ތިބި ފަސިންޖަރުންނާއި ކްރޫން ސަލާމަތް ކޮށްފައިވާ ކަމަށެވެ. އަދި ހާދިސާ ހިނގި ގޮތް ބަލައި، ތަފުސީލް އާންމު ކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ސޯޝަލް މީޑިއާގައި ބައެއް މީހުން އާއްމުކޮށްފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި ޓީއެމްއޭގެ ސީޕްލޭނެއްގެ ކަނދެއް ބިންދައިގެން ގޮސް އަރިއަޅައިލުމުގެ ސަބަބުން އެ ބޯޓުގެ ބައެއް އޮތީ އަޑީގަ އެވެ.


