ހަބަރުރައީސް ޑރ. މުހައްމަދު މުއިއްޒު
ފަންނީ ދާއިރާތަކުގެ ހާއްސަ ކޮމިޓީތަކާއި ފަންނީ މަޝްވަރާ މަޖިލީހެއް އެކުލަވާލަނީ

ފަންނީ ދާއިރާތަކުގެ ހާއްސަ ކޮމިޓީތަކާއި ފަންނީ މަޝްވަރާ މަޖިލިސް އެކުލަވާލުމުގައި އަމަލުކުރާނެ އުސޫލެއް ކަނޑައަޅައި އެއަށް އަމަލު ކުރައްވަން ފެއްޓެވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފައާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
މި އުސޫލު ކަނޑައަޅާފައި ވަނީ މިދިޔަ އާދިއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލިހުގެ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވުމަށް ފަހުގަ އެވެ.
ރައީސް އޮފީހުން މިއަދު ބުނި ގޮތުގައި އެ އުސޫލުގެ މަގްސަދަކީ، އެކި ފަންނުވެރި ދާއިރާތަކާ ގުޅުންހުރި މައްސަލަތަކާ މެދު މަޝްވަރާކޮށް، އެ ދާއިރާތަކާ ގުޅޭ ސިޔާސަތުތައް ބައްޓަންކޮށް ތަންފީޒުކުރުމުގައި، ދާއިރާތަކުން ލިބިފައިވާ ފަންނީ ތައުލީމާއި ތަޖުރިބާގެ އަލީގައި މަޝްވަރާ ހުށަހެޅުމަށް ފުރުސަތު ދިނުމަށް އުފައްދާ "ފަންނީ ދާއިރާތަކުގެ ހާއްސަ ކޮމިޓީތަކާއި ފަންނީ މަޝްވަރާ މަޖިލިސް" އެކުލަވައިލުމާއި ހިންގުމުގައި އަމަލުކުރާނެ ގޮތް ކަނޑައެޅުމެވެ.
އެ ކޮމިޓީތަކުގައި މެންބަރުން ކުރައްވާ މަސައްކަތަކީ ގައުމީ ހިދުމަތެއްގެ ގޮތުގައި ބައްލަވައި، އެ މަސައްކަތަށް ވަކި އުޖޫރައެއް ނުދެއްވާ ގޮތަށް ރައީސް ޑރ. މުއިއްޒު ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ފަންނީ ދާއިރާތަކުގެ ހާއްސަ ކޮމިޓީތަކާއި ފަންނީ މަޝްވަރާ މަޖިލިސް އެކުލަވާލުމުގައި އަމަލު ކުރާނެ އުސޫލު ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިއު ކުރާނެ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.


