ގައުމަށް ދިމާވާ ކަންކަމުގައި ރައީސަށް ލަފާ އަރުވަން ޝަރަފުވެރިންގެ މަޖިލިސް އެކުލަވާލައިފި

ސަރުކާރުގެ ކަންކަން ރަނގަޅު ކުރުމަށާއި ގައުމަށް ދިމާވާ އެކި ކަންކަމާ ގުޅިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ އެރުވުމަށް ހާއްސަ މަޖިލިހެއް މިއަދު އެކުލަވާލައިފި އެވެ.
ރައީސް އޮފީހުން ވިދާޅުވީ ރައީސް ޑރ. މުއިއްޒު ރިޔާސަތު ބަލަހައްޓަވާ "ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ ލަފާދޭ މަޖިލިސް" ގައި 12 މެމްބަރުން ހިމެނިވަޑައިގަންނަވާނެ ކަމަށެވެ.
މި މަޖިލިހަކީ ގައުމުގެ ކަންކަން ހަރުދަނާ ގޮތުގައި ހިންގުމުގައި އާއި ސަރުކާރުގެ ކަންކަން ރަނގަޅު ގޮތުގައި ގެންދިއުމުގައި އަދި ގައުމަށް ދިމާވާ އެކި ކަންކަމާ ގުޅިގެން މަޝްވަރާ ހޯއްދަވަން ޖެހޭ ކަންކަމުގައި ރައީސަށް މަޝްވަރާ ދެއްވުމަށް އުފެއްދި މަޖިލިހެއް ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވި އެވެ.
އެ މަޖިލިސް އެކުލަވާލައްވާނެކަން ރައީސް އިއުލާން ކުރެއްވީ މި އަހަރުގެ މިނިވަން ދުވަސް ފާހަގަ ކުރަން ބޭއްވި ރަސްމީ ޖަލްސާގަ އެވެ.
އެ މަޖިލިހުގައި ހިމެނިވަޑައިގަންނަވާ 12 ބޭފުޅުންނަކީ:
1- ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަބްދުﷲ ކަމާލުއްދީން، މއ.އާނުވެލި
2- ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އައްބާސް އިބްރާހީމް، މ.ސިލްވަރކްލައުޑް
3- ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަބްދުއްރަޝީދު ހުސައިން، މއ.އުރަހަ
4- ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަނީސާ އަޙްމަދު، މ.ލޮނުވެލި
5- ނިޝާން އަސްކަރީގެ ވެރިޔާ މޭޖާ ޖެނެރަލް (ރިޓަޔާޑް) މޫސާ އަލީ ޖަލީލް، ހ.ރާޅާހާ
6- ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ ޑރ. މުހައްމަދު ލަތީފު، މއ.ކިނބި
7- ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އިބްރާހީމް ރަޝީދު މޫސާ، ހ.މީރުބަހުރުގޭއާގެ
8- ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތުގެ ވެރިޔާ އިބްރާހީމް އިސްމާއީލް އަލީ، މ.މަޚްމާވިލާ
9- ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތުގެ ވެރިޔާ އަހްމަދު ނަސީމް، ހ.ހިކިފިނިފެންމާގެ
10- ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތުގެ ވެރިޔާ ބަދުރުއްނަސީރު، މއ.ވިލުވެލި
11- ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތުގެ ވެރިޔާ އާދަމް އަބްދުއްރަޙްމާނު، އަލިމަސްގެ، ހއ.އުތީމު
12- ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތުގެ ވެރިޔާ އަހްމަދު ޝާކިރު، މއ.ކަށިމާ
އެ މަޖިލިހުގައި މުޅިން ހެން ތިއްބެވީ ދައުލަތުގެ އެކިއެކި މަގާމުތައް ފުރުއްވާފައިވާ އަދި ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައި ތިއްބެވި ބޭފުޅުންނެވެ.
އޭގެ ތެރެއިން ނަސީމަކީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ހެލްތު މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ.


