ޖަޒީރާ ގައުމުތަކުގެ ނާޒުކު ހާލަތަކީ އެހީ ހޯދަން އޮތް ހުރަހަކަށް ނުވާނެކަން ކަށަވަރުކުރަން ޖެހޭ: ރައީސް

ކުދި ޖަޒީރާ ތަރައްގީވަމުން އަންނަ ގައުމުތައް (ސިޑްސް) އޮތް ނާޒުކު ހާލަތަކީ، ލުއިފަސޭހަ ގޮތެއްގައި މޫސުމީ މާލީ އެހީ ހޯދުމަށް އޮތް ހުރަހަކަށް ނުވާނެކަން ކަށަވަރުކުރުމަށް ބައިނަލްއަގވާމީ މާލީ އޮނިގަނޑު އިސްލާހު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ގޮވާލައްވައިފި އެވެ.
ރައީސް ޑރ. މުއިއްޒު އެގޮތަށް ވިދާޅުވީ ތުރުކީގެ އަންތާލިޔާގައި މިހާރު ކުރިއަށް ގެންދާ ކޮޕް31 ގެ ހަވާސާގައި އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސްއާ އެކު އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އޭއޯސިސް)ގެ ލީޑަރުން މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ.
ރައީސްގެ ވާހަކަފުޅުގައި، 2040 ވަނަ އަހަރު އަންނަންވާ އިރަށް ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް އަމާޒު ހިފާފައިވާއިރު، މި އަމާޒަށް ވާސިލުވުމަށް އޮތް އެންމެ ބޮޑު އެއް ހުރަހަކީ މޫސުމީ ބަދަލުތައް ކަން ފާހަގަކުރެއްވި އެވެ.
އަދި މިހާރު އެންމެ ބޮޑު އިސްކަމެއް ދޭންޖެހިފައިވަނީ މޫސުމީ މާލީ އެހީ އާއި މާލީ ނިޒާމު އިސްލާހު ކުރުމާއި ކަންކަން ތަންފީޒު ކުރުމުގެ މައްޗަށް ބިނާކޮށް އަމަލީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
މޫސުމީ މާލީ އެހީގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މޫސުމީ ބޭނުމަށް ދެވޭ މާލީ އެހީތެރިކަމަކީ އެކަށީގެންވާ މިންވަރަކަށް، ފަސޭހައިން ލިބޭ، ޔަގީންކަން އޮތް އަދި ހިލޭ އެހީގެ ގޮތުގައި ލިބޭ އެއްޗަކަށް ވާންޖެހޭނެ ކަމަށެވެ.
ހާއްސަ ގޮތެއްގައި ކުރިއަށް ލަފާކުރާ "ސުޕަ އެލް ނީނޯ" ގެ އަސަރުތަކަށް ރިއާޔަތްކޮށް، މޫސުމީ ބަދަލުތަކަށް ހޭނުމަށް ދޭ މާލީ އެހީ (އެޑެޕްޓޭޝަން ފައިނޭންސް) އިތުރުކުރުމަށާއި، "ލޮސް އެންޑް ޑެމޭޖް ފަންޑު" އަށް އަވަހަށް ފައިސާ ޖަމާކޮށް ފުރިހަމަކުރުމަށް އެ މަނިކުފާނު ގޮވާލެއްވި އެވެ.
މި މައްސަލަ އުފެދުމުގައި ކުޑަވެސް ހިއްސާއެއް ނެތް ގައުމުތަކުން، މި ކާރިސާއާ ކުރިމަތިލުމަށް ބޮޑު އިންޓަރެސްޓުގައި ދަރަނި ނަގަން މަޖުބޫރުވެގެން ނުވާނެކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި މޫސުމީ ބަދަލުތަކާ ދެކޮޅަށް އަޅާ ފިޔަވަޅުތަކަކީ ތަރައްގީއަށް ހުރަސް އެޅޭ، ނުވަތަ ނާޒުކު ގައުމުތަކަށް ނުއުފުލޭ ފަދަ ދަރަނީގެ ބުރައެއް އުފުލަންޖެހޭ ކަމަކަށް ވެގެން ނުވާނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މާލީ ނިޒާމު އިސްލާހު ކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، މިހާރު މާލީ އެހީތެރިކަން ފޯރުކޮށްދޭ އިންތިޒާމުތައް ހުރި ގޮތުން ނާޒުކު ގައުމުތަކަށް ބޮޑު އަގުގައި ދަރަނި ނެގުމަށް މަޖުބޫރު ވެފައިވާ ކަމުގައި ރައީސް ފާހަގަކުރެއްވި އެވެ. އަދި މީގެ ސަބަބުން އެ ގައުމުތަކުގެ ދަރަނީގެ ބުރަ އިތުރަށް ބޮޑުވެ، މާލީ ގޮތުން ހަރަދުކުރުމުގެ ޖާގަ ހަނިވެގެންދާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
އެހެންކަމުން، މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމުގެ ގާބިލުކަން އިތުރުކުރުމަށް ކުރާ އިންވެސްޓްމަންޓްތަކުގެ ދިގު މުއްދަތުގެ އިގްތިސާދީ ފައިދާ ވަޒަންކުރުމަށް ބައިނަލްއަގްވާމީ މާލީ އިދާރާތަކަށާއި ކްރެޑިޓް ރޭޓިންގ އޭޖެންސީތަކަށް އެމަނިކުފާނު ގޮވާލެއްވި އެވެ.
ކަންކަން ތަންފީޒު ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ވާ ވައުދުތަކަކީ އަމަލީ ގޮތުން ނަތީޖާ ފެންނަ ކަންކަމަށް ބަދަލުވާންޖެހޭ ކަމުގައި ރައީސް ވިދާޅުވި އެވެ.
ގްލޯބަލް އެލެކްޓްރިފިކޭޝަން (ފޮސިލް ފިއުލް އެންދުމުގެ ބަދަލުގައި އިލެކްޓްރިކް އެހެނިހެން ހަކަތައިގެ ވަސީލަތްތައް ބޭނުންކުރުން)، ކުނި މެނޭޖްކުރުން، ސަރކިއުލަރ އިކޮނޮމީ މޮޑެލް އަދި މޫސުމީ ބަދަލުތަކަށް ވިލުންތެރި ސިޓީތައް ބިނާކުރުމަށް ކޮޕް31 ގައި ފަށާފައިވާ އިސްނެގުންތަކަށް ރައީސް މަރުހަބާ ވިދާޅުވި އެވެ.
އަދި މި މަސައްކަތްތަކަށް އެކަށީގެންވާ މާލީ އެހީތެރިކަމާއި ޓެކްނޮލޮޖީ ފޯރުކޮށްދިނުމާއި އަމަލީ ގޮތުން ތަންފީޒު ކުރުމުގެ އެހީތެރިކަން ލިބެންޖެހޭނެކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ކުދި ޖަޒީރާ ގައުމުތަކުން އެދެނީ ސަދަގާތަކަށް ނުވަތަ ހަމްދަރުދީއަކަށް ނޫން ކަމަށާއި، އެ ގައުމުތަކުން އެދެނީ މޫސުމީ އިންސާފަށްކަން ރައީސް ކަށަވަރުކޮށްދެއްވި އެވެ. އަދި މަލްޓިލެޓަރަލިޒަމްގެ ހަގީގީ އިމްތިހާނަކީ ވެވޭ ވައުދުތަކެއް ނޫން ކަމަށާއި، ނެރެދެވޭ ނަތީޖާކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒްގެ ދައުރުގައި ކުދި ޖަޒީރާ ތަރައްގީވަމުން އަންނަ ގައުމުތަކަށް ދެއްވަމުންގެންދަވާ ސާބިތު އެއްބާރުލެއްވުމަށް އިހްލާސްތެރިކަމާއެކު ޝުކުރު އަދާކުރެއްވި އެވެ. އަދި އެމަނިކުފާނުގެ ދައުރު ނިމުމަކާ ގާތްވަމުންދާތީ އެމަނިކުފާނަށް ހެޔޮ އެދުންތައް އަރިސްކުރެއްވި އެވެ.


