ސީދާ ޚަބަރަށް
23 ނޮވެމްބަރު 2026DHARAJA.COM
ADVERTISEMENT

ހަބަރު

އެއް ލައްކަ މެމްބަރުން ހަމަވި ފުރަތަމަ ޕާޓީގެ ޝަރަފް ޕީއެންސީއަށް!

ރާއްޖޭގައި މިވަގުތު އޮތް އެންމެ މެމްބަރުން ގިނަ ޕާޓީއަކީ ޕީއެންސީ

1 މިނެޓް

ރައީސް ޑރ. މުއިއްޒު އަދި ޕީއެންސީގެ ސަޕޯޓަރުން. --- ފޮޓޯ: ޕީއެންސީ
ރައީސް ޑރ. މުއިއްޒު އަދި ޕީއެންސީގެ ސަޕޯޓަރުން. --- ފޮޓޯ: ޕީއެންސީ

ވެރިކަން ކުރާ ޕީއެންސީއަށް 100،000 މެމްބަރުން ހަމަވެއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ވެބްސައިޓުން ދައްކާ ގޮތުން ނަމަ، ޕީއެންސީ މެމްބަރުންގެ އަދަދު ވަނީ 100،000 ފަހަނަ އަޅައި ގޮސްފަ އެވެ. މިއީ 2005 ގައި ސިޔާސީ ޕާޓީތައް އުފެއްދި ފަހުން، މިދިޔަ 21 އަހަރުގެ ތެރޭގައި ސިޔާސީ ޕާޓީއަކުން ހޯދި އެންމެ ބޮޑު އެއް ކާމިޔާބީ އެވެ.

މީގެކުރިން އެއްވެސް ސިޔާސީ ޕާޓީއަކަށް އެއް ލައްކަ މެމްބަރުން ހަމަ ކުރެވިފައެއް ނުވެ އެވެ.

މިއާއެކު، ޕީއެންސީއަކީ މިހާރު އެންމެ މެމްބަރުން ގިނަ ޕާޓީގެ އިތުރުން އެއް ލައްކަ މެމްބަރުން ފުރަތަމަ ހަމަވި ޕާޓީ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތް އިރު ޕީއެންސީގައި ތިބީ، 3،000 މެމްބަރުންނެވެ.

ރާއްޖޭގައި މިވަގުތު ހަތް ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކޮށްފައިވެ އެވެ. އެއީ ޕީއެންސީގެ އިތުރުން އެމްޑީޕީ، އަދާލަތު ޕާޓީ، އެމްޑީއޭ، ޖުމްހޫރީ ޕާޓީ، އެމްއެންޕީ އަދި ޕީއެންއެފް އެވެ.

ދެވަނަ އަށް އެންމެ މެމްބަރުން ގިނަ އެމްޑީޕީގައި ތިބީ 53،718 މެމްބަރުންނެވެ. ތިން ވަނަ އަށް އެންމެ ގިނައީ ޖުމްހޫރީ ޕާޓީގަ އެވެ. މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީގައި ތިބީ 7،748 މެމްބަރުންނެވެ.

ހަތަރު ވަނައިގައި އޮތީ މީދޫ ދާއިރާގެ މެމްބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ސިޔާމްގެ އެމްޑީއޭ އެވެ. އެ ޕާޓީގައި 5،761 މެމްބަރުން އެބަތިބި އެވެ. ފަސް ވަނައިގައި އޮތީ އަދާލަތު ޕާޓީ އެވެ. އެ ޕާޓީގައި ތިބީ 5،523 މެމްބަރުންނެވެ.

ތިންހާސް މެމްބަރުން ހަމަނުވާ ދެ ޕާޓީއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީއެންއެފާއި ވިޔަފާރިވެރިޔާ މުހައްމަދު ނާޒިމްގެ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އެވެ.

ADVERTISEMENT

ކޮމެންޓު0COMMENTS

ކޮމެންޓު ޝާއިޢުކުރުމުގެ ކުރިން އެޑިޓަރުން ބަލާނެ.

ADVERTISEMENT