ރޮހިންޖާ މުސްލިމުންގެ ދިފާއުގައި އައިސީޖޭން ކުރި ހުކުމަށް ރައީސްގެ މަރުހަބާ

ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް މިޔަންމާ އިން ހިންގީ ނަސްލު ނައްތާލުމުގެ އަމަލެއް ކަމަށް އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އިން ހުކުމް ކުރުމާ ގުޅިގެން އެ ހުކުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ މަރުހަބާ ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުއިއްޒު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖެނޮސައިޑް (ނަސްލު ނައްތާލުން) ކުށް ހުއްޓުވުމާއި އެ ކުށަށް އަދަބު ދިނުމާ ބެހޭ މުއާހަދާ (ޖެނޮސައިޑް ކޮންވެންޝަން) ނެގެހެއްޓުމަށް އައިސީޖޭ އިން ކުރި ހުކުމަކީ ބައިނަލްއަގްވާމީ ފެންވަރުގައި ކުރަމުން އަންނަ މަސައްކަތްތަކަށް ލިބުނު މުހިންމު ކުރިއެރުމެއް ކަމަށެވެ.
އަދި ބައިނަލްއަގްވާމީ ގާނޫނީ އިލްތިޒާމުތައް ނެގެހެއްޓުމާއި ސުލްހަވެރި އަދި ޝަރުއީ ނިޒާމުގެ ތެރެއިން ޖަވާބުދާރީކުރުވުން ކުރިއެރުވުމުގައި އައިސީޖޭއިން އަދާކުރާ މުހިންމު ދައުރު މި ހުކުމުން ހާމަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މި މައްސަލައިގެ ޝަރީއަތަށް ތަދައްހުލުވި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަން ފާހަގަ ކުރައްވައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ޖެނޮސައިޑް ހުއްޓުވުމަށާއި އެކަމާ ދެކޮޅަށް ބައިނަލްއަގްވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތައް ކުރިއެރުވުމަށް ރާއްޖެއިން އަބަދުވެސް ދެމިއޮންނާނެ ކަމަށެވެ.
ރައީސް ވިދާޅުވީ މިފަދަ ލާއިންސާނީ ބޮޑެތި ޖަރީމާތައް ހުއްޓުވުމަށް ބައިނަލްއަގްވާމީ ގާނޫނަށް އިހްތިރާމްކުރުމުގެ އިތުރުން، އަނިޔާ ލިބުނު ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށާއި ޒިންމާދާރުކުރުވުމަށް މުޅި ބައިނަލްއަގްވާމީ މުޖުތަމައުގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.
ރައީސް ވަނީ ނަސްލު ނައްތާލުމުގެ އަމަލުތައް ހުއްޓުވުމަށް ގޮވާލައްވައި އިންސާފު ގާއިމްކޮށް، އިންސާނީ ކަރާމާތް ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް ބައިނަލްއަގުވާމީ ހުރިހާ ފަރާތްތަކަށް ގޮވާލައްވައިފަ އެވެ.
މިޔަންމާގެ ރަކީން ސްޓޭޓްގައި ދިރިއުޅޭ ރޮހިންޖާ މުސްލިމުންގެ ނަސްލު ނައްތާލުމަށް އެ ގައުމުގެ އަސްކަރިއްޔާއިން ހިންގި ޖަރީމާތަކުގެ މައްސަލަ އައިސީޖޭއަށް ހުށަހެޅީ ގެމްބިއާ އިންނެވެ. މިއީ ގެމްބިއާ އާއި މިޔަންމާ އާ ދެމެދު ބައިނަލްއަގުވާމީ ކޯޓުގައި ހިނގައި ދިޔަ ޝަރީއަތެކެވެ. ފެބްރުއަރީ، 2020 ގައި ރާއްޖެއިން ވަނީ މި މައްސަލައިގެ ތެރެއަށް ތަދައްހުލުވެ، ގެމްބިއާއާ އެއްކޮޅަށް ލިޔެކިޔުންތައް ހުށަހަޅައިފަ އެވެ.
މިޔަންމާގެ ސަލާމަތީ ބާރުތަކުން ހިންގި އޮޕަރޭޝަންގައި ރޮހިންޖާ މުސްލިމުންނަށް އަނިޔާކުރުމުގެ އިތުރުން ރޭޕްކުރުމާއި މަރާލުން ފަދަ ބޮޑެތި ކުށްތަކެއް ވަނީ ހިންގައިފަ އެވެ. އަދި މުސްލިމުންގެ ގެތަކުގައި ހުޅު ޖަހައި އަންދާ ވެސް ލި އެވެ. އެހެންވެ، 700,000 އަށްވުރެ ގިނަ ރޮހިންޖާ ރައްޔިތުން ވަނީ ފުރާނަ ސަލާމަތްކުރުމަށް އަވަށްޓެރި ބަންގްލަދޭޝްއަށް ހިޖުރަކޮށްފަ އެވެ.


