ސީދާ ޚަބަރަށް
23 ނޮވެމްބަރު 2026DHARAJA.COM
ADVERTISEMENT

ހަބަރު

އީގަލް ހިލްސްގެ މަޝްރޫއު ކުރިއަށް ގެންދަން ފެނޭތޯ ވޯޓަކަށް އަހަން ޖެހޭ: ނަޝީދު

ރެފްރަންޑަމްއަކަށް ދިއުމަށް ގޮވާލައި އަންނަ ބުރާސްފަތި ދުވަހުގެރޭ މުޒާހަރާ ކުރަން އެމްޑީޕީން ވަނީ ނިންމާފައި

3 މިނެޓް

އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު މިއަދު ވާހަކަފުޅު ދައްކަވަނީ. --- ފޮޓޯ: އެމްޑީޕީ
އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު މިއަދު ވާހަކަފުޅު ދައްކަވަނީ. --- ފޮޓޯ: އެމްޑީޕީ

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އީގަލް ހިލްސް ކުންފުނިން ރަސްމާލޭގެ 500 ހެކްޓަރުގެ ސަރަހައްދުގައި ހިންގުމަށް ތައްޔާރުވަމުން އަންނަ "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" މަޝްރޫއު އާ ގުޅިގެން ރައްޔިތުންނަށް ސާފުނުވާ ކަންތައްތަކެއް ހުރި ކަމަށާއި މި މަޝްރޫއު ކުރިއަށް ގެންދަން ފެނޭތޯ ބެލުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ ރަސްމާލެ މަޝްރޫއާ ގުޅިގެން ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންކަން ހުރި ކަމަށާއި އެކަމާ މެދު ރައްޔިތުން ކަންބޮޑުވާ ކަމަށެވެ. އަދި އެ މަޝްރޫއު ކުރިއަށް ގެންދަން ފެނޭތޯ ބެލުމަށް ރައްޔިތުންގެ މެދުގައި ވޯޓެއް ނަގަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އެމްޑީޕީ ދެކޭ ގޮތުގައި ކަމެއް ރަނގަޅަށް ކުރަންވެއްޖެ ނަމަ، އެކަމެއް ކުރަން ޖެހޭނީ ވީހާވެސް ގިނަ ބަޔަކާ މަޝްވަރާ ކުރެވިގެން. ވީހާވެސް ގިނަ މައުލޫމާތެއް ފޯރުކޮށްދީގެން. ދެފުށް ފެންނަ ގޮތަށް. ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތަކށް ބެލި އެ ޝަކުވާތަކަށް އިޖާބަ ދެވިގެން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ހަމައެކަނި ވެރިން "ކޮޓަރި ކޮޓަރިކޮޅުގައި" ތިއްބަވައިގެން ކަންކަން ކުރައްވާ ނަމަ، އެ ބާވަތުގެ ކަންކަން ނާކާމިޔާބުވާނެ ކަމަށެވެ. މިދިޔަ ދެތިން ދައުރެއްގައި މި ބާވަތުގެ ކިތަންމެ ކަމެއް ފާހަގަވެގެން ގޮސްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރަސްމާލޭގައި ހިންގަން އުޅޭ މަޝްރޫއުއާ މެދުގައި ރައްޔިތުން ކަންބޮޑުވަނީ އޭގައި ރައްޔިތުންނަށް ވާނުވާ ނޭނގޭ ކަންތައްތަކެއް ވާތީ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ވެރިންނަަށް ކަންކަމަކީ ރަނގަޅު ކަންކަމުގެ ގޮތުގައި ފެނިދާނެ، ތަސައްވަރު ކުރެވިދާނެ، ގަބޫލު ކުރެވިދާނެ. އެހެން ނަމަވެސް އެ ތަސައްވަރުތައް ރައްޔިތުންނަށް ސާފު ނުވަނީކަމުގައިވާ ނަމަ، ކަންކަން ދާނީ ކާމިޔާބު ނުވެ." ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ކަމެއް ކާމިޔާބު ކުރުމުގައި ރައްޔިތުންގެ އަޣުލަބިއްޔަތު ތާއީދު ނޫނީ ރުހުން އޮންނަން ޖެހޭ ކަމަށެވެ. ރަސްމާލެއާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތަކާ ގުޅިގެން ބަހުސްކޮށް އެކަމާ މެދުގައި ގޮތެއް ނިންމަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ރަސްމާލެ މަޝްރޫއުއާ ގުޅޭ ގޮތުން ފެންނަ، ނުފެންނަ ވޯޓެއް ނުނަގައި ކުރިއަށްދާ ނަމަ ރާއްޖެއަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމަށެވެ.

"މޯލްޑިވްސް ވޯޓާ ފްރޮންޓް އެންޑް މެރީނާ" މަޝްރޫއުގެ ނަމުގައި ރަސްމާލޭގައި ހިންގަން އުޅޭ ރެސިޑެންސީ މަޝްރޫއު ހިންގަން ރަނގަޅު ކަމަށާއި އެކަމަކު އެކަން ކުރުމުގެ ކުރިން ރައްޔިތުން ގާތު އަހަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސް ރަސްމާލެ މަޝްރޫއުގައި ސޮއިކޮށް ކުރިއަށް ގެންދާ ނަމަ، އެކަން އެމްޑީޕީން ބަލައިގަންނާނެތޯ ނޫސްވެރިއަކު ސުވާލު ދެންނެވުމުން، ނަޝީދު ވިދާޅުވީ ދައުލަތުން އެއްޗެއްގައި ސޮއިކޮށްފައި އޮއްވައި، ފަހުން ދެން އެ ކަމުގައި އަމަލު ކުރާނެ ގޮތަކާ ގުޅޭ ގޮތުން ޒިންމާދާރު ސިޔާސީ ފަރާތްތަކުން ވާހަކަ ދައްކައިިގެން ނުވާނެ ކަމަށެވެ. އެގޮތުން، އެ ބާތިލް ކުރަން ގޮވާލައިގެން ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މުރާޖައާ ކުރެވިދާ ކަންކަން. އެކަމަކު ކަންކަން ބާތިލް ކުރާނެ ކަމަށް، އެއްލާލާނެ ކަމަށް، އެ ބާވަތުގެ ވާހަކަތައް ދެއްކީމާ ދޭދޭ ގައުމުތަކާ ގުޅުން އެބަ ގޯސްވޭ. އަދި ދިވެހި ދައުލަތަށް ކިތަންމެ ބޮޑު ގެއްލުމެއް އެބަ ލިބޭ،" ނަޝީދު ވިދާޅުވި އެވެ.

ދައުލަތުން "ސޮވަރިން އެގްރީމަންޓް" ގައި ސޮއިކޮށްފައި އޮއްވައި، އެއްބަސްވުން ބާތިލް ކޮށްފި ނަމަ ދޭންޖެހޭ ބަދަލުތަކުގެ ވާހަކަތައް ވެސް ބަޔާންކޮށްފައިވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"މި ވާހަކަތަކަށް އަޅުގަނޑުމެން ނުބަލައި ހަމަ އެހެން ތިބެފައި ބޮޑު ބަސް ބުނީމާ، އާދެ ވަރަށް ބޮޑު ބަހަކަށް ވެދާނެ އެހެނަސް އެއީކީ ރައްޔިތުންނަށް ފައިދާހުރި ގޮތެއްގައެއް އަޅުގަނޑުމެން ނުދެކޭނަން."

ރަސްމާލޭގައި ހިނގަން ނިންމާފައިވާ މަޝްރޫއުއާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދާދި ފަހުން ވިދާޅުވެފަ އެވެ. ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރިއަލް އެސްޓޭޓް ބިލްގައި ދިވެހި ރައްޔިތުންގެ ހައްގުތަކާއި ދިވެހި ދައުލަތުގެ މިނިވަންކަމާއި އިސްތިގުލާލާއި ސިޔާދަތީ ބާރު ހިމާޔަތް ކުރެވިގެންދާ ގޮތަށް ރިއާޔަތް ކުރެވިފައިވާ ކަމަށެވެ.

ރަސްމާލެ މަޝްރޫއުއާ ގުޅިގެން އާންމުންގެ ހިޔާލު ހޯދަން ވޯޓެއް ނުނަގައިފި ނަމަ ސީދާ ހަރަކާތަށް ނުކުމެ މުޒާހަރާކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން މި ފަހުން ފާސްކޮށްފައިވެ އެވެ. އެހެންވެ، އެ ވޯޓު ނެގުމަށް ގޮވާލައި އަންނަ ބުރާސްފަތި ދުވަހުގެރޭ އެމްޑީޕީގެ މުޒާހަރާއެއް އޮންނާނެ ކަމަށް ނަޝީދު ވަނީ އިއުލާން ކުރައްވައިފަ އެވެ.

ADVERTISEMENT

ކޮމެންޓު0COMMENTS

ކޮމެންޓު ޝާއިޢުކުރުމުގެ ކުރިން އެޑިޓަރުން ބަލާނެ.

ADVERTISEMENT