ސީދާ ޚަބަރަށް
23 ނޮވެމްބަރު 2026DHARAJA.COM
ADVERTISEMENT

ހަބަރު

ކުރިއެރުންތަކުން މުއްސަނދި ރާއްޖެއެއް ދުށުމުގެ ޝުއޫރު ގެންގުޅެން ޖެހޭ: ރައީސް

ދުއާއަކަށް ވާންވީ ދިވެހިންގެ މުސްތަގްބަލަށް ލޮޅުން އަރުވަން މަސައްކަތް ކުރާ އެންމެންނަށް ހެޔޮ ވިސްނުން ދިނުން އެދި ދުއާ ކުރުން ކަމަށް ވިދާޅުވި

5 މިނެޓް

ޖުމްހޫރީ ދުވަސް ފާހަގަ ކުރަން ރޭގައި ބޭއްވި ޖަލްސާގައި ރައީސް ޑރ. މުއިއްޒު ވާހަކަފުޅު ދައްކަވަނީ. --- ފޮޓޯ: ދަރަޖަ: އަބްދުﷲ އަބީދު
ޖުމްހޫރީ ދުވަސް ފާހަގަ ކުރަން ރޭގައި ބޭއްވި ޖަލްސާގައި ރައީސް ޑރ. މުއިއްޒު ވާހަކަފުޅު ދައްކަވަނީ. --- ފޮޓޯ: ދަރަޖަ: އަބްދުﷲ އަބީދު

ޖުމްހޫރީ ދުވަހު ދިވެހިންގެ ޝުއޫރަކަށް ވާންވީ، ތަރައްގީވެފައިވާ، ޒަމާނީ ކުރިއެރުންތަކުން މުއްސަނދިވެފައިވާ ރާއްޖެއެއް މާދަމާ ދުށުމުގެ އުންމީދީ ޝުއޫރު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ޖުމްހޫރީ ވެރިކަމަކީ ރައްޔިތުންގެ ތެރެއިން ގިނަ ރައްޔިތުންގެ ނިންމުމުގެ މަތިން ހޮވާފައިވާ ވެރިއަކު ހިންގާ ވެރިކަން ކަމަށާއި މި ޒަމާނުގެ ބަހުރުވައިން ނަމަ، އެއީ ޑިމޮކްރަޓިކް ވެރިކަން ކަމަށެވެ.

"ޖުމްހޫރީ ދުވަހަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ނިންމުން ފާހަގަ ކުރާ ދުވަސް. އެއީ ދިވެހިންގެ ދައުލަތުގެ ވެރިކަމާ މެދު ދިވެހިންގެ ބަސް އިއްވި ދުވަސް. ދިވެހިންގެ އެ ދުވަހާއި މި ދުވަހާ މާދަމާއާ މެދު ވިސްނާ ފިކުރު ކުރަން އޮތް ދުވަސް." ޖުމްހޫރީ ދުވަހަކާއި ދިވެހިންގެ ދިވެހި ގައުމާއި ގައުމުގެ މުސްތަގުބަލާ މެދު ފިކުރު ހިންގުމުގެ ދުވަސް ކަން ފާހަގަ ކުރައްވައި ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ޖުމްހޫރީ ދުވަސް ފާހަގަކުރަން ބޭއްވި ޖަލްސާ. -- ފޮޓޯ: ދަރަޖަ: އަބްދުﷲ އަބީދު
ޖުމްހޫރީ ދުވަސް ފާހަގަކުރަން ބޭއްވި ޖަލްސާ. -- ފޮޓޯ: ދަރަޖަ: އަބްދުﷲ އަބީދު

ރައީސް ވިދާޅުވި ގޮތުގައި ދުނިޔޭގައި އަމިއްލަ މިނިވަން ބިމެއް ނުލިބެ އޭގެ ސަބަބުން އަނިޔާ ލބޭ އެތައް މިލިއަން އިންސާނުންގެ ވޭންތަކާއި ހިތްދަތި ހާލަތު ފެނިފައިވާނެ ކަމަށާއި މާތް ﷲ ގެ ތަނަވަސް ރަހްމަތުން ދިވެހިންގެ ހާލަތު އެއާ މުޅިން ތަފާތު ކަމަށެވެ. އެކަމަށްޓަކައި މާތް ﷲ އަށް ޝުކުރުވެރިވާން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ގައުމާއި ވަތަނުގެ ދިފާއުގައި ފިކުރާއި އަމަލުތައް ސީދާ ކުރަން ޖެހޭނެ. އަޅުގަނޑުމެންގެ ކުރިއެރުމާއި މަދަނީ ތަހުޒީބީ ހަޔާތަށް ޖާގަ ހޯދަން ޖެހޭނެ،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒުގެ ހަނދާން ކުރެއްވި ބައެއް ހާދިސާތައް:

ޖުމްހޫރީ ދަތުރުގެ ބައެއް ހަނދާންތަކުގެ ގޮތުގައި ރައީސް ޑރ. މުއިއްޒު ފާހަގަ ކުރެއްވީ ސުމުއްވުލްއަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ދުވަސްވަރާއި ސުމުއްވުލް އަމީރު އިބްރާހިމް ނާސިރުގެ ވެރިކަމުގައި ހިނގައިދިޔަ ބައެއް ކަންކަމެކެވެ. އެގޮތުން، އެ ދުވަސްވަރު ގެންނަން އުޅުނު ތަރައްގީގައި "ކޮޅުފައިން" ޖަހަން އުޅުނު ކަމާއި އެކަންކަމާ ދެކޮޅަށް ބަޔަކު ނުކުތް ކަމަށް ވިދާޅުވި އެވެ. ނަމަވެސް އެ ބޭފުޅުން އިސް ކުރެއްވީ ގިނަ ރައްޔިތުންގެ މަސްލަހަތު ކަމަށް ވިދާޅުވެ، އަމީން އަދި ނާސިރުގެ ނިންމެވުންތަކަށް ރައީސް ޑރ. މުއިއްޒު ތައުރީފް ކުރެއްވި އެވެ.

ރައީސް ޑރ. މުއިއްޒު، ދިވެހި އަންހެނަކަށް އިނާމް ހަވާލުކޮށް ދެއްވަނީ. --- ފޮޓޯ: ދަރަޖަ
ރައީސް ޑރ. މުއިއްޒު، ދިވެހި އަންހެނަކަށް އިނާމް ހަވާލުކޮށް ދެއްވަނީ. --- ފޮޓޯ: ދަރަޖަ

1- އަންހެން ދަރިންނަށް ތައުލީމު ދޭން އުޅޭތީ ކުރިމަތިވެވަޑައިގަތް ގޮންޖެހުން

އަމީންގެ ވެރިކަމުގައި އަންހެން ކުދިންނަށް ތައުލީމް ލިބެން ޖެހޭނެ ކަމަށް ވަކާލާތު ކުރައްވަން ފައްޓަވައިގެން އެމަނިކުފާނަށް ގޮންޖެހުން ކުރިމަތިވެވަޑައިގަތެވެ. އެއީ އެއްގޮތަކަށް ވެސް ކުރައްވަން ހެޔޮ ނުވާވަރު ކަމެއް ކަން އޭރު ބައެއް މީހުން ރައްޔިތުންނަށް ވިސްނައި ދޭން ފެށި އެވެ.

އެންމެ ފަހުން އަމީން އެ ހެޔޮ ނަސީބު ދިވެހި ދަރީންނަށް ހޯއްދަވައިދެއްވީ ރައްޔިތުންގެ މަޖިލިހަށް ބިލެއް ހުށަހަޅުއްވައި ގާނޫނީ ބާރުވެރިކަން އެ ކަމަށް ފަހި ކުރައްވައިގެންނެވެ. އާހިރުގައި ހުރިހާ މޮޅެއް އަދި އުފަލެއް ލިބިގެން ދިޔައީ ދިވެހި ގައުމަށާއި ދިވެހިންނަށެވެ.

2- ރާއްޖޭގެ ރަށްރަށުގައި މަގު ކެނޑުއްވުމުގެ މަސައްކަތަށް ދެކޮޅު ހެދި

އަމީންގެ ވެރިކަމުގައި ހިނގައިދިޔަ ދެވަނަ ކަމެއްގެ ގޮތުގައި ރައީސް ޑރ. މުއިއްޒު ފާހަގަ ކުރެއްވީ އެމަނިކުފާނު އިސް ނަންގަވައިގެން ފެއްޓެވި ރާއްޖޭގެ ރަށްރަށުގައި މަގު ކެނޑުއްވުމުގެ މަސައްކަތެވެ. އޭގެ ކުރިން ރާއްޖޭގެ ރަށްރަށުގައި އޮންނަ ކަމަށް ވަނީ ހިމަހިމަ ހަނި ގޯޅިތަކެވެ.

ފުޅާ، ތަނަވަސް މަގުތަކަކީ އެމަނިކުފާނުގެ އެންގެވުމަށް ކެނޑުނު މަގުތަކެކެވެ. އެކަމަށް ވެސް އެއް ބަޔަކު ދެކޮޅު ހެދި އެވެ. ނަމަވެސް އެ ދެކޮޅުވެރިންނަށް ވުރެ ދުރު ފެންނަ، ކަންކަން ދޭހަވާ ވިސްނޭ ދިވެހި ރައްޔިތުން އެމަނިކުފާނުގެ އެ މަދަނީ ތަހުޒީބަށް މަރުހަބާއޭ ދެންނެވި އެވެ. ރަށްރަށުގައި ރީތި މަގުތައް ހެދީ ރައްޔިތުން ނުކުމެ އެވެ.

"ދެން ތިޔަ ބޭފުޅުން ވިސްނާލައްވާ މިކަމަށް ވެސް. ރާއްޖޭގެ ރަށްރަށުގައި ރީތި މަގުތައް ހުރީތީ ރަށްރަށް ވީ ހަލާކުތޯ؟ ނުވަތަ އެކަމުން އެ ރަށްރަށަށް ލިބުނީ ފަސޭހަކަމާއި ރީތިކަންތޯ؟" ރައީސް ޑރ. މުއިއްޒު ސުވާލު ކުރެއްވި އެވެ.

3- މަސްދޯނިފަހަރުގައި އިންޖީނު އަޅަން އުޅުނީމަ ދެކޮޅު ހެދި

ނާސިރުގެ ވެރިކަމުގައި އެމަނިކުފާނު ތައާރަފް ކުރައްވަން މަސައްކަތް ކުރެއްވި ތަރައްގީގެ އެއް ފުރުސަތަކީ މަސްދޯނި ފަހަރުގައި އިންޖީނު އެޅުމެވެ. މަދު ބަޔަކު މިކަމަށް ވެސް އިންކާރު ކުރި އެވެ. އެމީހުން ބުނީ އޭރުން އިންޖީނުގެ އަޑަށް މަސްތައް ފިލައިގެން ދާނީ ކަމަށާއި މަހެއް ނުބޭނޭނެ ކަމަށެވެ. އެކަމަކު، ހެޮ ވިސްނޭ މީހުން ދޯނީގައި އިންޖީނު އެޅި އެވެ.

4- ފަތުރުވެރިކަން ކުރަން އުޅެފާނެތީ ވެސް ފާޑުކީ!

އަވަށްޓެރި ބައެއް ގައުމުތަކުގައި 1966 އެ ޒަމާނަށް އެކަށޭނެ ފަތުރުވެރިކަމެއް އިންތިޒާމުވެގެން ހިނގަން ފެށި އެވެ. ދިވެހިން ފުރަތަމަ ވެސް ބޭރުގެ ބައެއް ބޭނުންކޮށްގެން އެކަމުގެ ދިރާސާތައް ހެދި އެވެ. އެ ރިޕޯޓުގައި އޮތީ ރާއްޖެއަކީ ދުރުދުރުގައި ރަށްތައް އެތުރިފައިވާ ރާއްޖެއަކަށްވާތީ ފަތުރުވެރިކަމުގެ ސިނާއަތަކީ ރާއްޖޭގައި އުފައްދައި ކުރިއެރުވިދާނެ ސިނާއަތެއް ނޫން ކަމެވެ. އެކަމަކު، ދެތިން ބޭފުޅަކު އިސް ނަންގަވައި ވަރަށް އާދައިގެ ގޮތަކަށް އެ ސިނާއަތް ފެއްޓެވި އެވެ.

"ދިވެހިންގެ ތެރެއިން މަދު ބަޔަކު ހަޖޫ ޖެހުމާއި ނަފްރަތުގެ ބަސްތައް އުފަން ކުރުވި ނޫންތޯ؟ ނަމަވެސް އުމްރާނީ އިގްތިސާދީ މި ފަދަ ވިސްނުންތަކުގެ ނަތީޖާ ބައްލަވާ. މިއަދު ފަތުރުވެރިކަމަކީ ދިވެހި އިގްތިސާދުގެ އެންމެ އުސް އެއް ތަނބު ނޫންތޯ؟" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ޖުމްހޫރީ ދުވަސް ފާހަގަކުރަން ބޭއްވި ޖަލްސާ. -- ފޮޓޯ: ދަރަޖަ: އަބްދުﷲ އަބީދު
ޖުމްހޫރީ ދުވަސް ފާހަގަކުރަން ބޭއްވި ޖަލްސާ. -- ފޮޓޯ: ދަރަޖަ: އަބްދުﷲ އަބީދު

ރައީސް ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި:

  • މި ހާދިސާތަކުން ދިވެހި ރައްޔިތުންގެ ގިނަ ބަޔަކު އަބަދުވެސް ކުރިއެރުމާއި ޒަމާނީ ތަރައްގީއަށް މަރުހަބާ ކިއާ.
  • ދިވެހިންގެ ގިނަ ބަޔަކު އިސް ކުރަނީ ގައުމީ ވިސްނުންކަން ސާފުވޭ.
  • ދިވެހިން ވަނީ ހޭލުންތެރިކަމާއި މަދަނީ ތަރައްގީއަށް ބޮޑު ތަރުހީބެއް ދީފައި.
  • ދިވެހިން ބޭނުންވަނީ ހޭލުންތެރި ދިވެހި ރާއްޖެއް، މަދަނިއްޔާތެއް ލިބިފައިވާ ރާއްޖެއެއް.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ދިވެހިން މިއަދު ވެސް ދިވެހި ރައްޔިތުން ތިއްބެވީ އެ ހަގީގަތުގެ މަތީގައި. އަދި އަޅުގަނޑުގެ ތަރައްގީގެ ސިޔާސަތު އެކަށައަޅާފައި އޮންނާނީ މި ދެ ނުކުތާގެ މައްޗަށް. އެއީ އިސްލާމް ދީނުގެ މައްޗަށް ބިނާވެފައިވާ މާނަވީ އިންސާނީ ބިނާ ކުރުމާއި މާއްދީ އުމްރާނީ ބިނާކުރުން،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި އެމަނިކުފާނު ބޭނުންފުޅު ވަނީ އިސްލާމް ދީނުގެ ވަރުގަދަ ބިންގަލުގެ މަތީގައި، މިނިވަންކަމާ ސިޔާދަތާއި އިސްތިގްލާލް ހިމާޔަތް ކުރެވިފައިވާ ފަރުދީ އަދި ގައުމީ ފާގަތިކަން ކަށަވަރު ކުރެވިފައިވާ މޫސުމީ އަދި ދުނިޔެވީ އެކި އަސަރުތައް ކުރިމަތީ ވިލުންތެރި ހުރިހާ މާނައެއްގައި ޝާމިލް ރާއްޖެއެއް ހެދުމަށެވެ.

އަދި ހުރިހާ ގޮތަކުން ގުޅުންތެރިކަން ގާއިމު ކުރެވިފައިވާ އީޖާދީ އުފެއްދުންތެރި އިގްތިސާދެއްގެ ވެރި، ވަށާޖެހޭ ގޮތުން ދުޅަހެޔޮ އަދި ތައުލީމީ ހުނަރުވެރި ރައްޔިތެއް ދިރިއުޅޭ އޭގެ އެންމެ ފުޅާ މާނައިގައި އިތުބާރު ލިބިގެންވާ ތަހުޒީބު މުޖުތަމައުއަކަށް ރާއްޖެ ހެދުމަކީ ތަސައްވުރެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ޖުމްހޫރީ ދުވަހު ހިތުގެ ދުއާއަކަށް ވާންވީ ދިވެހި ގައުމުގެ އަމާންކަމަށް ހުރަސް އަޅައި ދިވެހިންގެ މުސްތަގްބަލްގެ ކުރިއެރުމަށް ލޮޅުން އަރުވަން މަސައްކަތް ކުރާ އެންމެހާ ފަރާތްތަކަށް ހެޔޮ ވިސްނުން ދިނުން އެދި ދުއާ ކުރުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ADVERTISEMENT

ކޮމެންޓު0COMMENTS

ކޮމެންޓު ޝާއިޢުކުރުމުގެ ކުރިން އެޑިޓަރުން ބަލާނެ.

ADVERTISEMENT