ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖަހަން ގޮވާލި ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް

ރައީސް އޮފީހާއި ރައްޔިތުންގެ މަޖިލިހާއި ސުޕްރީމް ކޯޓުގައި ހުޅުޖަހަން ގޮވާލި މައްސަލައިގައި ހައްޔަރުކުރި އެމްއެންޑީއެފްގެ ކުރީގެ ފަސްޓް ލެފްޓިނަންޓް ޒިހާން ހަސަންގެ ބަންދަށް އިތުރު 16 ދުވަސް ޖަހައިފި އެވެ.
ފޭސްބުކްގައި ކުރި ޕޯސްޓަކާ ގުޅިގެން ޒިހާން ހައްޔަރުކުރީ މިދިޔަ މަހުގެ 20 ގަ އެވެ.
އެންމެ ފުރަތަމަ ޒިހާންގެ ބަންދަށް ޖެހީ 15 ދުވަހެވެ.އޭގެ ފަހުން، މުއްދަތު ހަމަވާތީ ކޯޓަށް ގެންދިއުމުން ދެވަނަ ފަހަރަށް ޖެހީ 14 ދުވަހެވެ.
ފުލުހުން ބުނީ ދެ ވަނަ ފަހަރަށް ކޯޓުން ދިން ބަންދުގެ މުއްދަތު ހަމަވެ، މިއަދު ކޯޓަށް ހާޒިރުކުރުމުން އިތުރު 16 ދުވަހު ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ. ޒިހާން ހައްޔަރުކޮށްފައި ވަނީ ފުވައްމުލައް ސިޓީގައި ހުއްޓަ އެވެ.
ޒިހާން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ދައުލަތުގެ ތިން ބާރުގެ އޮފީސް ހިންގާ އިމާރާތްތަކުގައި އަލިފާން ރޯނުކުރަނީ ކީއްވެ އެވެ. އެކަން ކުރަން ވަރަށް މަޖާވާނެ ކަމަށް އޭނާ ބުނެފައިވެ އެވެ. އެ ސްޓޭޓަސް ޖެހިތާ ގަޑިއިރެއް ފަހުން އޭނާ ވަނީ އެ ޕޯސްޓް ޑިލީޓްކޮށްލައިފަ އެވެ.
އެމެރިކާގެ ނޭވަލް އެކެޑެމީން ކިޔަވައިގެން މިދިޔަ ސަރުކާރުގައި ޒިހާން ދިޔައީ އެމްއެންޑީއެފްގެ ނޭވަލް އާކިޓެކްޓަކަށް މަސައްކަތް ކުރަމުންނެވެ. އޭނާ އެމްއެންޑީއެފްއިން ވަކިކުރީ މިދިޔަ ސަރުކާރުގެ ފަހުކޮޅުގަ އެވެ. އޭގެ ފަހުން މި ސަރުކާރުން އޭނާ އަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ދިނެވެ. ނަމަވެސް ފަހުން ވަނީ އެ މަގާމުން ވަކިކޮށްފަ އެވެ.


