ހަބަރުރައީސް ޑރ. މުހައްމަދު މުއިއްޒު
75 އަހަރުން މަތީގެ މީހުންނަށް ވެސް ލޯނު ލިބޭ ގޮތަށް ހަދަން އެދެފިން: ރައީސް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޯން އެޕްލިކޭޝަން ބަލައިގަންނަ އެންމެ ދޮށީ އުމުރަކީ 75 އަހަރު ނުވަތަ އެ އަށް ވުރެ މަތީ އުމުރެއް ކަމުގައި ހަމަޖައްސައި ދިނުމަށް އެދިވަޑައިގެންފައިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުއިއްޒު އެގޮތަށް ވިދާޅުވީ "ރައްޔިތުންގެ އަޑު" ޕްރޮގްރާމުގައި އާންމު ރައްޔިތަކު ކުރި ޝަކުވާއަކަށް ޖަވާބު ދެއްވަމުންނެވެ.
އެ ޕްރޮގްރާމުގައި ވާހަކަ ދެއްކި މީހަކު ބުނީ، އަމިއްލަ ގެ އަޅަން ލޯނެއް ހޯދަން ބެލިއިރު ލޯނު ދޫކުރާ އުމުރު ކަމަށްވާ 60 އަހަރަށް ވުރެ އޭނާގެ އުމުރު މަތިވެފައިވާތީ ލޯނު ލިބޭ ގޮތް ނުވި ކަމަށެވެ. އަދި ދަރިން ތައުލީމު ހާސިލުކުރުމަށާއި އެހެނިހެން ކަންކަމަށް ލޯނު ނަގާފައި ހުރުމުން އެކަމުގައި ދަރިންނަށް ވެސް އެހީތެރިވެވެން ނެތް ކަމަށް އެމީހާ ބުނެފައިވެ އެވެ.
ލޯނު ނަގައިގެން 10 ބުރީގެ އިމާރާތެއް ހެދުމުން އެ ތަނުގެ އަގު ހުންނާނެތީ، ލޯނު އަނބުރާ ނުދެއްކިއްޖެ ހާލަތެއްގައި އެ އިމާރާތް ނުވަތަ އެސެޓް ބޭންކަށް ނެގޭނެ އުސޫލެއްގެ ތެރެއިން ނަމަވެސް އުމުރުން ދުވަސްވީ މީހުންނަށް ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް އޭނާ އެދުނެވެ.
"އެންމެ ތަންކޮޅެއް ގޯސްކޮށް އޮންނަނީ، އެއީ މުސްކުޅިންނަށް ލޯނު ލިބޭނެ ގޮތެއް ނޯވޭ. މުސްކުޅިވިޔަސް ޒުވާންވިޔަސް މަރުވާންވީމަ މަރުވޭ އެބަ. މުސްކުޅިވިޔަސް އެސެޓް މޯގޭޖްކޮށްފަ އޮވޭ. އެހެންވީމަ އަޅުގަނޑު ގެ ހަދަން ލޯނު ނަގައިފިއްޔާ 10 ބުރިޔަށް ހެދޭ، 10 ބުރިޔަށް ހަދައިފި ނަމަ އެތަނުގެ އަގު ހުރޭ. އެހެންވެއްޖެ ނަމަ، އަޅުގަނޑު ލާރި ނުދައްކައިފިއްޔާ އެ ތަން ނެގޭނެ ނޫންތޯ." އެމީހާ ބުންޏެވެ.
ރައީސް ވިދާޅުވީ، ދިވެހިންގެ ދިރިއުޅުމުގެ އެވްރެޖް އުމުރު ގާތްގަނޑަކަށް 80 އަހަރަށް އަރާފައިވާއިރު، ބީއެމްއެލް އިން ލޯނު ދޫކުރުމުގައި އަމަލުކުރަމުންދާ 60 އަހަރުގެ މިންގަނޑަކީ އެންމެ އެކަށީގެންވާ އުސޫލެއް ނޫން ކަމަށެވެ.
އެހެންވެ، އެ އުމުރު މަތިކޮށްދިނުމަށް ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ބީއެމްއެލްގައި މިހާރު އެދިވަޑައިގެންފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އޭގައިވެފައި އޮތް ގޮތަކީ ތަންކޮޅެއް ކުރިން އަޅުގަނޑުމެންގެ އެވްރެޖް އޭޖް ތަންކޮޅެއް ކުޑަ. މިހާރު 80 ހިސާބުގައި މިއުޅެނީ. އެހެންވީމަ 60 އަހަރު ކުރީގެ ލިމިޓަކީ ބޭންކު އޮފް މޯލްޑިވްސްގައި. އަޅުގަނޑު ދެންނެވިން ބޭންކުގައި އެއަށް ބަދަލެއް ގެނެސްދޭށޭ. ކަމާ ބެހޭ ވުޒާރާގައި، ފިނޭންސް މިނިސްޓްރީގައި ދަންނަވާފަވާނެ. އަޅުގަނޑު އެދިފައި އޮންނާނީ 75 އަހަރާ ހަމައަށް ނޫނީ އެއަށްވުރެވެސް މައްޗަށް އޭޖް ލިމިޓް،" ރައީސް ވިދާޅުވި އެވެ.


