ADVERTISEMENT
ބްރިޖު ހައިވޭގައި އެކްސިޑެންޓެއް ހިނގައި 4 މީހަކަށް އަނިޔާވެއްޖެ

ސިނަމާލެ ބްރިޖާ ގުޅުވައިދޭ ހައިވޭގައި ރޭ ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ ހުޅުމާލެ އިން މާލެއަށް ދަތުރުކުރާ ފަޅީގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓު ލިބިފައިވަނީ ރޭ 11:30 ހާއިރު ކަމަށެވެ.
މި އެކްސިޑެންޓުގައި ހަތަރު މީހަކަށް އަނިޔާވި އިރު، އެއީ ދެ ފިރިހެނުންނާއި ދެ އަންހެނުން ކަމަށް ފުލުހުން ބުންޏެވެ.
އޭގެ ތެރެއިން ދެ މީހަކަށް ފަރުވާ ދިނުމަށް ފަހު ވަނީ ދޫކޮށްލައިފަ އެވެ. އަދި ބާކީ ތިބި ދެ މީހުންނަށް ފަރުވާ ދެމުން އަންނަ ކަމަށްވެ އެވެ.
ފުލުހުން ބުނި ގޮތުގައި އަނިޔާވި މީހުންނަށް ފަރުވާ ދެނީ އައިޖީއެމްއެޗުގަ އެވެ. އެމީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނޫނެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.


