ގުރުއާން ހިފްޒު ކުރުމުގެ ބައިނަލްއަގްވާމީ މުބާރާތް އަންނަ އޭޕްރީލް މަހުގައި

ރާއްޖޭގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ ބައިނަލްއަގްވާމީ ކީރިތި ގުރްއާން ހިތުދަސް ކުރުމުގެ މުބާރާތުގެ އެންމެ ފަހުގެ ތައްޔާރީތައް ނިމިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ ދެކުނު އޭޝިއާގެ ގައުމުތަކަށް ހުޅުވާލައިގެން ރާއްޖޭގެ އިސްލާމިކް މިނިސްޓްރީން ބާއްވާ މުބާރާތުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ނިމިފައިވާ ކަމަށެވެ. މި މުބާރާތް އޮންނަނީ އިސްލާމިކް މިނިސްޓްރީގެ ސައުދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީ އާއި ދައުވާ އެންޑް ގައިޑެންސް ގުޅިގެންނެވެ.
ޝަހީމް ވިދާޅުވީ މި މުބާރާތް އިންތިޒާމު ކުރުމާ ގުޅޭ ކަންކަމުގައި ފަހުގެ ނިންމެވުންތައް ނިންމެވުމަށް ސައޫދީގެ މިނިސްޓްރީގެ ހާއްސަމަންދޫބަކު މިހާރު ރާއްޖެވަޑައިގެންފައިވާ ކަމަށެވެ. މި މުހިންމު މުބާރާތް ބޭއްވުމަށް ބޭނުންވާ އެންމެހައި މާލީ އެހީތެރިކަން ސައޫދީ އަރަބިއްޔާގެ ސަރުކާރުން ހަމަޖައްސަވައި ދެއްވާފައިވާތީ، އެ ގައުމުގެ ސަރުކާރަށް ޝަހީމް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.
އަންނަ އޭޕްރީލް މަހު ބޭއްވުމަށް ތާވަލުކުރެވިފައިވާ މި މުބާރާތަކީ، ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ކީރިތި ގުރްއާން ހިތުދަސްކުރުމުގެ ޝައުގުވެރިކަން އިތުރުކުރުމަށާއި އިސްލާމީ ތައުލީމީ ދާއިރާއިން އޮތް ގުޅުން ބަދަހިކޮށް، ސަރަހައްދީ އެއްބައިވަންތަކަން ހަރުދަނާކުރުމަށް ލިބިގެންދާނެ އަގުހުރި ފުރުސަތެކެވެ.
ޝަހީމް ވިދާޅުވީ ސަރުކާރުގެ މައިގަނޑު އަމާޒަކީ މި މުބާރާތަކީ ކޮންމެ އަހަރަކުވެސް މެދުކެނޑުމެއް ނެތި ބޭއްވޭނެ މުބާރާތަކަށް ހެއްދެވުން ކަމަށާއި އަދި ކީރިތި ގުރްއާނުގެ އިލްމު ފެތުރުމަށާއި ހާފިޒުންގެ އާ ޖީލެއް ބިނާކުރުމަށް މަގުފަހިކޮށްދޭ ދާއިމީ މަންސައަކަށް މި މުބާރާތް ވެގެންދިއުމަށް ވެސް އުއްމީދުކުރައްވާ ކަމަށެވެ.
ރާއްޖޭގައި މިވަގުތު ތިބި ހާފިޒުންގެ އަދަދު 300 އަށް އަރާއިރު، މިވަގުތު ވެސް 1،800 އަށް ވުރެ ގިނަ މީހުން ގުރުއާން ހިތުދަސް ކުރެ އެވެ.


