ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ޕާޓީތަކަށް ސޮއިކުރުން މަނާކުރަން ބިލެއް ހުށަހަޅައިފި

ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުން ޕާޓީތަކަށް ސޮއިކުރުވައި، ސިޔާސީ ހަރަކާތްތަކުގައި ބައިވެރިކުރުން މަނާކުރުމަށް ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީގެ މެމްބަރަކު ވަޒީފާއާ ބެހޭ ގާނޫނަށް މިއަދު އިސްލާހު ހުށަހަޅުއްވައިފި އެވެ.
މި އިސްލާހު މަޖިލިހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ.
އެ ބިލު މަޖިލީހަށް ހުށަހެޅުއްވި ސަބަބެއް ކަމަށް ބުނެފައިވަނީ ސަރުކާރު އަދި ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް، ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިވުމަށް މަޖުބޫރުކުރުމާއި އެފަދަ ހަރަކާތްތަކުގައި ބައިވެރިނުވާ ނަމަ ވަޒީފާގެ ކުރިއެރުން ނުދިނުމާއި ވަޒީފާއިން ވަކިކުރުން ފަދަ ބިރުދެއްކުމުގެ އަމަލުތައް ހިންގަމުންދާތީ ކަމަށެވެ.
ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވުމާއި ނުވުމަކީ ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ އަސާސީ ހައްގެއް ކަމާއި ޕާޓީއެއްގެ މެމްބަރަކަށް ވުމާއި ޕާޓީގެ ހަރަކާތްތަކުގައި ބައިވެރިވުމަކީ މީހަކު އަމިއްލަ އިހްތިޔާރުގައި ނިންމަންޖެހޭނެ ކަމެއް މީކައިލް ވިދާޅުވި އެވެ.
ބިލުގެ މަގްސަދަކީ ދައުލަތުގެ ނުވަތަ ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަށް މަޖުބޫރު ކުރުމަކީ ގާނޫނީ ކުށެއް ކަމުގައި ކަނޑައަޅައި، އެކަމަށް އަދަބު ކަނޑައެޅުން ކަމަށް އޭގައިވެ އެވެ.
ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުން ސިޔާސީ ޕާޓީތަކަށް ސޮއިކުރުމާއި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަށް މަޖުބޫރުކުރުން ވަކި މާއްދާއެއް ހިމެނުމަށެވެ.
އެ މާއްދާގައި ބުނެފައިވަނީ ވަކި ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ވުމަށް ނުވަތަ ވަކި ސިޔާސީ ޕާޓީއަކުން ވަކިވުމަށް އަދި ސިޔާސީ ޕާޓީއަކުން ބާއްވާ އެއްވުމެއްގައި، ޖަލްސާއެއްގައި ނުވަތަ އެ ނޫން ވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުމަށް މުވައްޒަފަކަށް އެންގުމަކީ މަނާކަމެއް ކަމަށެވެ. އެ މާއްދާއާ ހިލާފުވާ ފަރާތަކުން އެ ކުރަނީ ގާނޫނުލްއުގޫބާތުގެ ދަށުން ޖިނާއީ ކުށެއް ކަމަށް ކަނޑައެޅުމަށް އިސްލާހުގައިވެ އެވެ.
މި ބިލްގެ ފުރަތަމަ ކިއުން މިހާރު ވަނީ މަޖިލިހުގެ ތަޅުމަށް އިއްވައިފަ އެވެ.


