113 އަށް ވުރެ ގިނަ ސްކޫލް އޭސީކޮށްފި

ސަރުކާރުގެ ސްކޫލްތައް އޭސީ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރިއަށް ގެންދާ "ކޫލް ސްކޫލް" މަޝްރޫއުގެ ދަށުން މިހާތަނަށް 113 އަށް ވުރެ ގިނަ ސްކޫލު އޭސީކޮށް ނިމިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފި އެވެ.
ސަރުކާރަށް ތިން އަހަރު ފުރުމާ ދިމާކޮށް އެޑިއުކޭޝަން މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، މިހާތަނަށް 113 އަށްވުރެ ގިނަ ސްކޫލުގެ 192 ކްލާސްރޫމާއި 80 ހޯލް ވަނީ އޭސީކޮށްފަ އެވެ.
މި މަޝްރޫއަކީ ދަރިވަރުން ކުލާހުގައި ކިޔަވަން ތިބޭ ވަގުތުތަކުގައި އިހުސާސް ކުރެވޭ ހޫނުމިނުގެ ދަރަޖަ މަތިވެ، އެކަމުގެ ސަބަބުން ދަރިވަރުންނާއި މުދައްރިސުން ތަހައްމަލު ކުރަންޖެހޭ އުނދަގޫތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ރައީސް ޑރ. މުއިއްޒުގެ އިސް ނެންގެވުމުގެ ދަށުން ފެއްޓެވި މަޝްރޫއެކެވެ.
ރާއްޖޭގައި ސަރުކާރުގެ 219 ސްކޫލެއް ހިންގާއިރު، އެ ސްކޫލްތަކުގައި 80،000 އަށްވުރެ ގިނަ ކުދިން ތައުލީމް ހާސިލް ކުރެ އެވެ.
ސްކޫލްތަކަށް ބޭނުންވާ އޭސީތައް ހޯދައި އެ ތަކެތި ހަރު ކުރަން ސަރުކާރުން ހަވާލު ކުރީ ފެނަކަ އާ އެވެ.


