ރަސްމާލޭގެ 800 ހެކްޓަރުގެ ބިން ހިއްކައިފި

ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިންގާ އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫއު ކަމަށްވާ ރަސްމާލޭގެ 800 ހެކްޓަރުގެ ބިން ހިއްކައި ނިމިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ހުޅުމާލެ ސެންޓްރަލް ޕާކުގައި މިރޭ ބޭއްވި ހާއްސަ ޖަލްސާގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރަސްމާލެ ހިއްކުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށާއި މި ވަގުތާ ހަމައަށް ގާތްގަނޑަކަށް 800 ހެކްޓަރުގެ ބިން ރަސްމާލެއިން ހިއްކާފައިވާ ކަމަށެވެ. ރަސްމާލެއަކީ މާލެ ކައިރީގައި އޮންނަ ކ. ފުށިދިއްގަރުފަޅު ހިއްކައިގެން ހިންގުމަށް ހަމަޖެހިފައިވާ ތަރައްގީގެ ބިޔަ މަޝްރޫއެކެވެ.
"އެއީ ހުޅުމާލޭގައި މިހާރު އޮތް ދެ ފިޔަވަހީގެ ގާތްގަނޑަކަށް ދެ ގުނަ. މިހާރު ވެސް މަސައްކަތް ދަނީ ކުރިއަށް. 1000 ހެކްޓަރުގެ ބިމެއް މި ހިއްކަނީ." ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ސަރުކާރުން އެންމެ އިސްކަމެއް ދެމުން އަންނަ އެއް ކަމަކީ ވާރުތަވި މަސައްކަތްތައް ނިންމައި، ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ގެދޮރު ލިބުނު މީހުންނަށް އެކަން ޔަގީންކޮށް ދިނުމެވެ. އެންމެ ފުރަތަމަ ކަމަކަށް، ހުޅުމާލޭގައި އަޅަން ފެށި 4،000 ފްލެޓުގެ މަސައްކަތް ނިންމައި އެތަންތަން ލިބުނު ފަރާތްތަކާ ހަވާލުކޮށް ނިމިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އަދި ގޯތި ދޭން ބިން ހިއްކަން ފެށި ތަންތަނުގެ ތެރެއިން، ހުޅުމާލެ 3 ހިއްކާ ނިމި އެތަނުން ގޯތި ލިބުނު މީހުންނަށްވެސް ގޯތި ހަވާލުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް މެދުކެނޑުމަކަށްފަހު، މިހާރު އަލުން ފަށައިގެން ބާރަށް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވި އެވެ. ގުޅިފަޅުންވެސް ބިން ހިއްކާ، ގޯތި ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރަސްމާލެއަކީ މިވަގުތު ބިމުގެ ގޮތުން ރާއްޖޭގައި އޮތް އެންމެ ބޮޑު ރަށެވެ. ރަސްމާލޭގެ 1،009 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން އެންމެފުރަތަމަ ދޫކުރާ 15،000 ގޯތިވެސް ދޫކުރާނީ ރަސްމާލެއިންނެވެ.
ރަސްމާލޭގެ ބިމުގެ ތެރެއިން 500 ހެކްޓަރުގެ ބިން ތަރައްގީ ކުރާނީ އިންޓަގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނެއްގެ ގޮތުގަ އެވެ. އެ ތަނުގައި "މޯލްޑިވްސް ވޯޓަފްރަންޓް އެންޑް މެރީނާ" މަޝްރޫއުގެ ނަމުގައި ބޮޑު މަޝްރޫއެއް ހިންގަން ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ވަނީ ޝައުގުވެރިވެފަ އެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ އަލަށްފެށި މަޝްރޫއުތަކުގެ ތެރެއިން ވިލިމާލެ، ހުޅުމާލެ އަދި ރާއްޖޭގެ އެކި ކަންކޮޅުގައި އެތައް ހާސް ހައުސިން ޔުނިޓެއްގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިއަށްދާ ކަމަށެވެ.


