4 އަހަރު ކުރިން ގެއްލުނު މިންހާޖު މަރުވި ކަމަށް ކަނޑައަޅައި ކަށުނަމާދު ކުރަނީ

އއ. މާޅޮސް ކައިރިން މީގެ ހަތަރު އަހަރު ކުރިން ބަންޑުން ޖަހާލި ލޯންޗުން ގެއްލުނު ޒުވާނާ މަރުވި ކަމަށް ކަނޑައަޅައިފި އެވެ.
މި ލޯންޗަކީ އޮކްޓޯބަރު 5، 2022 ގައި މާލެއިން އއ. އުކުޅަހަށް ދަތުރު ކުރި ލޯންޗެކެވެ. މި ލޯންޗުގައި ޖުމްލަ ދެ މީހުން ތިބިއިރު، ވީނުވީއެއް ނޭނގި ގެއްލުނީ ސ. ހިތަދޫ، މިންހާ، މުހައްމަދު މިންހާޖު 29، އެވެ.
މިންހާޖު އާ އެކީގައި ދަތުރުކުރި އަނެއް ޒުވާނާ ވަނީ ފަތާފައި ގޮސް އއ. ފެރިދު އަށް އަރައިފަ އެވެ.
މިންހާޖު ހޯދުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން އޭރު ކުރި ނަމަވެސް ހަފްތާއެއްހާ ދުވަސް ފަހުން، އޭނަ ހޯދުމުގެ މަސައްކަތް ހުއްޓާލީ ކަނޑުމަތިން ނުފެނިގެންނެވެ.
ކަށުނަމާދު ޕޭޖުން މިއަދު ކުރި ޕޯސްޓުގައި ބުނި މިންހާޖުގެ މައްޗަށް ޣައިބުގައި ކުރާ ކަށުނަމާދު މާދަމާ ހުކުރު ނަމާދަށް ފަހު ސަލްމާން މިސްކިތުގައި އޮންނާނެ ކަމަށެވެ.
ގެއްލޭ މީހުންގެ މައްޗަށް ކަށުނަމާދު ކުރެވޭނީ، އެ މީހަކު މަރުވެފައިވާ ކަމަށް ކޯޓުން ކަނޑައެޅީމަ އެވެ.
ކަނޑުވެ ގެއްލުނު ބައެއް މީހުންގެ މައްޗަށް ކަށުނަމާދު މީގެކުރިން ވެސް ކޮށްފައިވެ އެވެ.


