ހުޅުމާލޭގައި މިރޭ މިއޮތީ ކޮން ކަމެއް؟

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ގޮނޑުދޮށާ ޖެހިގެން އޮންނަ މަގުން ސައިކަލުގައި ދިޔައިރު، މަގުގެ ކަނާތް ފަރާތުން ފެނުނީ އާދަޔާ ހިލާފު މަންޒަރެކެވެ. ރާއްޖޭގެ އެއްވެސް ސަރަހައްދަކުން މީގެކުރިން ފެނިފައި ނުވާ ފަދަ ވަރަށް ހިތްގައިމު މަންޒަރެކެވެ.
އޮނިގަނޑު ފެންނަން ހުރީ ފިޔާތޮށި ކުލައިގަ އެވެ. އެ ސަރަހައްދަށް ފުރިހަމަ ކަން ލިބެނީ ވެސް އެ ކުލައިންނެވެ.
ފެންނަ ފެނުމުގައި އެއީ ޑިސްނީ ކާސަލްއެކެވެ. އާންމުންނަށް ފެންނާނެ ހެން ޒީނާތްތެރިކޮށްފައިވަނީ ކާސަލްގެ ބޭރެވެ. އެގޮތުން، ކާސަލް ކައިރީގައި ބަހައްޓާފައި ހުރި ހުދު ކުލައިގެ އަސްތަކަކާއި އެކި ކުލަކުލައިގެ ފިނިފެންމާތަކުން ސަރަހައްދަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވެ އެވެ.

ޑިސްނީ ކާސަލްގެ އެތެރޭގައި ފޮރުވިފައި ވަނީ ވަރަށް ގިނަ ބަޔަކު އެއްވެ ތިބެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ބޮޑު ހޯލެކެވެ. ހޯލަށް ވުރެ ބޮޑަށް ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ މި ކާސަލް އަށެވެ. މި ތަން ފުރިހަމަ ކުރުމުގެ މަސައްކަތް ކުރާތާ މިހާރު ދުވަސްކޮޅެއް ވެއްޖެ އެވެ.
ވެހިކަލްތަކުގައި އެ މަގުން ދާ ކޮންމެ މީހެއްގެ ނަޒަރު ނުވަތަ ލޯތައް ހުއްޓެނީ އެ ކާސަލްއަށެވެ.
އިއްޔެއަކީ އަދި މިއަދަކީ ބަންދު ދެ ދުވަހަށްވާތީ، އެ ސަރަހައްދު ފެނުނީ ވަރަށް ބާރު ބޮޑުކޮށެވެ. ފޮޓޯ އާއި ވީޑިއޯ ނެގުމުގައި މީހުން އުޅުނީ އަވަދިނެތި އެވެ.
އެކަމަކު، ސުވާލަކީ މިއީ ކޮން ކަމެއް ހެއްޔެވެ؟
މިއީ ހުޅުމާލޭގައި އަމިއްލަ ފަރާތަކުން ބާއްވާ ޑިޒްނީ ތީމް ޕާޓީއެކެވެ. މި ޕާޓީގެ ހަރަކާތްތައް ހަވީރުން ފެށިގެން މިރެއާ ހަމައަށް ކުރިއަށްދާނެ އެވެ.

އުމުރުން ހަތް އަހަރުގެ ކުޑަ ކުއްޖެއްގެ އުފަން ދުވަސް ފާހަގަ ކުރަން ބާއްވާ ޕާޓީއާ ދިމާކޮށް މިރޭ ހަވާ ވެސް އެރުވުމަށް ހަމަޖެހިފައިވެ އެވެ. ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ މިރޭ 19:30 އާއި 21:30 އާ ދެމެދުގެ ވަގުތެއްގަ އެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި ހަވާ އަރުވަނީ ހުޅުމާލެ ފޭސް ދޭއްގެ އިރުމަތީ ފަރާތުން ކަނޑުގަ އެވެ. ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ކުރިއަށްގެންދާ މި ހަރަކާތް ކުރިއަށް ދާނީ ހަތް މިނެޓެއް ހާއިރު ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
އަމިއްލަ ފަރާތެއްގެ ހަރަކާތެއްގައި މިހާ ގިނަ ވަގުތު ހަވާ އަރުވާ މިއީ ފުރަތަމަ ފަހަރެވެ. ރާއްޖޭގައި އާންމުކޮށް ހަވާ އަރުވަނީ ތިން މިނެޓަށް ނޫނީ ދެ މިނެޓަށެވެ. އެކަމަކު، ބޮޑެތި ބައެއް ހަފްލާތަކުގައި ފަސް މިނެޓަށް ވެސް ހަވާ އަރުވާފައި އެބަހުއްޓެވެ.
ފަހަކަށް އައިސް ކައިވެނި ޕާޓީތަކާއި އުފަން ދުވަހުގެ ހަފްލާތައް ޒީނަތްތެރި ކުރުމުގައި ތަފާތު އެކިއެކި ޑިޒައިންތައް އަންނަނީ ބޭނުން ކުރަމުންނެވެ. މި ޑިޒައިންތަކުން ދިވެހިންގެ އާދަޔާ ހިލާފު ހުނަރު ވަރަށް ބޮޑަށް ފެނިގެންދެ އެވެ.


