ދިޔަމިލީގައި ސިފައިން އިމާރާތްކުރި ސްކޫލް ނިންމަން ހޭދަވީ 235 ދުވަސް!

ތ. ދިޔަމިގިލި ސްކޫލްގެ ތިން ބުރީގެ އިމާރާތުގެ މަސައްކަތް އެމްއެންޑީއެފްގެ ސާވިސް ކޯގެ މިލިޓަރީ އިންޖިނިއާސް (އެމްއީ) އާ ހަވާލުކުރިތާ 235 ދުވަހުގެ ތެރޭގައި ނިންމައިފި އެވެ.
ދިހަ ކްލާސް ރޫމް އެޅުމުގެ މަސައްކަތް އެމްއެންޑީއެފްގެ ވިއްސަށް ވުރެ ގިނަ ސިފައިން ފެށީ މިދިޔަ މާޗް 31 ގަ އެވެ. އޭރު ނިމިފައި ހުރީ މަސައްކަތުގެ %30 އެވެ. އެ އިމާރާތުގެ މަސައްކަތް އިއްޔެ އެމްއެންޑީއެފުން ވަނީ ފުރިހަމަކޮށްފަ އެވެ.

އެމްއެންޑީއެފުން ބުނީ 235 ދުވަހުގެ ތެރޭގައި މި އިމާރާތް ނިންމާލުމަށް ސިފައިން ރެއާއި ދުވާލު ވަރަށް ގިނަ މަސައްކަތް ކުރި ކަމަށެވެ. އެގޮތުން ކުރިން ނިންމާފައި ހުރި އިމާރާތުގެ ސްޓްރަކްޗާއަށް ލިބިފައިވާ ގެއްލުންތައް އަލުން މަރާމާތުކޮށް، ސިފައިން އިތުރު ކޮލަމްތައް ޖަހައި ސްޓްރަކްޗާ ވަރުގަދަ ކުރި ކަމަށް ބުނެފައިވެ އެވެ.
އެކަންކަމުގެ އިތުރުން އިމާރާތުގެ ކޮންކްރީޓް މަސައްކަތްތަކާއި ރޭނުމާއި ސިމެންތި ޖެހުމާއި ކުލަލުމާއި ފުރާޅުގެ މަސައްކަތްތަކާއި ކްލާސްރޫމްތަކާއި ފާހަނާތަކާއި ސިޑިގޮޅި ސީލިންކޮށް ތަށި ޖެހުމާއި ކޮރިޑޯތަކާއި ސިޑިތަކުގައި ރެއިލިން ހަރުކޮށް ދަވާދުލީ ވެސް ސިފައިންނެވެ.

ފާހަނާތައް ފެންވައިރުކޮށް، ފާހަނާ ހޮޅިއަޅައި ތަށިތަކާއި ފާހަނާގެ އެހެން ބައިތައް ހަރުކުރުމާއި ކަރަންޓު ނަރުތައް އެޅުމާއި ބޮކި ފަންކާ، ޑީބޯޑު ފަދަ އެންމެހާ ބައިތައް ހަރުކުރީ ވެސް ސިފައިން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އަދި އަލިފާން ނިއްވާ ސާމާނު ގާއިމުކުރުމާއި ސްކޫލްގެ ނަން ބޯޑު ހަރުކުރީ ވެސް ސިފައިން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ މަސައްކަތްތައް ފަށައިގެން ނިމުމާ ހަމައަށް ވެސް އެ ރަށު ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވާ ކަމަށެވެ. ބައެއް މަސައްކަތްތަކުގައި ސިފައިންނާ އެކު އަމަލީގޮތުން މަސައްކަތުގައި ބައިވެރިވުމާއި، ސިފައިންނަށް އެކިއެކިގޮތްގޮތުން އެހީ ފޯރުކޮށްދީފައިވާ ކަމަށް ވެސް ބުންޏެވެ.

އެ މަސައްކަތުގައި މެނޭޖަރެއްގެ ގޮތުގައި ހަރަކާތްތެރިވެފައި ވަނީ އެމްއެންޑީއެފް ސާވިސް ކޯގެ މިލިޓަރީ އިންޖިނިއަސް (އެމްއީ)ގެ ވޮރަންޓް އޮފިސަރު 2 ޖައުފަރު މުހައްމަދެވެ. އަދި އެސިސްޓެންޓް މެނޭޖަރެއްގެ ގޮތުގައި ހަރަކާތްތެރިވެފައި ވަނީ އެމްއެންޑީއެފް ސާވިސް ކޯގެ މިލިޓަރީ އިންޖިނިއާސް (އެމްއީ)ގެ ފަސްޓް ސާޖަންޓް އަހުމަދު ހާލިދެވެ.
އެ މަސައްކަތް ފުރިހަމަކޮށް ނިންމުމުގައި އެމްއެންޑީއެފް ސާވިސް ކޯގެ ސިފައިންނަށް އެ ކޯގެ ސިގްނަލްސް އާއި އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއާސް (އީއެމްއީ)ގެ ސިފައިންގެ ޓެކްނިކަލް އެހީތެރިކަމާއި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިންގެ ބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.


