ސީދާ ޚަބަރަށް
23 ނޮވެމްބަރު 2026DHARAJA.COM
ADVERTISEMENT

ހަބަރުރައީސް ޑރ. މުހައްމަދު މުއިއްޒު

މި ސަރުކާރު އޮތްހާ ހިނދަކު އިސްރާއީލްއާ ގުޅުމެއް ނުބާއްވާނަން: ރައީސް

އިސްރާއީލްގެ ރައްޔިތަކަށް ދުވަހަކުވެސް ރާއްޖެއިން ފުރުސަތު ނުލިބޭނެ ކަމަށް ވިދާޅުވި

2 މިނެޓް

ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ހުޅުމާލޭގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ޑރ. މުއިއްޒު ވާހަކަފުޅު ދައްކަވަނީ. --- ފޮޓޯ: ދަރަޖަ
ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ހުޅުމާލޭގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ޑރ. މުއިއްޒު ވާހަކަފުޅު ދައްކަވަނީ. --- ފޮޓޯ: ދަރަޖަ

މި ސަރުކާރު ވެރިކަމުގައި އޮތްހާ ހިނދަކު، އިސްރާއީލްއާ އެކު އެއްވެސް ގުޅުމެއް ނުބާއްވާނެ ކަމަށާއި އިސްރާއީލްގެ އެއްވެސް ރައްޔިތަކަށް ރާއްޖެއަކުން ފުރުސަތެއް ނޯންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން ހުޅުމާލެ ސެންޓްރަލް ޕާކްގައި ބޭއްވި ބޮޑު ޖަލްސާގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ސަރުކާރުގެ ސިޔާސަތު ކަމަށްވާ "މޯލްޑިވްސް ފަސްޓް ޕޮލިސީ" އަކީ ދިވެހި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ސިޔާސަތު ކަމަށެވެ. އެ ސިޔާސަތުގެ ދަށުން އަވަށްޓެރިންނާއި އިސްލާމީ ގައުމުތަކާ ގާތް ގުޅުމެއް ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެކަމަކު، ރައީސް ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި މި ސަރުކާރުން ގުޅުން ނުބާއްވާނެ އެއް ގައުމެއް ދުނިޔޭގައި އެބައޮތެވެ. އެއީ ޔަހޫދީ އިސްރާއީލް ކަމަށް ވިދާޅުވި އެވެ.

ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ހުޅުމާލޭގައި މިރޭ ބޭއްވި ޖަލްސާ. --- ފޮޓޯ: ދަރަޖަ
ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ހުޅުމާލޭގައި މިރޭ ބޭއްވި ޖަލްސާ. --- ފޮޓޯ: ދަރަޖަ

ރައީސް ޑރ. މުއިއްޒު ވިދާޅުވީ މި ގައުމުގެ މިނިވަންކަމުގެ ފަލަ ރަތް ރޮނގު ހިމާޔަތްކުރަމުންދާ ކަމަށާއި އެ ރަތް ރޮނގަކީ އެއްވެސް ފަރާތަކަށް ހުރަސްކުރެވޭނެ ރޮނގެއް ނޫން ކަމަށެވެ.

"ރާއްޖެއާ ހުރިހާ ފަރާތްތަކާ އެކުގައި ވެސް ގުޅުން ގާއިމްކުރެވޭނެ އިސްރާއީލް ފިޔަވައި. އިސްރާއީލްއާ އެކުގައި މި ސަރުކާރުން އޮތްހާ ހިނދަކު، އަޅުގަނޑުގެ ސިޔާސަތު ތަންފީޒުވާހާ ހިނދަކު، ކުރިއަށް އޮތް ތަނުގައި ގާނޫނު އިތުރަށް ވަރުގަދަކުރެވިގެން ގޮސް ދުވަހަކު ވެސް ރާއްޖޭގައި އިސްރާއީލްގެ ރައްޔިތަކަށް ފުރުސަތެއް ނުލިބޭނެ. އަދި އިސްރާއީލާއެކު މި ރާއްޖޭގެ ގުޅުމެއް ނޯޯންނާނެ." ރައީސް ވިދާޅުވި އެވެ.

ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ހުޅުމާލޭގައި މިރޭ ބޭއްވި ޖަލްސާ. --- ފޮޓޯ: ދަރަޖަ
ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ހުޅުމާލޭގައި މިރޭ ބޭއްވި ޖަލްސާ. --- ފޮޓޯ: ދަރަޖަ

ރައީސް ޑރ. މުއިއްޒު އެގޮތަށް ވިދާޅުވިއިރު، ރަސްމާލޭގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އީގަލް ހިލްސް ކުންފުނިން ހިންގުމަށް ތައްޔާރުވަމުން އަންނަ "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" މަޝްރޫއުއާ ގުޅިގެން އިދިކޮޅު ފަރާތްތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރަސްމާލޭގައި އިސްރާއީލް ނުވަތަ ޔަހޫދީން ވަޒަންވެރި ކުރުވަފާނެތީ އެވެ.

އެ ކަންބޮޑުވުންތަކާ ގުޅިގެން ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެ މަޝްރޫއުގެ ދަށުން އިމާރާތްކުރާ އެއްވެސް ތަނެއް އިސްރާއީލް މީހަކު ގަނެ، ވަޒަންވެރި ނުވެވޭނެ ކަމަށެވެ. އަދި ރިއަލް އެސްޓޭޓް ބިލްގެ ދަށުން އެކަން މަނާ ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެ ބިލްގެ އިތުރުން އިމިގްރޭޝަންގެ ގާނޫނަށް ގެންނަ ބަދަލާ އެކު، އިސްރާއީލްގެ އެއްވެސް ރައްޔިތަކު ނުވަތަ ޑުއެލް ޕާސްޕޯޓު އޮތް އިސްރާއީލްގެ އެއްވެސް ރައްޔިތަކަށް ރާއްޖެ އެތެރެ ނުވެވޭ ގޮތަށް ގާނޫނު ބަދަލު ގެންނާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ވަނީ ދެއްވައިފަ އެވެ. އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މިހާރު އޮތީ މަޖިލިހުގަ އެވެ.

ފަލަސްތީނުގެ ހައްގުގައި ރައީސް ޑރ. މުއިއްޒު އަދި އެމަނިކުފާނުގެ ސަރުކާރުގެ އިސް ވެރިން ގެންދަވަނީ ބައިނަލްއަގުވާމީ ދުނިޔޭގައި އަޑު އުފުއްލަވަމުންނެވެ. އިސްރާއީލްގެ ލާއިންސާނީ އަދި ފަލަސްތީނުގެ ނަސްލު ނައްތާލުމަށް ހިންގަމުން އަންނަ ޖަރީމާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ އެއް ގައުމަކީ ވެސް ރާއްޖެ އެވެ.

ADVERTISEMENT

ކޮމެންޓު0COMMENTS

ކޮމެންޓު ޝާއިޢުކުރުމުގެ ކުރިން އެޑިޓަރުން ބަލާނެ.

ADVERTISEMENT